Support Us

ޣައްޒާގެ ޚާން ޔޫނިސްގައި ހުރި ފަލަސްތީންގެ ގެދޮރު ދޫކޮށް ދާން ޖެހުނު މީހުން ދިރިއުޅެމުންދާ ކޭމްޕެއް ކައިރީގައި އިއްޔެ ޒުވާނުންތަކެއް މަޑުކޮށްލައިގެން

ޣައްޒާ ހަނގުރާމަ ހުއްޓައިލިތާ 6 މަސް ވީއިރު ވެސް އަސާސީ ސިއްހީ އެހީއަށް އިސްރާއީލުން ހުރަސްއަޅައިފައި

ޣައްޒާ ހަނގުރާމަ ހުއްޓައިލަން ޣައްޒާ ހިންގާ ހަމާސް ޖަމާއަތާއެކު އިސްރާއީލުން މި ދިޔަ އަހަރު އޮކްޓޫބަރު 10 ގައި ހެދި އެއްބަސްވުމަށް ހަ މަސް ވީއިރު ވެސް ޣައްޒާއަށް ބޭނުންވާ އަސާސީ ސިއްހީ އެހީއަށް އިސްރާއީލުންވަނީ ހުރަސްއަޅައިފައި ކަމަށް އެހީ ދޭ ޖަމާއަތްތަކުން ބުނެފިއެވެ.

ފަލަސްތީން ރައްޔިތުންނަށް ސިއްހީ އެހީ ފޯރުކޮށްދޭ މެޑިކަލް އެއިޑް ފޮ ފަލަސްތީނިއަންސް (އެމް.އޭ.ޕީ)އިން ބުނީ އިންސާނީ އެހެނިހެން އެހީ ވެސް ޣައްޒާއަށް ވެއްދުމަށް އިސްރާއީލުން އަދިވެސް ވަނީ ހުރަސްއަޅައިފައި ކަމަށެވެ.

ޣައްޒާގައި ހުރި ހޮސްޕިޓަލްތަކާއި ސިއްހީ އެހީ ދޭ ކްލިނިކްތައް މި ވަގުތު ހިންގަނީ މަދު ވަސީލަތްތަކާއެކު ކަމަށާއި އެންމެ ބޮޑަށް ބޭނުންވާ ހުރިހާ ބޭހުގެ ސްޓޮކް މިހާރު ވަނީ އެއްކޮށް ހުސްވެފައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި ކެންސަރަށް ދޭ ބޭހުގެ 64 ޕަސެންޓް ނެތް ކަމަށް ވެސް އެމް.އޭ.ޕީން ބުންޏެވެ.

ޣައްޒާގައި ހުރި ހޮސްޕިޓަލްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ހޮސްޕިޓަލްތައް އަދިވެސް ނުހުޅުވައި ކަމަށާއި މުޅިން ފުރިހަމައަށް މަސައްކަތްކުރާ އެއްވެސް ހޮސްޕިޓަލެއް ނެތް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެ ގޮތުން 90 ހޮސްޕިޓަލްގެ ޖެނެރޭޓަރުތައް މަސައްކަތްނުކުރާ ކަމަށާއި އެއީ ސްޕެއާ ޕާޓް ނުލިބުމާއި ތެޔޮ ވެއްދުމަށް ވެސް އިސްރާއީލުން ހުރަސްއަޅައިފައިވާތީ ކަމަށް އެމް.އޭ.ޕީން ބުންޏެވެ.

"ގާތްގަނޑަކަށް 4،000 ކުޑަކުދިން ހިމެނޭ ގޮތަށް ވަރަށް ސީރިއަސް ހާލަތުގައި ތިބި 18،500 އަށްވުރެ ގިނަ ބަލިމީހުންނަކީ ޣައްޒާއިން ބޭރުން ފަރުވާ ދިނުމަށް ޣައްޒާއިން ބޭރަށް އަވަހަށް ގެންދަން ޖެހިފައިވާ މީހުން. ނަމަވެސް ސިއްހީ ފަރުވާ ދިނުމަށް ޣައްޒާއިން ބޭރަށް ބަލިމީހުން ގެންދިއުމަށް އިސްރާއީލުންވަނީ ވަރަށް ހަރުކަށިކޮށް ހުރަސްއަޅައިފައި،" އެ ޖަމިއްޔާއިން ބުންޏެވެ.

ގާތްގަނޑަކަށް 72،000 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ޝަހީދުވެފައިވާ ދެ އަހަރަށް ދެމިގެންދިޔަ ޣައްޒާ ހަނގުރާމަ ހުއްޓައިލަން އެއްބަސްވި ދުވަހުން ފެށިގެން މިވީ ދުވަސްތަކުގައި ވެސް އިސްރާއީލުން ވަނީ ޣައްޒާއަށް ހަމަލާދީ މަދުވެގެން 738 މީހުން ޝަހީދުކޮށްލައި، 2،000 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފައެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރައިމައިގެ 40 ދުވަހުގެ ތެރެއިން 36 ދުވަހު ވެސް އިސްރާއީލުން ވަނީ، އެ ހަނގުރާމައަށް ދުނިޔޭގެ ސަމާލުކަން ހުއްޓި، ޣައްޒާއަށް އޮތް ސަމާލުކަން ކުޑަވުމުން، އެ ކަމުގެ ނާޖާއިޒު ފައިދާ ނަގައި، ޣައްޒާއަށް ހަމަލާދީފައެވެ. އެ 36 ދުވަހުގެ ތެރޭގައި ޣައްޒާއިން މަދުވެގެން 107 މީހުން ޝަހީދުވެ، 342 މީހުން ޒަހަމްވެފައިވެއެވެ. އަދި ޣައްޒާއިން ބޭރުން ފަރުވާ ދިނުމަށް އިސްރާއީލުން ހުއްދަ ދިނީ އެންމެ އަށް މީހުންނަށް ކަމަށްވާއިރު، ހަމާސްއާއެކު ހެދި ސުލްހައިގެ އެއްބަސްވުމުގައިވާ ގޮތާ ހިލާފަށް ޣައްޒާއަށް އެހީ ވެއްދުމަށް ހުއްދަ ދިނީ އެންމެ 20 ޕަސެންޓް ލޮރީއަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *