ޑީލެއް ހަދައި، ހުރުމުޒު ކަނޑުއޮޅި ހުޅުވައިލުމަށް އެމެރިކާއިން ދިން 10 ދުވަހުގެ މުހުލަތު މާދަމާ ހަމަވާން ކައިރިވެފައިވަނިކޮށް އެ މުހުލަތާ އީރާނުން މިއަދު ދެކޮޅު ހަދައިފިއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައާ ގުޅިގެން، އެ ހަނގުރާއަށް ތާއީދުކުރާ ގައުމުތަކަށް، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި އީރާނުން ވަނީ ބަންދުކޮށްލައިފައެވެ. އަދި މި ކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ގޮސް، ހިއްސާގެ ބާޒާރަށް ވަނީ ލޮޅުން އަރައިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވީ ހުރުމުޒު ނުހުޅުވައިފިނަމަ "ހުރިހާ ގޮތަކުން" އީރާނަށް ހަމަލާދޭނެ ކަމަށެވެ. އޭނާ ކުރިން ވިދާޅުވެފައިވަނީ އީރާންގެ ނިއުކްލިއަ ހަކަތަ މަރުކަޒުތަކަށާއި އިންޖީންގެތަކަށާއި ލޮނު ފެން ސާފު ފެނަށް ހަދާ ޑީސެލިނޭޝަން ޕްލާންޓްތަކަށް ހަމަލާދޭނެ ކަމަށެވެ.
އީރާންގެ އަސްކަރިއްޔާއިން ބުނީ އީރާނަށް "ހުރިހާ ގޮތަކުން" ހަމަލާދޭނެ ކަމަށް ޓްރަމްޕް ވިދާޅުވުމަކީ އެމެރިކާގެ ނިކަމެތިކަން ދައްކައިދޭ ކަމެއް ކަމަށެވެ.
"ޓްރަމްޕް އެ ގޮތަށް ބިރުދެއްކުމުން ހާމަވަނީ އޭނާގެ ނިކަމެތިކަމާއި ހާސްވެފައިވާ ކަމާއި ބެލެންސެއް ނެތް ކަމާއި ގަމާރު އަމުލުތައް،" އީރާންގެ އަސްކަރީ ޖެނެރަލް އަލީ އަބްދުﷲ އަލްއިބާލައީ (ފޮޓޯ) ބުންޏެވެ.
ހުރުމުޒު ހުޅުވައިލުމަށް ޓްރަމްޕް ދެއްވި މުހުލަތު ކައިރިވަމުންދާތީ ދުނިޔޭގައި އުފެދިފައިވާ ހާސްކަން އިތުރުވެފައިވާތީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިއަދު ވެސް ހުރީ 109 ޑޮލަރު (1،680ރ.)ގައެވެ. އެއީ އީރާން ހަނގުރާމަ ތިން ހަފުތާ ތެރޭގައި ނިންމައިލައިނެ ކަމަށް ޓްރަމްޕް ކުރިން ވިދާޅުވުމުން ތެލުގެ އަގު އެއިރު ދަށަށް ދިޔަ ނަމަވެސްމެއެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. އަދި ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔައީ 119 ޑޮލަރު (1،834ރ.)އަށެވެ.
އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން މެދުއިރުމައްޗަށް މިހާރު ފެތުރިފައިވާ ހަނގުރައިމައިގައި މެދުއިރުމަތީގެ އެކި ގައުމުތަކުން މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށް ކަމަށްވާއިރު ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއިން މިއަދު ގެނެސްދީފައިވާ އަދާހަމައަށް ވަނީ ބަދަލު އައިސްފައެވެ. އަލްޖަޒީރާއިން މިއަދު ގެނެސްދިން އަދަދުތައް ތިރީގައި މި ވަނީއެވެ:
- އީރާން – 2،076 (އިއްޔެ 1،937)
- އިސްރާއީލު – 24
- އެމެރިކާ (ސިފައިން) – 13
- ލުބްނާން – 1،345 (އިއްޔެ 1،318)
- އިރާގު – 109 (އިއްޔެ 108)
- ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) – 12
- ކުވައިތު – 7
- ބަހްރައިން – 3
- އުމާން – 3
- ސައޫދީ އަރަބިއްޔާ – 2



advertisment