ސްރީ ލަންކާގެ ދެކުނުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އެ ގައުމުގެ ކަނޑުގެ ސިފައިން ބުރާސްފަތި ދުވަހު ވަނީ އެ ގައުމުގެ މަސް ބޯޓަކާއި އެ އަށް އެހީވާ ކުޑަ ބޯޓެއް އިންޓަސެޕްޓް ކޮށްފައެވެ.
ދެ އުޅަނދު ލަންކާއަށް ގެންގޮސް ބެލިއިރު 10 ބިލިއަން ރުޕީސް (32.1 މިލިއަން ޑޮލަރު ނުވަތަ 496.5 މިލިއަން ރުފިޔާ) އަށް އަރާ، 48 ޕެކެޓުގައި ބަންދުކޮށްފައި ހުރި 654 ކިލޯގެ މަސްތުވާތަކެއްޗާއެކު ހޯދުނީ ކަނޑުމަގުން ލަންކާގެ ކަނޑުގެ ސިފައިންނަށް އަތުލައިގަނެވުނު މިހާތަނަށް އެންމެ ގިނަ އަދަދުގެ ހަތިޔާރެވެ.
ކަނޑުމަތީގައި އެތައް ދުވަހަކު މަސް ބާނަން އުޅެވޭ "މަލްޓި-ޑޭ" އުޅަނދާއި އެއަށް އެހީވާ "ޓްރޯލާ"އިން ފެނުނީ 478 ކިލޯގެ ޑްރަގްގެ ބާވަތެއް ކަމަށްވާ ކްރިސްޓަލް މެތަމްފެޓަމައިން (އާއްމު ނަމުން "އައިސް") އަދި 176 ކިލޯގެ ހެރޮއިން (އާއްމު ނަމުން "ބްރައުން ޝުގާ")އެވެ.
މީގެ އިތުރުން އަށް ފިސްތޯލަ އާއި އެއަށް ބޭނުންވާ އުންޑައިގެ 15 މެގަޒިން އާއި ޓީ-56 ގެ ދެ ބަޑި ފެނުނެވެ. ނަމަވެސް އޮފިޝަލުންނަށް ސިހުން ލިބުނީ މީގެ އިތުރުން ހަމައެކަނި ސަލާމަތީ ބާރުތަކަށް ހާއްސަ އޮޕަރޭޝަންތަކުގައި ގެންގުޅޭ އެމް-16 ބަޑިއެއް ވެސް ފެނުނީމައެވެ.

މި ކަމުން ހާމަވީ ލަންކާގައި "އޯގަނައިޒްޑް ކްރައިމް" ނުވަތަ ރާވައިގެން ހިންގާ ކުށުގެ ވިއުގަތަކެއް މި މައްސަލައިގައި އުޅޭކަން ކަމަށާއި އެ ފަދަ ގޭންގްތަކުން ހިންގާ ޖަރީމާތައް ކުރިއަށްވުރެ ވަރުގަދަކުރަން އުޅޭކަން ކަމަށް އެ ގައުމުގެ އޮފިޝަލުން ބުންޏެވެ.
"އަހަރެމެން ގަބޫލުކުރަނީ މި ހަތިޔާރުތައް މި ގައުމަށް ގެނައުމުގެ މަގުސަދަކީ ގައުމުގެ ހަމަޖެހުމާއި ގައުމުގެ ސަލާމަތަށް ނުރައްކާކުރުން ކަމަށް،" އަތުލައިގަނެވުނު ތަކެތީގެ ނުރައްކާތެރިކަމާ ގުޅޭ ގޮތުން ލަންކާގެ ދިފާއީ ވަޒީރުގެ ނައިބު، މޭޖާ ޖެނެރަލް (ރިޓަޔަޑް)ގެ މަގާމުގައި ހުރި އަރުނަ ޖަޔަސޭކަރަ ބުންޏެވެ.

ކޮންމެ އުޅަނދެއްގައި ވެސް ތިބީ ފަސް މީހުންނެވެ. ލަންކާގެ ދެކުނާއި ހުޅަނގުގެ އައްސޭރިފަށުގެ ޓައުންތަކަށް ނިސްބަތްވާ މި 10 މީހުން ހައްޔަރުކޮށް، ފޮރެންސިކް ތަހުލީލެއް ހިންގުމަށް ހަތް ދުވަހުގެ ތަހުގީގަކަށް އެ މީހުން މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި ލަންކާގައި ނުރަސްމީ މޮރެޓޭރިއަމެއް އޮތަސް ޑްރަގާއި ހަތިޔާރު ގެންގުޅުމަށް މަރުގެ ހުކުމް އިއްވުން އެކަށީގެންވެއެވެ. ނުވަތަ އޭގެ ބަދަލުގައި އޮންނަނީ އުމުރަށް ޖަލަށް ލުމުގެ ހުކުމެވެ.
ފުލުހުންގެ ޑްރަގާ ބެހޭ ބައި ނުވަތަ ޕޮލިސް ނާކޮޓިކް ބިއުރޯ (ޕީ.އެން.ބީ)އިން ބުނީ މި މައްސަލައިގެ "ބޮޑަ"ކީ ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ދިރިއުޅޭ ލަންކާ ރައްޔިތެއް ކަމަށްވާ ޕައްލަވައްތަ ގަމަގެ ޗަމިންދަ ދިލްރުކް ކަމަށެވެ. އޭނާއާ މުއާމަލާތްކުރުމަށް ސެޓެލައިޓް މެދުވެރިކޮށް ވާހަކަދެއްކޭ އާލާތް މަސް ބާނާ އުޅަނދުގައި ހުއްޓެވެ.

މަސްތުވާތަކެތި އެއީ ގަޑުބަޑު ނުކޮށް އޭގެ ސާފު ގޮތުގައި ހުރި އެއްޗެހިކަން ހަތް ދުވަހުގެ ފޮރެންސިކް ތަހުލީލުން ދެނެގަނެވިއްޖެނަމަ، ދިލްރުކް ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސްއެއް މި މަހު ފަހުކޮޅު ނުވަތަ އަންނަ މަހު ކުރީކޮޅު ނެރެވޭތޯ ލަންކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޔޫ.އޭ.އީއިން ދިލްރުކް ލަންކާއާ ހަވާލުކުރާނީ އޭނާއަށް މަރުގެ އަދަބު ނުދޭނެކަމުގެ ޔަގީންކަން ލަންކާއިން ދިނުމުންނެވެ. ސަބަބަކީ މަރުގެ ހުކުމް އިއްވާ މީހުން އަނބުރާ އެ މީހެއްގެ ގައުމާ ހަވާލުކުރުން ޔޫ.އޭ.އީގެ ގާނޫނުން މަނާކުރާތީއެވެ.
ފުލުހުން ބުނީ އަތުލައިގަނެވުނު ހަތިޔާރުތަކަކީ ދިލްރުކް އާއި، ހަމަ ދުބާއީގައި އުޅޭ ލަންކާގެ ދެ ރައްޔިތުން ކަމަށްވާ ޑިއްޕިޓިގޮޑަ ލަހިރު އަދި ރަންޖިތު ކުމަރަ ގުޅިގެން، އެ ތިން މީހުންނާ ވާދަވެރި ގޭންގް މެންބަރުންނާއި ލަންކާގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާދޭން ބޭނުންކުރުމަށް ލަންކާއަށް ފޮނުވި ހަތިޔާރުތަކެއް ކަމަށެވެ.

އެ ގޮތުން މި ދިޔަ މަހު ފަޅާއެރި ރޭވުމެއްގައި ހާމަވެފައިވަނީ ތިން މީހުންގެ ގޭންގުން ވެހިކަލެއް ފުލުހުންގެ ޖީޕަކަށް ބަދަލުކޮށް، ފުލުހުންގެ އިންޓެލިޖެންސް އޮފިސަރެއް ކިޑްނެޕްކޮށް، އޭނާގެ ބޯ ބުރިކޮށްލައި، އެ ބޯ، ފުލުހުންގެ އިސް އޮފިސަރެއްގެ ގޭގެ ދޮރުމަތީގައި ބާއްވަން ރޭވިކަމެވެ. އެއީ ލަންކާގައި މަސްތުވާތަކެއްޗާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ހިންގަމުންދާ އޮޕަރޭޝަންތައް ކުރިމަގުގައި ނުހިންގުމަށް އިންޒާރުދިނުމުގެ ގޮތުންނެވެ.



advertisment