އިސްރާއީލާ ގުޅިގެން އެމެރިކާއިން ހޮނިހިރު ދުވަހު ދޭން ފެށި ހަމަލާތަކުގައި އީރާންގެ ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިންގެ މުއައްސަސާތައް ނައްތައިލެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް އިއްޔެ ވިދާޅުވީ އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތައް "ވަރަށް ކާމިޔާބު" ކަމަށެވެ.
"އަހަރެމެން ދޭ ވައިގެ ހަމަލާތައް ނައްތައިލެވޭނެ ނިޒާމުތަކެއް ވެސް އީރާންގައި މިހާރަކު ނެތް،" އޭނާ ވިދާޅުވިއެވެ.
އިއްޔެ ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް އިސްރާއީލާއި ގަލްފުގައި ހުރި އެމެރިކާގެ އަރަނިތަކަށް އީރާނުން މިއަދުވެސް ދަނީ މިސައިލާއި ޑްރޯނުން ހަމަލާދެމުންނެވެ. އެއީ ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމަށްފަހު ވެސްމެއެވެ.
"އަހަރެމެންގެ އަތުގައި ހުރި އެންމެ ކުރިއަރައިފައިވާ ހަތިޔާރުތައް އަދި ބޭނުމެއް ނުކުރަން. ދިގު މުއްދަތުގެ ހަނގުރާމައަކަށް އަހަރެމެން މި ތިބީ ތައްޔާރުވެގެން،" އީރާންގެ ދިފާއީ ވުޒާރާއިން އިއްޔެ ބުންޏެވެ.
އީރާންގެ އެންމެ އިސް ވެރިޔާ އަދި ރޫހީ ލީޑަރު އަލީ ހާމަނާއީ ހޮނިހިރު ދުވަހުގެ ހަމަލާތަކުގައި އަވަހާރަކޮށްލައިފައިވާތީ އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމުގެ ކަންތައް ވެސް ދަނީ ކުރިއަށެވެ. ހަނގުރާމައިގެ ތެރޭގައި އީރާންގެ ކަންތައްތައް ކޮންޓްރޯލް ކުރަން މިހާރު ހަވާލުކޮށްފައިވަނީ ހާމަނާއީގެ ދަރިކަލުން މުޖުތަބާ ހާމަނާއީއާ ކަމަށް މިއަދުގެ ރިޕޯޓްތަކުން ބުނެއެވެ.
ޓްރަމްޕް ވިދާޅުވީ އެންމެ "ސަކަރާތް" ކަމަކަށްވާނީ އީރާނާ ހަނގުރާމަ ކުރުމަށްފަހު ވެސް "ކުރިން ހުރި ކަހަލަ ނުބައި މީހަކު އީރާންގެ ވެރިކަމަށް އަލުން އައުން" ކަމަށެވެ.
"އެ ގޮތަށް ކަންތައްތައް ވެދާނެ. ނަމަވެސް އަހަރެމެން ބޭނުމެއް ނޫން އެ ގޮތަށް ކަންތައްތައް ވާކަށެއް،" އޭނާ ވިދާޅުވިއެވެ.
"މި ހުރިހާ ކަމެއް އަހަރެމެން ކޮށްފައި މީގެ ފަސް އަހަރު ފަހުން އަހަރެމެންނަށް ރޭކައިލަނީ ވެރިކަމަށް ގެނެވުނީ ކުރީގެ ލީޑަރަށްވުރެ ވަކި ސަހަލު ވެރިޔަކު ނޫންކަން. އެ ގޮތަށް ކަންތައްތައް ވެއްޖެނަމަ އެ ވެގެންވުން އެކަށީގެންވަނީ އެންމެ ސަކަރާތް ގޮތަށް،" ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.
ދުނިޔޭގެ ނިއުކްލިއަ ހަކަތައާ ބެހޭ ޖަމިއްޔާ އައި.އޭ.އީ.އޭއިން ބުނީ އީރާންގައި ނިއުކްލިއަ ހަކަތަ ތަރައްގީކުރާ މަރުކަޒުތައް ބަލަން ފުރިހަމަ ފުރުސަތެއް އީރާނުން ނުދޭކަމީ "ސީރިއަސް ކަންބޮޑުވުމެއް" ކަމަށާއި ނަމަވެސް އީރާނުން ނިއުކްލިއަ ބޮމެއް ހަދާކަމުގެ "ހެއްކެތް ނެތް" ކަމަށެވެ.
"ނިއުކްލިއަ ހަތިޔާރު ހެދުމާ ކައިރިކުރާ ފެންވަރަށް ފައްކާކުރެވިފައިވާ ޔުރެނިއަމްގެ ބޮޑު ސްޓޮކެއް އީރާންގައި އެބަހުރި. އެ ކަން ބަލަން އަހަރެމެންގެ އިންސްޕެކްޓަރުންނަށް ފުރިހަމަ ފުރުސަތެއް ނުދިނުމަކީ ސީރިއަސް ކަންބޮޑުވުމެއް. އެ ތަކެތީގެ ރައްކާތެރިކަމުގެ މައްސަލަ ހައްލުކުރުމަށް އީރާނުން އަހަރެމެންނަށް އެހީތެރިނުވާނަމަ، އީރާންގެ ނިއުކްލިއަ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި ބޭނުމަށް ހިންގާ މަޝްރޫއެއް ކަމަށް އަހަރެމެންނަށް ޔަގީންކަން ދެވޭކަށް ނޯންނާނެ،" އެ އިދާރާގެ ވެރިޔާ ރަފައެލް ގްރޮސީ ބުންޏެވެ.
އީރާންގެ ރެޑް ކްރެސެންޓުން އިއްޔެ ބުނީ ހޮނިހިރު ދުވަހުން ފެށިގެން އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އީރާންގައި މިހާތަނަށް 787 މީހުން ޝަހީދުވެފައިވާ ކަމަށެވެ.



advertisment