Support Us

ޕާކިސްތާނުން ރޭ އަފްޣާނިސްތާނަށް ދިން ހަމަލާއެއްގެ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް

އަފްޣާނިސްތާނާ "ސީދާ ހަނގުރާމަ"އަކަށް ދާންޖެހުނީ ކެތްތެރިކަން ކޮޅުންލުމުން: ޕާކިސްތާން

އަފްޣާނިސްތާންގެ ތިން ސަރަހައްދަކަށް ހަމަލާދިނީ ކެތްތެރިކަން ކޮޅުންލައިގެން ދިއުމުން ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ޕާކިސްތާނުން ރޭ ވަނީ އަފްޣާނިސްތާންގެ ވެރިރަށް ކާބުލް އާއި ކަންޑަހާރާއި ޕަކްޓިއާއަށް ވައިގެ ހަމަލާދީފައެވެ. އަދި ރައްދުގައި އަފްޣާނިސްތާނުން ވެސް ވަނީ ޕާކިސްތާނަށް ހަމަލާދީފައެވެ.

ދެ ގައުމުން ވެސް ބުނީ ގިނަ އަދަދަކަށް މީހުން މަރުވި ކަމަށެވެ. ނަމަވެސް މީހުން މަރުވި ކަމަށް ދެ ގައުމުން ބުނާ އަދަދު ދިމައެއްނުވެއެވެ. ޕާކިސްތާނުން ބުނީ އެތައް ސަތޭކަ ތޯލިބާން ހަނގުރާމަވެރިން މަރައިލެވުނު ކަމަށާއި މަރުވީ މަދު އަދަދެއްގެ ޕާކިސްތާން ސިފައިން ކަމަށެވެ. ނަމަވެސް އަފްޣާނިސްތާނުން ބުނީ ޕާކިސްތާންގެ އެތައް ދޮޅަހެއްގެ ސިފައިން މަރައިލެވުނު ކަމަށާއި ތޯލިބާންގެ ފައުޖުތަކުން މަރުވީ މަދު ބަޔަކު ކަމަށެވެ.

"އަހަރެމެންގެ ކެތްތެރިކަން މިހާރު ކޮޅުންލައިގެން ގޮސްފި. މިހާރު މިއީ ސީދާ ހަނގުރާމައެއް،" ޕާކިސްތާންގެ ދިފާއީ ވަޒީރު ހަވާޖާ މުހައްމަދު އާސިފު ވިދާޅުވިއެވެ.

ޕާކިސްތާނުން ބުނީ ހަމަލާދިނީ އަފްޣާނިސްތާންގެ ތެރެއިން ޕާކިސްތާނަށް ހަމަލާ ދޭ ހަނގުރާމަވެރިންގެ މަރުކަޒުތަކަށް ކަމަށެވެ.

އަފްޣާނިސްތާނުން ބުނީ ޕާކިސްތާނުން ދިން ހަމަލާތަކާ ގުޅިގެން ރައްދުގައި "ފުޅާ ދާއިރާއެއްގައި" ހަމަލާދިން ކަމަށެވެ.

"އަހަރެމެން ޕާކިސްތާނަށް ހަމަލާދިނީ ޑްރޯން ބޭނުންކޮށްގެން،" އަފްޣާނިސްތާންގެ ސަރުކާރާ ހަވާލުވެހުރި ތޯލިބާން ޖަމާއަތުގެ ތަރުޖަމާނު ޒާބިހުﷲ މުޖާހިދު ބުންޏެވެ.

ދެ ގައުމުގެ ބޯޑަރުން މީހުން ދުރަށް ގެންދާތީ އަދި ބައިނަލްއަގުވާމީ ފަރާތްތަކުން އަނެއްކާވެސް ސުލްހަ ގާއިމުކުރަން މަސައްކަތްކުރާތީ މި ހަނގުރާމަ އިތުރަށް ފުޅާވެދާނެ ކަމަށް ބެލެވެއެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު މައްސަލަ ޖެހިގެން އުޅެނީ އަފްޣާނިސްތާންގެ ތެރޭގައި ހަރަކާތްތެރިވާ ޕާކިސްތާން ތޯލިބާން ޖަމާއަތް ބޯޑަރު ހުރަސްކޮށް ޕާކިސްތާނަށް ދޭ ހަމަލާތަކަށް ރައްދު ދިނުމަށް ޕާކިސްތާން ތޯލިބާން އަފްޣާނިސްތާން ތެރޭގައި ހިންގާ މަރުކަޒުތަކަށް ޕާކިސްތާނުން ދޭ ހަމަލާތައް އަފްޣާނިސްތާންގެ އެހެން ތަންތަނަށް އެރުމުން އެއީ ޕާކިސްތާނުން އަފްޣާނިސްތާންގެ ސިޔާދަތަށް ދޭ ހަމަލާ ކަމަށް އަފްޣާނިސްތާނުން މާނަކުރާތީއެވެ.

އަފްޣާނިސްތާންގެ ތެރޭގައި ޕާކިސްތާން ތޯލިބާންގެ އިތުރުން އައިސިސް ވެސް ހަރަކާތްތެރިވެއެވެ. ޕާކިސްތާނުން ދާދި ފަހުން ދިން ހަމަލާތަކަކީ ޕާކިސްތާން ތޯލިބާންގެ އިތުރުން އައިސިސްއިން ޕާކިސްތާނަށް ދޭ ހަމަލާތަކަށް ރައްދު ދިނުމަށް ދިން ހަމަލާތަކެއް ކަމަށް ވެސް ޕާކިސްތާނުން ބުނެފައިވެއެވެ.

ރޭ ޕާކިސްތާނުން ހަމަލާދިނީ ޕާކިސްތާން ތޯލިބާން އާއި އައިސިސްއަށް ޕާކިސްތާނުން ދާދި ފަހުން ދިން ހަމަލާތައް އާއްމު ތަންތަނަށް އެރުމުން ޕާކިސްތާނަށް "އެކަށީގެންވާ ރައްދެއް" ދޭނެ ކަމަށް އަފްޣާނިސްތާނުން ބުނެފައިވަނިކޮށް، އަފްޣާނިސްތާނުން އެ ރައްދު ނުދީ އުޅެނިކޮށެވެ.

އެކި ގައުމުތަކުން ޕާކިސްތާނާއި އަފްޣާނިސްތާން ސުލްހަކުރުވަން މަސައްކަތްކުރި ނަމަވެސް އެ ކަން އަދި ކާމިޔާބެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *