Support Us

ސުލްހައިގެ ވާހަކަތައް ކުރިއަށްގެންދަން ކައިރިވެފައިވަނިކޮށް އީރާނަށް ޓްރަމްޕްގެ ހަރުކަށި އިންޒާރެއް

އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދެ ހަފުތާއަށް މެދުކަނޑައިލައި، ސުލްހައިގެ ވާހަކަތައް ޕާކިސްތާންގައި މިއަދު ކުރިއަށްގެންދަން ކައިރިވެފައިވަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ.

ޓްރަމްޕް (ފޮޓޯ) ވިދާޅުވީ އީރާނުން އެމެރިކާއާއެކު ޑީލެއް ނުހަދައިފިނަމަ ހަމަލާތައް ކުރިއަށްގެންދަން ތައްޔާރު ކަމަށެވެ.

"އަހަރެމެންގެ އަސްކަރީ މަނަވަރުތަކަށް މި ދަނީ އަހަރެމެންގެ އެންމެ މޮޅު ހަތިޔާރުތައް ބަރުކުރަމުން. އަހަރެމެންނާއެކު އީރާނުން ޑީލެއް ނުހަދައިފިނަމަ އަހަރެމެން އެ ހަތިޔާރުތައް ބޭނުންކުރާނަން. އަދި ބޭނުންކުރާނީ ވަރަށް ފުރިހަމައަށް،" ޓްރަމްޕް ވިދާޅުވިއެވެ.

"އީރާނަށް ކުރެވޭނެ އިތުރު ކަންތައްތަކެއް ނެތްކަން އީރާނަށް ނޭނގޭ ކަހަލަ. ހަމައެކަނި އޮތް ގޮތަކީ ބައިނަލްއަގުވާމީ ކަނޑުތައް ކޮންޓްރޯލްކުރުން،" އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް އިޝާރާތްކުރެއްވީ އީރާނުން ކޮންޓްރޯލްކުރާ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅި، އީރާނާ ދެކޮޅަށްކުރި ހަނގުރާމައަށް ތާއީދުކުރި ގައުމުތަކަށް އީރާނުން ބަންދުކޮށްލިކޮށްލުމަށެވެ.

"އީރާން މި ވަގުތު ދެމިއޮތުމުގެ ސަބަބަކީ އަހަރެމެންނާ ޑީލެއް ހެދުމަށް،" އޭނާ ވިދާޅުވިއެވެ.

ސުލްހައިގެ ވާހަކަތައް ފެށުމުގެ ކުރިން އީރާނުން ބުނީ އީރާންގެ އެސެޓްތައް ފްރީޒްކޮށްފައި އޮތްއޮތުމަށް ނިންމުމެއް ގެންނަން ޖެހޭނެ ކަމަށާއި އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓައިލަން ޖެހޭނެ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ އީރާނާއެކު އެމެރިކާއިން ސުލްހައިގެ ވާހަކަތައް ކުރިއަށްގެންދަން ތައްޔާރުވެފައިވާތީ ލުބްނާނަށް ދެމުންދާ ހަމަލާތައް "މައިތިރިކޮށްލުމަށް" އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގާތުގައި އެދިވަޑައިގަންފައިވާނެ ކަމަށެވެ.

އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި ހަނގުރާމަ މި ދިޔަ އަންގާރަ ދުވަހު މެދުކަނޑައިލުމާ ހަމައަށް އީރާނުންވަނީ 2،076 މީހުން ޝަހީދުވެފައެވެ. އެމެރިކާއިން 13 ސިފައިން މަރުވިއިރު އިސްރާއީލުން 26 މީހުންވަނީ މަރުވެފައެވެ.

އީރާނާއެކު އެމެރިކާއިން ޕާކިސްތާންގައި މިއަދު ކުރިއަށްގެންދާ ސުލްހައިގެ ވާހަކަތަކަށް އީރާން އަދި އެމެރިކާގެ މަންދޫބުން މިއަދުވަނީ ޕާކިސްތާނަށް ގޮސްފައެވެ.

ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ އީރާންގެ މަންދޫބުން:

  • ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފު
  • ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ

ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ އެމެރިކާގެ މަންދޫބުން:

  • އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވާންސް
  • ޓްރަމްޕްގެ ހާއްސަ މަންދޫބު އަދި ވާހަކަތަކުގެ އިސްވެރިޔާ ސްޓީވް ވިޓްކޮފް
  • ޓްރަމްޕްގެ ދަނބިދަރިކަލުން އަދި މެދުއިރުމަތީގެ ޑިޕްލޮމެޓިކް ކަންތަކުގައި ހަރަކާތްތެރިވާ ޖެރެޑް ކަޝްނާ

ސުލްހައިގެ ވާހަކަތަކުގައި މެދުވެރިންގެ ދައުރުއަދާކުރާ މީހުން:

  • ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް
  • ޕާކިސްތާންގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު މުހައްމަދު އިސްހާގު ދާރު
  • ޕާކިސްތާންގެ ސިފައިންގެ އިސްވެރިޔާ އާސިމް މުނީރު
  • ޕާކިސްތާންގެ ދާހިލީ ވަޒީރު މުހްސިން ރަޒާ ނަގްވީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *