މީހުން އުފުލާ ބަހެއްގެ ސައިޒަށް ބޮޑުވާ، އިންސާނުންނަށްވުރެ އެތައް މިލިއަން އަހަރެއް ކުރިން ދުނިޔޭގައި އުޅެން ފެށި "ރައިސް" ބާވަތުގެ ބޮޑުމަހަށް ބަލާއިރު، މި ވަގުތު ދުނިޔޭގައި އުޅެނީ އޭގެ ގާތްގަނޑަކަށް 50 ބޮޑުމަހެވެ.
އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފަށައިފައިވާ ހަނގުރައިމައިގެ ސަބަބުން ތެލުގެ ދަތިކަމަށް އޮތް ބިރެއް ހީވެގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަކުން ދުނިޔެއިން ރައިސް ހުސްވެދާނެ ކަމަށް، ތިމާވެށި ރައްކާތެރިކުރަން ވަކާލާތުކުރާ ފަރާތްތަކުން ބުނެފިއެވެ.
"ގައުމީ ސަލާމަތާއި ހަކަތައިގެ ބޭނުމަށް" ކަމަށް ވިދާޅުވެ ޓްރަމްޕް ކުރެއްވި ކަމަކީ މެކްސިކޯ ކަނޑުގައި ތެލާއި ގޭސް ހޯދުމާއި ޑްރިލްކުރުން، ތިމާވެށީގެ މިންގަނޑުތަކަށް ނުބަލާ ކުރިއަށްގެންދިއުމަށް ހުއްދަ ދެއްވުމެވެ. އެމެރިކާއަކީ މިހާރު ވެސް ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމެވެ. އަދި އީރާންގެ ހުރުމުޒު ކަނޑުއޮޅިން ބޭރުކުރާ ގަލްފު ގައުމުތަކުގެ ތެލުގެ ތެރެއިން އެމެރިކާއިން ބޭނުންކުރަނީ 10 ޕަސެންޓަށްވުރެ ވެސް މަދު ތެލެވެ.
ރައިސް އުޅެނީ ހަމައެކަނި މެކްސިކޯ ކަނޑުގައެވެ. ޓްރަމްޕްގެ ނިންމެވުމުގެ ސަބަބުން ޑްރިލް ކުރުމުގެ މަސައްކަތާއި އަޑާއި އަދި ބޯޓުފަހަރުން ރައިސްތަކުގައި ޖެހުމުގެ ނުރައްކާ ރައިސްތަކަށް އޮންނާނެ ކަމަށް ސައިންސްވެރިން ބުންޏެވެ.
ދުނިޔެއިން ރައިސް ހުސްވެއްޖެނަމަ އެ ކަން ވާނީ ވޭތުވެދިޔަ 300 އަހަރުގެ ތެރޭގައި އުތުރު އެމެރިކާ ބައްރުގެ ކަނޑުތަކުން ބޮޑުމަހުގެ ބާވަތެއް މުޅިން ނެތިގެންދާނެ ފުރަތަމަ ފަހަރަށެވެ.
ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ގްރޫޕްތަކުން ބުނީ ޓްރަމްޕްގެ ނިންމެވުމަކީ، ތިމާވެށްޓަށް ބެލުމެއް ނެތި އިންސާނުންގެ އަމަލުތައް ބައްޓަންކުރަން މިސާލަކަށް ވެދާނެ ކަމަށެވެ.
"މި ވާ ގޮތުން މަހުލޫގެއް ދުނިޔެއިން މުޅިން ހުސްކޮށްލަން ފުރުސަތު ތަނަވަސްކޮށްދިނީ،" ތިމާވެށްޓަށް ވަކާލާތުކުރާ ޖަމިއްޔާއަކުން ބުންޏެވެ.
އެމެރިކާގެ ވާމަންޓް ސްޓޭޓްގެ ޝަރުއީ ދާއިރާގެ ވާމަންޓް ލޯ ސްކޫލުން ވެސް ވަނީ ޓްރަމްޕްގެ ނިންމެވުމަށް ފާޑުކިޔައިފައެވެ.
"މި ކަން ވާނެ އެނގިހުރެ އެމެރިކާގެ ރައީސަކު ބޮޑުމަހެއް ނައްތައިލަން ފުރަތަމަ ފަހަރަށް ކުރެއްވި ކަމަކަށް،" އެ ސްކޫލްގެ ތިމާވެށްޓާ ގުޅޭ ގާނޫނާ ބެހޭ ތަޖުރިބާކާރު ޕެޓް ޕެރެންޓޯ ބުންޏެވެ.
ތިމާވެށްޓަށް ވަކާލާތުކުރާ ފަރާތްތަކުން ބުނީ ޓްރަމްޕްގެ ނިންމެވުމަށް ގޮންޖަހަން މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.



advertisment