Support Us

އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގައި ބިލާ ދެކޮޅަށް ފަލަސްތީން ރައްޔިތުން އިއްޔެ މުޒާހަރާކުރަނީ

ހަމައެކަނި ފަލަސްތީން ރައްޔިތުންނަށް މަރުގެ ހުކުމް އިއްވާ ބިލާ ދެކޮޅަށް ހުޅަނގު އައްސޭރީގައި މުޒާހަރާ، ހަޅުތާލު

ހަމައެކަނި ފަލަސްތީން ރައްޔިތުންނަށް މަރުގެ ހުކުމް އިއްވާ ގޮތަށް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ހޯމަ ދުވަހު ފާސްކުރި ބިލާ ދެކޮޅަށް އިސްރާއީލުން ހިފައިފައިވާ ފަލަސްތީންގެ ހުޅަނގު އައްސޭރީގައި ފަލަސްތީން ރައްޔިތުން މުޒާހަރާ އާއި ހަޅުތާލުކޮށްފިއެވެ.

ޓެރަރިޒަމް ކަމަށް އިސްރާއީލުން ސިފަކުރާ އަމަލެއްގައި ފަލަސްތީން ރައްޔިތެއްގެ އަތުން ޔަހޫދީއަކު މަރުވެއްޖެނަމަ، ބިލުގައި ބުނާ ގޮތުން ފަލަސްތީންގެ އެ ރައްޔިތަކަށް އިސްރާއީލުގެ އަސްކަރީ ކޯޓަކުން މަރުގެ ހުކުމް އިއްވިދާނެއެވެ. އަދި އެއީ ދަންޖައްސައިގެންނެވެ. ނަމަވެސް ޔަހޫދީއަކު ހިންގާ އެ ފަދަ އަމަލަކުން ފަލަސްތީންގެ ރައްޔިތަކު ޝަހީދުވިޔަސް އެ ޔަހޫދީއަކާ ދެކޮޅަށް މަރުގެ ހުކުމް އިއްވާ ގޮތަކަށް ބިލުގައި ނެތެވެ.

އާއްމު ހަޅުތާލަކަށް ގޮވައިލީ އިއްޔެ ނޫން އެހަށް ދުވަހު ހުޅަނގު އައްސޭރި ކޮންޓްރޯލްކުރާ ފަލަސްތީން އޮތޯރިޓީ (ޕީ.އޭ)ގެ ރައީސް މަހްމޫދު އައްބާސްގެ ފަތަހް ޕާޓީންނެވެ.

މުޒާހަރާ އާއި ހަޅުތާލު ކުރުމުގެ ގޮތުން ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ހުރި ފަލަސްތީން ރައްޔިތުންގެ ފިހާރަތަކާއި ސަރުކާރު މުއައްސަސާތަކާއި ޔުނިވާސިޓީތައް އިއްޔެ ހުރީ ބަންދުކޮށްފައެވެ. އަދި އެތައް ސަތޭކަ ބަޔަކު ވަނީ ރާމަﷲގެ މަގުތަކަށް ނިކުމެ މުޒާހަރާ އާއި ހަޅުތާލުގައި ބައިވެރިވެފައެވެ. ނަމަވެސް އަނާތާ ޓައުންގައި ހުރި ފަލަސްތީންގެ ފިހާރަތައް ހުޅުވަން އިސްރާއީލު ސިފައިން އެ ފިހާރަތަކުގެ ވެރިންނަށް މަޖުބޫރުކުރިއެވެ.

މުޒާހަރާ އާއި ހަޅުތާލުގައި ބައިވެރިވި މީހުން ތިބީ، ބިލަށް ތާއީދުކުރި ހައްދުފަހަނަޅައިފައިވާ ކަނާތުފިޔައިގެ އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން-ގުވިރްއާ ދެކޮޅު ލިޔުންތަކާއި ބިލު ފާސްވިޔަނުދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާ ލިޔުންތައް ހިފައިގެންނެވެ.

ތިރީސް ދުވަހުގެ ތެރޭގައި ތަންފީޒުކުރަން ހަމަޖައްސައިފައިވާ ބިލާ ދެކޮޅަށް، ހުޅަނގު އައްސޭރީގެ ނާބުލަސް ސަހަރުގައި ބޭއްވި މުޒާހަރާގައި ފަލަސްތީން ރައްޔިތުން ތިބީ ބިލު ގާނޫނަކަށް ވާން ކައިރިވާތީ އެ ކަން ހުއްޓުވައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާ ލިޔުންތައް ހިފައިގެންނެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ފޮލްކާ ޓާކް ވަނީ ބިލު ކުށްވެރިކޮށްފައެވެ.

"އިސްރާއީލުން ހިފައިފައިވާ ފަލަސްތީންގެ ބިންތަކުގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުންނަށް މި ބިލު ވެގެންދާނީ އެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރައިމައިގެ ކުށަކަށް،" އޭނާ ބުނެފައިވެއެވެ.

ރާމަﷲގައި ބޭއްވި މުޒާހަރާގައި ބައިވެރިވި ފަލަސްތީންގެ އުމުރުން 53 އަހަރުގެ ނަފުސާނީ އިލްމްވެރިއެއް ކަމަށްވާ ރީމާން ބުނީ "އިސްރާއީލުގެ ޖަލެއްގައި ފަލަސްތީންގެ ގައިދީއެއް ނެތް ޖަލެއް ނުހުންނާނެ" ކަމަށެވެ.

"މި ތާނގައި އެކަކު ވެސް ނެތް އެ މީހެއްގެ ބޭބެއެއް، ކޮއްކޮއެއް، ފިރިއެއް، ފިރިހެން ދަރިއެއް ނުވަތަ އަވަށްޓެރިއެއް ވިޔަސް އެއިން މީހަކު އިސްރާއީލުގެ ޖަލެއްގައި ނުވާ މީހަކު. އަހަރެމެން މި ތިބީ ވަރަށް ރުޅި އައިސްފައި. ހަގީގަތުގައި އެ މީހުން (ފަލަސްތީން ގައިދީން)އާއެކު އަހަރެމެން ވާކަން ދައްކައިދިނުމުގައި އަހަރެމެންގެ ނުކުޅެދުންތެރިކަން ވޭ،" އޭނާ ބުންޏެވެ.

ބިލު ފާސްކޮށްފައިވަނީ ހުޅަނގު އައްސޭރީގައި ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ވަޒަންވެރިވެފައިވާ ޔަހޫދީން ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރިކަން ފުޅާކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި ފަލަސްތީންގެ އެތައް ހާސް ރައްޔިތުން އިސްރާއީލުން ހައްޔަރުކުރަމުންދާ ދަނޑިވަޅެއްގައި ވެސް މެއެވެ.

އިސްރާއީލުގެ ޖަލުތަކުގައި މި ވަގުތު ފަލަސްތީންގެ 9،500 އަށްވުރެ ގިނަ ރައްޔިތުން ހައްޔަރުކޮށްފައި އެބަތިއްބެވެ. އޭގެ ތެރޭގައި 350 ކުޑަކުދިންނާއި 73 އަންހެނުން ހިމެނެއެވެ.

ފަލަސްތީނާއި އަދި އިސްރާއީލުގެ ވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނަނީ ހައްޔަރުކޮށްފައި ތިބި މީހުންނަށް އަނިޔާކުރާ ކަމަށާއި އެ މީހުން ބަނޑަށްޖައްސައި ކަމަށާއި އަދި އެ މީހުންނަށް ސިއްހީ ފަރުވާ ނުދޭ ކަމަށެވެ. އަދި މިހެންވެ އެތައް ދޮޅަހެއްގެ ފަލަސްތީން ރައްޔިތުން އިސްރާއީލުގެ ޖަލުތަކުގައި މަރުވެފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *