Support Us

މި މަހު 6 ގައި ހުޅަނގު އައްސޭރީގައި ޔަހޫދީން ހުޅުޖެހި ފަލަސްތީން މީހެއްގެ ކާރެއް

ހުޅަނގު އައްސޭރީގައި ޔަހޫދީން ދިރިއުޅެން އިތުރު 34 ސަރަހައްދެއް އިސްރާއީލުން ކަނޑައެޅުމުން ފާޑުކިޔުން

އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން ދިރިއުޅެން އިތުރު 34 ސަރަހައްދު އިސްރާއީލު ސަރުކާރުން ކަނޑައެޅުމުން އިސްލާމީ 57 ގައުމު ހިމެނޭ އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޫޕަރޭޝަން (އޯ.އައި.ސީ) އާއި ޔޫރަޕް އިއްތިހާދުން ފާޑުކިޔައިފިއެވެ.

އިސްރާއީލުން މި ނިންމުން ނިންމީ ސިއްރިޔާތުގައި ބުރާސްފަތި ދުވަހުއެވެ. އަދި މި ކަމަށް އަމާޒުވި ފާޑުކިޔުންތަކަށް މިހާތަނަށް ރައްދެއް ނުދެއެވެ.

އޯ.އައި.ސީން ބުނީ މި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށާއި މިއީ ފަލަސްތީނާއި އިސްރާއީލާ ދެމެދު ސުލްހަ ގާއިމުކުރަން ހުރަސްއަޅާނެ ކަމެއް ކަމަށެވެ.

"ހުޅަނގު އައްސޭރި ހިފައިފައިވާ އިސްރާއީލަށް ހުޅަނގު އައްސޭރީގެ ސިޔާދަތު ލިބިގެނެއް ނުވޭ. އެ ތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ބައިނަލްއަގުވާމީ ގާނޫނީ ހައިސިއްޔަތެއް ނެތް އަމަލުތަކެއް،" އޯ.އައި.ސީން ބުންޏެވެ.

ޔޫރަޕް އިއްތިހާދުގެ ހާރިޖީ ސިޔާސަތާ ބެހޭ ތަރުޖަމާނު އަނުވާރުލްއަނުނީ ބުނީ އިސްރާއީލުން އަމިއްލަ އަމިއްލައަށް ނިންމާ މި ފަދަ ނިންމުތައް ޔޫރަޕް އިއްތިހާދުން "ހަރުކަށިކަމާއެކު ކުށްވެރިކުރާ" ކަމަށެވެ.

ފަލަސްތީންގެ ރިޔާސަތުން ބުނީ އިސްރާއީލުން ނިންމި މި ނިންމުމަކީ "ފާޅުކަން ބޮޑު ގޮތެއްގައި އަދި ލަދުވެތި ކަމެއް ނެތި ބައިނަލްއަގުވާމީ ގާނޫނު މުގުރައިލުން" ކަމަށެވެ.

ހުޅަނގު އައްސޭރީގައި އަލަށް އާބާދުކުރާ ޔަހޫދީންގެ 34 ސަރަހައްދު ނުވަތަ "ސެޓްލްމަންޓް"ތަކަކީ 1967 ގައި އިސްރާއީލުން ހުޅަނގު އައްސޭރި ހިފީއްސުރެ ޔަހޫދީން އެ ބިމުގައި ވަޒަންވެރި ކުރުވަންކުރާ މަސައްކަތުގެ ބައެކެވެ. އިސްރާއީލުގެ ބޮޑުވަޒީރު ކަމަށް ބެންޖަމިން ނަތަންޔާހޫ 2022 ގައި އައި ފަހުން ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުންވަނީ އިތުރުކޮށްފައެވެ. މި ކަމުގެ ސަބަބުން މެދުއިރުމަތީގައި ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުމަށް ހުރަސްއެޅޭނެކަމުގެ ކަންބޮޑުވުން ބައިނަލްއަގުވާމީ މުޖުތަމައުންވަނީ ފާޅުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *