Support Us

ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރުމަށް ހޫޘީން ވިސްނަނީ

އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، ރަތް ކަނޑުން ގަލްފު އޮފް އަދަން ކަނޑަށް ނުކުމެވޭ ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރަން ވިސްނަން ފަށައިފި ކަމަށް، އީރާނުން ހަތިޔާރު ދޭ ޔަމަންގެ ހޫޘީން މިއަދު ބުނެފިއެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިނުގަންނަ ސަރުކާރެއް، ޔަމަންގެ ވެރިރަށް ސަންއާގައި ގާއިމުކޮށްގެން ތިބި ހޫޘީން، ދުނިޔޭގެ އިގުތިސާދާއި ކަނޑު ދަތުރުފަތުރުގެ ނިޒާމުގައި އެންމެ މުހިންމު އެއް މަގު ކަމަށްވާ ބާބުލް މަންދަބު ބަންދުކުރަން ވިސްނާ ކަމަށް ބުނީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ ހަނގުރައިމައިގައި އިސްރާއީލުން ބައިވެރިވުން ނުހުއްޓައިފިނަމަ ކަމަށާއި ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް ހަމާސްއާއެކު އިސްރާއީލުން ގާއިމުކޮށްފައިވާ ސުލްހައިގެ އެއްބަސްވުމަށް އިސްރާއީލުން އިހްތިރާމްކުރަން ނުފަށައިފިނަމަ ކަމަށެވެ.

ހޫޘީންގެ އިސް އޮފިޝަލެއް ކަމަށްވާ މުހައްމަދުލްބުހައިތީ ބުނީ އަސްކަރީ ގޮތުން ބަލާނަމަ އިސްރާއީލާ ދެކޮޅަށް ހޫޘީންނަށް މާގިނަ ފުރުސަތުތަކާއި މަރުހަލާތައް އޮތް ކަމަށެވެ.

"އެ ތަނުން އެއް ގޮތަކީ ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރުން،" އޭނާ ބުންޏެވެ.

ޣައްޒާ ހަނގުރާމަ ހުއްޓައިލަން ހަމާސްއާއެކު އިސްރާއީލުން އެއްބަސްވުމެއް ހެދުމާއެކު ހޫޘީން ވަނީ އިސްރާއީލަށް ދެމުންދިޔަ ހަމަލާތައް ހުއްޓައިލައިފައެވެ. ނަމަވެސް އެމެރިކާއާ ގުޅިގެން އިސްރާއީލުން އަނެއްކާ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން ހޫޘީން ވަނީ އިސްރާއީލުގެ ދެކުނު ސަރަހައްދަށް މިސައިލާއި ޑްރޯނުން ހަމަލާދޭން ފަށައިފައެވެ. އެ ގޮތުން މި ހަފުތާގައި ތިން ފަހަރަށް ހޫޘީންވަނީ އިސްރާއީލަށް ހަމަލާދީފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *