އެމެރިކާ-އިސްރާއީލުގެ އިއްތިހާދުން އީރާނާ ދެކޮޅަށް ފަށައިފައިވާ ހަނގުރައިމައިގައި އީރާނަށް ހަމަލާދީ އީރާންގެ އެންމެ މަތީ ސަލާމަތީ ވެރިޔާ އަލީ ލަރިޖާނީ އާއި އިސްލާމީ އިންގިލާބު ސިފައިންގެ ތެރޭގައި ހިމެނޭ ޕެރަމިލިޓަރީ ބަސިޖު ފައުޖުގެ ކޮމާންޑަރު ގުލާމްރިޒާ ސުލައިމާނީ ޝަހީދުކޮށްލުމުން ބަދަލުހިފުމުގެ ހަމަލާތަކެއްދޭން އީރާނުން ފަށައިފިއެވެ. އެ ގޮތުން އިސްރާއީލަށް ދޭން ފެށި ހަމަލާތަކުގައި އިސްރާއީލުގައި މިހާތަނަށް ވަނީ ދެ މީހުން މަރުވެފައެވެ.
އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވީ ލަރިޖާނީ އާއި ސުލައިމާނީ ޝަހީދުކޮށްލި ނަމަވެސް އީރާންގެ ސިޔާސީ ނިޒާމު އަދިވެސް ވަރުގަދަ ކަމަށާއި އެ ގައުމުގެ ލީޑަރުން ޝަހީދުކުރަމުންދިޔަ ނަމަވެސް އީރާންގެ ނިޒާމުތައް ގުޑުވައިނުލެވޭނެ ކަމަށެވެ.
ލަރިޖާނީ އާއި ސުލައިމާނީ ޝަހީދުކޮށްލިކަން އީރާނުން މިއަދު ކަށަވަރުކޮށްދީފައިވަނިކޮށް އޭގެ ފަހުން ގަތަރުގެ ހަބަރު ފަތުރާ އެޖެންސީއެއް ކަމަށްވާ އަލްޖަޒީރާއަށް ދެއްވި އިންޓަވިޔުއެއްގައި އަރާޣްޝީ ވިދާޅުވީ އީރާނުން ވަކިވަކި ފަރުދުންގެ ނުފޫޒަށް ބަރޯސާނުކުރާކަން އެމެރިކާ އާއި އިސްރާއީލަށް އަދިވެސް ނުވިސްނޭ ކަމަށެވެ.
"އަހަރެންނަކަށް އަދިވެސް ނުވިސްނޭ އީރާންގައި ވަރުގަދަ ސިޔާސީ ނިޒާމަކާއި ބާރުގަދަ އިގުތިސާދީ އަދި އިޖުތިމާއީ މުއައްސަސާތަކެއް ހުރިކަން އެމެރިކާ އާއި އިސްރޭލަށް ނުވިސްނޭ ސަބަބެއް،" އަރާޣްޝީ ވިދާޅުވިއެވެ.
"ފަރުދަކު ހުރުމަކުން ނުވަތަ ނެތުމަކުން މި ނިޒާމަށް އަސަރެއް ނުކުރޭ. ގަބޫލުކުރަން ފަރުދުންނަކީ ނުފޫޒުގަދަ ބައެއްކަން އަދި ކޮންމެ މީހަކު ވެސް އެ މީހެއްގެ ދައުރު އަދާކުރާކަން. ބައެއް މީހުން ވަރަށް ރަނގަޅަށް އަދި އަނެއް ބަޔަކު އެހާ ރަނގަޅަކަށް ނޫން. އެކަމަކު މުހިންމު ކަމަކީ އީރާންގެ ސިޔާސީ ނިޒާމަކީ ވަރަށް ހަރުދަނާ ސްޓްރަކްޗަރެއްކަން،" އޭނާ ވިދާޅުވިއެވެ.
އެމެރިކާ-އިސްރާއީލުގެ އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފުރަތަމަ ދުވަސް ކަމަށްވި މި ދިޔަ މަހުގެ 28 ގައި އީރާންގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ ޝަހީދުކޮށްލުމަށް އިޝާރާތްކުރައްވަމުން އަރާޣްޝީ ވިދާޅުވީ އެއީ ވެސް ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ވިޔަސް ގައުމުގެ ނިޒާމު އެބަ ކުރިއަށްދާ ކަމަށެވެ.
"އަހަރެމެންގެ އެންމެ އިސް ލީޑަރަށްވުރެ އެންމެ މުހިންމު މީހެއް ނުހުންނަވާނެ. އެކަމަކު އޭނާ ވެސް ޝަހީދުކޮށްލީ. އެކަމަކު ގައުމުގެ ނިޒާމު ހަރުދަނާކަމަށްވާތީ ވަގުތުން އެހެން ލީޑަރަކު ލިބުނު. އިތުރު މީހަކު ޝަހީދުކޮށްލިޔަސް ކަންތައްތައް ދާނީ ހަމަ މި ގޮތަށް. ހާރިޖީ ވަޒީރު ޝަހީދުކޮށްލިޔަސް މި މަގާމާ ހަވާލުވެ ވަޑައިގަންނަވާނެ މީހަކު ވެސް ވާނެ،" އަރާޣްޝީ ވިދާޅުވިއެވެ.
އީރާން ހަނގުރައިމައިގައި މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށެވެ. ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ އަލްޖަޒީރާއިން ބުނީ މިހާތަނަށް އީރާނުން 1،444 މީހުން ޝަހީދުވެފައިވާ ކަމަށެވެ.
އެމެރިކާގެ 13 ސިފައިން މަރުވެފައިވާއިރު އިސްރާއީލުން 15 މީހުން މަރުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުންޏެވެ.
ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ގަލްފު ގައުމުތަކުން 21 މީހުން މަރުވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރިއެވެ. އެއީ ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން އަށް މީހުން، ކުވައިތުން ހަ މީހުން، އުމާނުން ތިން މީހުން، ސައޫދީ އަރަބިއްޔާއިން ދެ މީހުން އަދި ބަހްރައިނުން ދެ މީހުންނެވެ.



advertisment