އުމުރުން 39 އަހަރުގެ, ޖަޕާން މީހެއް ކަމަށްވާ ޓަކާޝީ މީޔަގާވާ މަސައްކަތްކުރީ ޕާޓް ޓައިމް ވަޒީފާއެއްގައެވެ. އޭނާ އެއްފަހަރާ 35 އަންހެނުންނާ ލޯބީގެ ގޮތުން ގުޅުނެވެ. އެއިން ކޮންމެ އަންހެނެއް ގާތުގައި އޭނާގެ އުފަންދުވަސް ކަމަށް ބުނީ އެކި ދުވަސްތަކެވެ. އޭނާގެ އަސްލު އުފަންދުވަހަކީ ނޮވެމްބަރު 13 އެވެ.
"ބޭނުމަކަށްވީ މުޅި އަހަރު ދުވަހަށް ބަހައިލައިގެން އެކި ދުވަސް މަތިން އުފަން ދުވަހުގެ ހަދިޔާ ހޯދުން،" މި ސްކޭމްގައި ދައުވާކުރާ ޕްރޮސެކިއުޓަރުންގެ ޓީމުން ބުންޏެވެ.
އޭނާ ހައްޔަރުކުރަން މެދުވެރިވީ އޭގެ ތެރެއިން ބައެއް ލޯބިވެރިންނަށް ކަންތައްތަކެއް ގޯސްކޮށް ދާކަން ރޭކައިލުމުން އެ ކަން ބަލައި، ގްރޫޕެއް އުފައްދައި، މައްސަލަ ފުލުހުންނަށް ހުށަހެޅުމުންނެވެ.
"އޭގެ ތެރެއިން ވަރަށް މަދު އަންހެނެއްގެ އަތުން އޭނާއަށް އެއް ލައްކަ ޔެންއަށް އަރާވަރުގެ ހަދިޔާތަކެއް ލިބުނު. އޭގެ ތެރޭގައި އުފަންދުވަހުގެ ކާޑާއި ގިފްޓް ވައުޗަރާއި ހެދުން ފަދަ ތަކެތި ހިމެނޭ،" ފުލުހުން ބުންޏެވެ.
އެ ތަކެއްޗަށް އެރި އަދަދު ޑޮލަރުން ބުނާ ނަމަ އެއީ 930 ޑޮލަރެވެ. ނުވަތަ 14،368ރ.އެވެ.
ޓަކާޝީ ހައްޔަރުކުރީ 2021 ގެ އެޕްރިލްގައި އޮސާކާ ސިޓީގައެވެ. ނަމަވެސް ފާޑެއްގެ ލޯބީގެ ކުޅިގަނޑެއްގެ ތުހުމަތުގައެއް ނޫނެވެ. ގިނަ އަންހެނުންނާ ޑޭޓްކޮށްގެން ނުވަތަ ލޯބީގެ ގުޅުން ބާއްވައިގެނެއް ވެސް ނޫނެވެ. ނަމަވެސް ރަސްމީ ގޮތުން ކުރީ ފްރޯޑް ނުވަތަ އޮޅުވައިލައިގެން ތަކެތި ހޯދުމުގެ ޖިނާއީ ކުށުގެ ދައުވާއެވެ.
ޓަކާޝީގެ މައްޗަށް ހުކުމް އަދި ނުކުރެއެވެ.



advertisment