Support Us

އެމެރިކާ އާއި އިސްރާއީލުން އީރާންގެ ވެރިރަށް ތެހްރާނަށް މިއަދު ހަމަލާދީފައި

އީރާނާއި އެމެރިކާ-އިސްރާއީލު ގުޅުމާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް އަދިވެސް ކުރިއަށް

އެމެރިކާ އާއި އިސްރާއީލުން އީރާނަށް މިއަދު ދޭން ފެށި ހަމަލާތައް އަދިވެސް ދަނީ ކުރިއަށް ކަމަށާއި އީރާނުން ވެސް ދަނީ ބަދަލުގައި ހަމަލާދެމުން ކަމަށް އެންމެ ފަހުގެ ރިޕޯޓްތައް ބުނެފިއެވެ.

އީރާނުން ދަނީ އިސްރާއީލުގެ އިތުރުން މުޅި މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް އާއި ޑްރޯނުން ހަމަލާދެމުންނެވެ. އިސްރާއީލުން ވަނީ ބައެއް މިސައިލް ވައްޓައިލައިފައެވެ.

އީރާނާއި އިރާނުން ހަމަލާދެމުންދާ ގައުމުތަކުން މަރުވާ މީހުންގެ އަދަދުތައް މި ވަގުތު ސާފު ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާންގެ މިނާބުގައި ދަރިވަރުންތަކެއް މަރުވިއިރު އެތައް ދޮޅަހެއްގެ މީހުން އީރާންގައި މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ހުރިހާ ގައުމެއްގައި ވެސް މީހުން ޒަހަމްވި ކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާންގެ ބައެއް ކޮމާންޑަރުންނާއި ސިޔާސީ އޮފިޝަލުން މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލާއި މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ފާހަގަކޮށްލެވޭ އޮފިޝަލުން މަރުވެފައިވާކަން އަދި ނޭނގޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމަލާތައް ފައްޓަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އަމާޒަކީ އީރާނުންކުރާ ނުރައްކާތައް ނައްތައިލުން ކަމަށެވެ.

"އީރާނަށް ދުވަހަކުވެސް ނިއުކްލިއަ ހަތިޔާރެއް ނުލިބޭނެ. އެމެރިކާގެ އަސްކަރީ ބާރުތަކުގެ ވަރުގަދަކަމަށް އެއްވެސް ބަޔަކު ގޮންޖަހައިގެންނުވާނެކަން އީރާންގެ ސަރުކާރަށް ދާދި އަވަހަށް އެނގޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.

އީރާންގެ އޮފިޝަލުން ބުނީ އެމެރިކާ އާއި އިސްރާއިލުން ދެމުންދާ ހަމަލާތަކަކީ އދ.ގެ ޗާޓަރު ނުވަތަ އަސާސީ ގަވައިދާ ހިލާފު ހަމަލާތަކެއް ކަމަށެވެ.

"އަހަރެމެން އެއްވެސް ދުލެއް ނުދޭނަން. އެމެރިކާ އާއި އިސްރާއީލުގެ ހުރިހާ އަރަންޏަކީ އަހަރެމެން ހަމަލާދޭން ހައްގު އަމާޒުތަކެއް ކަމަށް މި ބަލަނީ،" އީރާންގެ އޮފިޝަލަކު ބުންޏެވެ.

އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތައް މިހާތަނަށް ދީފައިވަނީ ވެރިރަށް ތެހްރާން، ތަބްރިޒް، ކަރްމަންޝާހު، ގޫމް، ކަރާޖް، ބުޝަހްރު، މި ދިޔަ އަހަރު ވެސް ހަމަލާދިން ނިއުކްލިއަ ހަކަތަ އުފައްދާ މަރުކަޒު އިސްފަހާން އަދި އަސްކަރީ މަރުކަޒުތަކާއި ގައުމުގެ އެންމެ އިސްވެރިޔާ އަލީ ހާމަނާއީގެ އޮފީހަށާއި އެތައް ވުޒާރާތަކަށާއި މިސައިލް ހުންނަ މަރުކަޒުތަކަށެވެ. ހާމަނާއީ ވަނީ ރައްކާތެރި ސަރަހައްދަކަށް ކުރިން ގެންގޮސްފައެވެ.

އީރާނުން ބަދަލުގައި މިހާތަނަށް ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ އިސްރާއީލާއި ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. އޭގެ ތެރޭގައި ގަތަރު، ކުވައިތު، ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަދި ބަހްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިމެނެއެވެ. މީގެ އިތުރުން ކުވައިތުގައި ހުރި އެމެރިކާގެ އަސްކަރީ އިންފްރާސްޓްރަކްޗަރަށް ހަމަލާދިން ކަމަށް ބައެއް ރިޕޯޓްތައް ބުންޏެވެ.

އީރާނާއި އިސްރާއީލުން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. އަދި މިސައިލް ހަމަލާތަކުގެ ބިރަށް ގަތަރު، ކުވައިތު އަދި ޔޫ.އޭ.އީން ވެސް ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. ވައިގެ ސަރަހައްދު ހުޅުވާލާނީ ކޮން އިރަކުން ކަމެއް އެ ތަނުން އެއްވެސް ގައުމަކުން ނުބުނެއެވެ.

އީރާނަށް ދެމުންދާ ހަމަލާތައް ރަޝިޔާއިން ވަނީ ކުށްވެރިކޮށްފައެވެ.

"މިއީ އެއްވެސް ނުރައްކަލެއް އީރާނުން ނުކޮށް އޮއްވައި އެމެރިކާ އާއި އިސްރާއީލުން ދިން އަސްކަރީ ހަމަލާތަކެއް. ހަމަލާތައް ވަގުތުން ހުއްޓައިލައި ޑިޕްލޮމެޓިކް ހައްލަކަށް އަހަރެމެން ގޮވައިލަން،" ރަޝިޔާއިން ބުންޏެވެ.

އީރާނާއި މެދުއިރުމަތީގެ މަސްރަހާމެދު މަޝްވަރާކުރަން ފްރާންސުން މިހާރުވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް އެދިފައެވެ.

އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރެސް ވިދާޅުވީ މައްސަލަ އިތުރަށް ގޯސްވިޔަނުދީ، އާއްމު ރައްޔިތުން ހިމާޔަތްކޮށް، ސިޔާސީ ހައްލެއް ގެނައުން މުހިންމު ކަމަށެވެ.

އީރާނުން އދ.އަށް ގޮވައިލީ އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކުގެ މައްސަލަ ހައްލުކޮށްދިނުމަށެވެ.

ޔޫރަޕް އިއްތިހާދާއި ބައިނަލްއަގުވާމީ ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓުން ހުރިހާ ފަރާތްތަކުން ސުލްހަވުމަށް ގޮވައިލިއިރު އީރާންގެ ހަމަލާތައް އަމާޒުވި ގަލްފުގެ ގައުމުތަކުން ވަނީ އީރާންގެ ހަމަލާތައް ކުށްވެރިކޮށްފައެވެ.

ހަމަލާތައް ބަދަލުކުރަމުންދާއިރު މި ވަގުތު އެއްވެސް ގައުމަކުން ސުލްހައިގެ މަޝްވަރާތައް ބޭއްވުމާމެދު ވަކި އެއްޗެއް ނުބުނެއެވެ. އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށީ އީރާންގެ ނިއުކްލިއަ ހަކަތަ ޕްރޮގްރާމާ ބެހޭ ގޮތުން އެމެރިކާއާއެކު ހަތަރު ވަނަ ބުރުގެ ވާހަކަތައް ހޯމަ ދުވަހު އޮސްޓްރިއާގައި ބާއްވަން ހަމަޖައްސައިފައިވަނިކޮށެވެ.

ސްވިޒަލޭންޑްގައި ބޭއްވި ތިންވަނަ ބުރުގެ ވާހަކަތަކަށްފަހު މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރި އުމާނުން ބުނެފައިވަނީ ނިއުކްލިއަ ބޮން ހަދަން އީރާނުން ނޫޅޭ ކަމަށް އީރާނުން ބުނެފައިވާ ކަމަށެވެ.

އީރާނުން ބުނެފައިވަނީ ޔުރެނިއަމް ފައްކާކުރަނީ ރައްޔިތުންނަށް ފައިދާ ހުރި މަޝްރޫއުތަކަށް ކަމަށެވެ. އެމެރިކާއިން އެ ކަމާ ދެކޮޅު ހެދި ނަމަވެސް އެ ކަން ކުރިއަށްގެންދާނެ ކަމަށް އީރާނުން ބުނެފައިވެއެވެ. އަދި އެމެރިކާ އާއި އިސްރާއީލުގެ އެދުމާ ހިލާފަށް ބެލިސްޓިކް މިސައިލް ވެސް އުފައްދާނެ ކަމަށާއި މެދުއިރުމަތީގެ ހަނގުރާމަވެރިންނަށް ވާގިވެރިވާނެ ކަމަށް ވެސް އީރާނުން ބުނެފައިވެއެވެ.

ޓްރަމްޕް ވަނީ ނިއުކްލިއަ މުއާހަދާ ގާއިމުކުރަން 15 ދުވަހުގެ މުހުލަތެއް ދެއްވައި އެ ފަދަ މުއާހަދާއެއް އަންނަ މަހާ ހަމައަށް ގާއިމުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވެފައިވަނީ މުއާހަދާ ގާއިމުކުރަން އީރާން މަޖުބޫރުކުރުވުމަށް ކޮންމެވެސް ވަރެއްގެ ހަމަލާތަކެއް ވެސް ދެއްވަފައިނެ ކަމަށެވެ.

އީރާންގެ ނިއުކްލިއަ ހަކަތަ މަޝްރޫއުގެ "މައްސަލައިގައި" އިސްރާއީލާ ގުޅިގެން މި ދިޔަ އަހަރު ޖޫންގައި އެމެރިކާ ވަނީ އީރާނާއެކު 12 ދުވަހުގެ ހަނގުރާމައެއްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް