Support Us

ރަޝިޔާ ސިފައިން ޔޫކްރެއިނަށް ގްރެނޭޑް ލޯންޗަރަކުން ހަމަލާދެނީ

ޔޫކްރެއިންގެ ލޫހޭންސްކް ސަރަހައްދު އެއްކޮށް ހިފައިފިން: ރަޝިޔާ

ޔޫކްރެއިން އެއްކޮށް ހިފަން ރަޝިޔާއިން ފަށައިފައިވާ ހަނގުރައިމައިގައި ޔޫކްރެއިންގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ލޫހޭންސްކް އެއްކޮށް ހިފައިފި ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިން މިއަދު ބުނެފިއެވެ.

ސިނާއީ ހަބެއް ކަމަށްވާ ލޫހޭންސްކްއަކީ ދެ ގައުމުގެ އިގުތިސާދީ ދިރުމަށާއި އަދި އަސްކަރީ ބާރަށް ވެސް މުހިންމު ތަނެކެވެ. މިއީ 2022 ގައި ޔޫކްރެއިން އެއްކޮށް ހިފަން ރަޝިޔާ ސިފައިން ޔޫކްރެއިނަށް އެއްގަމުމަގުން އެރިއިރުއްސުރެ ރަޝިޔާއަށް މުޅިން ނުލިބި އޮތް ޔޫކްރެއިންގެ ބިމެކެވެ.

"(ޔޫކްރެއިންގެ ކިބައިން) ލޫހޭންސްކް މިނިވަންކޮށްފިން،" ރަޝިޔާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ރަޝިޔާގެ މި ބުނުން ޔޫކްރެއިނުންވަނީ ދޮގުކޮށްފައެވެ.

ލޫހޭންސްކް އާއި ޑާންޔެސްކްއަކީ ޑޮންބަސް ސަރަހައްދުގެ ބައެކެވެ. ޑާންޔެސްކްގެ ހަތަރުބައިކުޅަ ތިންބައި މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. ޑޮންބަސްއަކީ އިރުމަތީ ޔޫރަޕްގެ "އިގުތިސާދީ ހިތެ"ވެ. އަދި މިއީ ރަޝިޔާއިން ޔޫކްރެއިން އެއްކޮށް ހިފަން ބޭނުންވާ މައިގަނޑު ތަނެވެ.

ރަޝިޔާއިން މިއަދު ޔޫކްރެއިނަށް ގޮވައިލީ ޑާންޔެސްކް އެއްކޮށް ރަޝިޔާއަށް ދޫކޮށްލުމަށެވެ.

"ހަނގުރައިމައިގެ ހޫނު މަރުހަލާ ނިންމައިލަން ޑޮންބަސް ސަރަހައްދުން ޔޫކްރެއިންގެ ސިފައިން ބޭލުމުގެ ދަތި ނިންމުން މީގެ ކުރިން ވެސް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަ ޒެލެންސްކީ އޮންނަން ޖެހޭނީ ނިންމައިފައި،" ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިންގެ ތަރުޖަމާނު ޑަމިޓްރީ ޕެސްކޮފް ބުންޏެވެ.

ޕެސްކޮފް މި ގޮތަށް ކޮމެންޓްކުރުމުގެ ކުރިން ޒެލެންސްކީ ވިދާޅުވެފައިވަނީ ޑޮންބަސްއިން ޔޫކްރެއިން ސިފައިން ދެ މަސް ތެރޭގައި ނުފައިބައިފިނަމަ ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ރަޝިޔާއިން ހުއްޓައިލުމުގެ ޝަރުތުތައް އިތުރަށް ހަރުކަށިކުރާނެ ކަމަށް ރަޝިޔާއިން އެމެރިކާއަށް އިންޒާރުދީފައިވާ ކަމަށެވެ.

"އެ މުއްދަތުގެ ތެރޭގައި ރަޝިޔާއަށް ޑޮންބަސްގެ ބާކީ ބައި ހިފޭނެ ކަމަށް އެކަކު ވެސް ގަބޫލުކުރުމަކީ އަހަރެންނަށް ހައިރާންކަން ލިބޭނެ ކަމެއް،" ޒެލެންސްކީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިން އެއްކޮށް ހިފުމަށް ކުރަމުންދާ ހަނގުރާމައަށް ޔޫކްރެއިނުން ބޭނުންވަނީ ޑިޕްލޮމެޓިކް ހައްލެއް ކަމަށާއި ނަމަވެސް ހަނގުރާމަ ހުއްޓައިލަން އެއްބަސްވާނީ ދެ ގައުމުގެ ސިފައިން މި ވަގުތު ތިބި އިންތަކަކީ ދެ ގައުމުގެ އިންތައް ކަމަށް ރަޝިޔާއިން އެއްބަސްވާނެނަމަ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *