Support Us

ސިއްރުން އިމްރާން ހާންގެ ލޮލަށް އިންޖެކްޝަން ޖެހުމުން އާއިލާގެ ނުރުހުން

ކޮރަޕްޝަނާއި އެހެނިހެން ތުހުމަތުތަކުގައި ޖަލަށް ލައިފައިވާ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ސިއްރުން ޖަލުން ނެރެގެން ހޮސްޕިޓަލަށް ގެންގޮސް ކަނާތު ލޮލަށް އިންޖެކްޝަން ޖެހުމުން އާއިލާއިން ނުރުހުން ފާޅުކޮށްފިއެވެ.

ސަރުކާރުގެ ޑޮކްޓަރުން ބުނީ ލޮލަށް ކުރިމަތިވި ސީރިއަސް ހާލަތެއްގައި އެންޓި-ވީ.އީ.ޖީ.އެފް އިންޖެކްޝަން އިއްޔެ ޖެހުމުން އިމްރާން (ފޮޓޯ)ގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

"އަދި ކުރިމަގުގައި ވެސް ފަރުވާ ދޭން ހަމަޖައްސައިފައިވޭ،" އޮފިޝަލަކު ބުންޏެވެ.

އުމުރުން 74 އަހަރުގެ، ކުރީގެ ކްރިކެޓް ތަރި އިމްރާންގެ ކަނާތު ލޮލުގެ ފެނުމުގެ 85 ޕަސެންޓް ވަނީ ގެއްލިފައި ކަމަށް އޭނާގެ ގާނޫނު ވަކީލަކު ބުންޏެވެ. އެއީ ފަރުވާ ދިނުން ލަސްވުމުން ކަމަށް އޭނާ ބުންޏެވެ.

އިމްރާންގެ ޕާޓީ ކަމަށްވާ ތަހްރީކޭއިންސާފު (ޕީ.ޓީ.އައި)އިން ވަނީ ސިއްރިޔާތުގައި އިމްރާންގެ ލޮލަށް އިންޖެކްޝަން ޖެހުމުން އެ ކަމަށް ފާޑުކިޔައިފައެވެ.

"ސަރުކާރުގެ ސިއްހީ ތަންތަނުން ކުރާ ޑައެގްނޯސިސް އާއި ޓެސްޓް ރިޕޯޓްތަކަށް އަހަރެމެން އިތުބާރެއް ނުކުރަން،" ޕީ.ޓީ.އައިއަށް އެކި ގޮތްގޮތުން އެހީވާ އިމްރާންގެ ދައްތަ އަލީމާ ހާނުމް ބުންޏެވެ.

ސަރުކާރުން ބުނީ އިމްރާނަށް ގަވައިދުން ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ކަނާތު ލޮލުގައި ގަނޑުވެފައިވާ ލޭކޮޅެއް މި ދިޔަ މަހު ނެގި ކަމަށެވެ.

އާއިލާއިން ބުނީ އިމްރާން އިތުބާރުކުރާ ޑޮކްޓަރުންގެ ހުއްދަ ނެތި ސަރުކާރުން ފަރުވާ ދިނުމާ ދެކޮޅު ކަމަށެވެ.

"އަހަރެމެން ބޭނުންވަނީ އަވަސް އަދި މިނިވަން ފަރާތްތަކުން އިމްރާނަށް ސިއްހީ ފަރުވާ ދޭން،" އިމްރާންގެ ތިމާގެ މީހަކު ބުންޏެވެ.

އާއިލާ އާއި ވަކީލުން ބޭނުންވާ ވަރަށް އިމްރާންއާ ބައްދަލުކުރަން ވަގުތު ނުދޭތީ ވެސް ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އިމްރާން އާއި އަނބިކަނބަލުން ބުޝްރާ ބީބީ ވެސް ވަނީ 17 އަހަރަށް ޖަލަށް ލައިފައެވެ. އެހެނިހެން ދައުވާތައް އުޅޭތީ އިމްރާން ޖަލުގައި ހޭދަކުރަންޖެހޭ މުއްދަތު އިތުރުވުން އެކަށީގެންވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *