މި ދިޔަ މަހު 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމަ ފަސްވަނަ ހަފުތާއަކަށް އެޅުނުތަނާ އެމެރިކާ ސިފައިން އީރާނަށް އެއްގަމުމަގުން އަރަން އުޅޭކަމުގެ ރިޕޯޓްތަކާ ގުޅިގެން އީރާނުން އޮތީ އެ ކަމަށް ތައްޔާރަށް ކަމަށް އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާޣިރު ޣާލިބާފު ވިދާޅުވެއްޖެއެވެ.
އޭނާ އިއްޔެ ވިދާޅުވީ ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން އީރާނާ ވާހަކަދައްކަމުންދާ ކަމަށް އެމެރިކާއިން ބޭރުފުށުން ބުންޏަސް، އަޑިއަޑިން އެމެރިކާއިން ނިންމައިފައިވަނީ އީރާނަށް އެއްގަމުމަގުން އަރަން ކަމަށާއި އެމެރިކާ ސިފައިން ދަނީ އެ ކަމަށް ތައްޔާރުވަމުން ކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ އެމެރިކާއިން މެދުއިރުމައްޗަށް، އެމެރިކާގެ އަސްކަރީ މަނަވަރު ޔޫ.އެސް.އެސް ޓްރިޕޮލީގައި ފޮނުވި އެމެރިކާގެ 3،500 ސިފައިންނަށެވެ.
"އަހަރެމެންގެ ސިފައިން ތިބީ އެމެރިކާގެ ސިފައިން އެއްގަމުމަގުން އަންނާނެ އިރަކަށް އިންތިޒާރުގައި. އަހަރެމެން އެ މީހުން އަންދައިލައިނަން. އަދި އެކީއެކައްޗަކަށް އެ މީހުންގެ ސަރަހައްދީ އެކުވެރިންނަށް އަދަބުދޭނަން،" ޣާލިބާފު ވިދާޅުވިއެވެ.
އޭނާގެ އިންޒާރު މި އައީ، އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމަ މެދުއިރުމައްޗަށް މިހާރު ފެތުރިފައިވަނިކޮށް، އީރާނުން ވާގިވެރިވާ ޔަމަންގެ ހޫސީ ހަނގުރާމަވެރިން، ހަނގުރާމައިގެ ތެރެއަށް ވަދެ، އިސްރާއީލަށް މިސައިލުން ހަމަލާދޭން ފަށައިފައިވަނިކޮށެވެ.
އިރާގުގައި ވެސް ހުރި އެމެރިކާގެ އެސެޓްތަކަށް، އީރާނުން ވާގަވެރިވާ އިރާގުގެ ތިން ޖަމާއަތެއްގެ ހަނގުރާމަވެރިން ދަނީ ހަމަލާދެމުންނެވެ. އެއީ އިސްލާމިކް ރެސިސްޓެންސް އޮފް އިރާގާއި ކަތާއިބު ހިޒްބުﷲ އަދި ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (ޕީ.އެމް.އެފް)އެވެ.
ލުބްނާންގައި އީރާނުން ވާގިވެރިވާ ހިޒްބުﷲއިން އިސްރާއީލާ ދެކޮޅަށް ދޭ ހަމަލާތައް ވަރުގަދަކުރުމުން އިސްރާއީލުން މިހާރު ދަނީ ލުބްނާންގެ ދެކުނު ސަރަހައްދު އެއްކޮށް ހިފުމުގެ އޮޕަރޭޝަނެއް ހިންގަމުންނެވެ. ލުބްނާންގެ ރައީސް ޖޯސެފް އައުން ވިދާޅުވެފައިވަނީ އިސްރާއީލުގެ އާހިރު ބޭނުމަކީ ލުބްނާން އެއްކޮށް ހިފުން ކަމަށެވެ.
އީރާންގެ މިސައިލް ނިޒާމުގެ ގާބިލުކަން ދަށްކޮށްލެވިއްޖެ ކަމަށް އެމެރިކާއިން ބުންޏަސް، އީރާނުން އަދިވެސް ދަނީ އިސްރާއީލަށާއި ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށާއި ގަލްފު ގައުމުތަކުގެ ހަކަތަ އިންފްރާސްޓްރަކްޗަރަށް މިސައިލާއި ޑްރޯނުން ހަމަލާދެމުންނެވެ.
މެދުއިރުމަތީގެ ހަނގުރާމަ ހޫނުވަމުންދާތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ވެސް ވަނީ މައްޗަށް ގޮސްފައެވެ. އެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރު (1،757ރ.)ގައި އިއްޔެ ހުރިއިރު މިއަދު ހުރި އަގަކީ 116 ޑޮލަރު (1،788ރ.)އެވެ.
އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމަ މެދުއިރުމައްޗަށް މިހާރު ފެތުރި، ހަނގުރައިމައިގައި މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށް ކަމަށްވާއިރު ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއިން މިއަދު ގެނެސްދީފައިވާ އަދާހަމަ ތިރީގައި މި ވަނީއެވެ:
- އީރާން – 1،937
- އިސްރާއީލު – 19
- އެމެރިކާ (ސިފައިން) – 13
- ލުބްނާން – 1،116
- އިރާގު – 96
- ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) – 11
- ކުވައިތު – 6
- ބަހްރައިން – 3
- އުމާން – 3
- ސައޫދީ އަރަބިއްޔާ – 2



advertisment