Support Us

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ (ކ) އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

މޯދީގެ ދެވަނަ އިސްރާއީލު ދަތުރުގެ ބޭނުމަކީ ޓެކްނޮލޮޖީ، ދިފާއީ ގުޅުން ވަރުގަދަކުރުން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެ ދުވަހުގެ ރަސްމީ ދަތުރެއްގައި އިސްރާއީލަށް މިއަދު ވަޑައިގަންފިއެވެ.

މިއީ އިސްރާއީލަށް މޯދީ ކުރައްވާ ދެވަނަ ދަތުރެވެ. ފުރަތަމަ ދަތުރުކުރެއްވީ 2017 ގައެވެ.

"މި ދަތުރުގެ ބޭނުމަކީ ޓެކްނޮލޮޖީ އާއި ދިފާއީ ދާއިރާގައި ދެ ގައުމުގެ ގުޅުން ވަރުގަދަކުރުން. އިސްރާއީލުގައި ހުރި ވަރުގަދަ ދިފާއީ ވަސީލަތްތަކުގެ ބޭނުންހިފަން،" އިންޑިއާގެ އޮފިޝަލަކު ބުންޏެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މޯދީއަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފައެވެ.

މޯދީގެ މި ދަތުރުގައި އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ދެއްވަން ވަނީ ހަމަޖައްސަވައިފައެވެ.

ޣައްޒާއަށް ހަމަލާދެމުންދާ ވަގުތެއްގައި މޯދީ އިސްރާއީލަށް ވަޑައިގަތުމުން ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުގެ ފާޑުކިއުން މޯދީއަށްވަނީ އަމާޒުވެފައެވެ. ސަބަބަކީ މޯދީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އިންޑިއާއަކީ ފަލަސްތީނަށް ތާއީދުކުރާ ގައުމަކަށްވާތީއެވެ.

އިންޑިއާ 1974 ގައި ވެފައިވަނީ ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީ.އެލް.އޯ)އަކީ ފަލަސްތީން ރައްޔިތުން ތަމްސީލުކުރާ ހަމައެކަނި ޖަމާއަތްކަމަށް ބުނި ފުރަތަމަ އަރަބި ނޫން ގައުމަށެވެ. އަދި 1988 ގައި އިންޑިއާ ވަނީ ފަލަސްތީންގެ ދައުލަތް ބަލައިގަތް ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނިފައެވެ. ނަމަވެސް ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލް ޖަޒީރާއިން ކުރި ތަހުގީގެއްގައި 2024 ގައި ޣައްޒާ ހަނގުރާމައިގައި އިންޑިއާގެ ހަތިޔާރު އުފައްދާ ކުންފުނިތަކުން އިސްރާއީލަށް ރޮކެޓާއި ގޮވާތަކެތި ފޯރުކޮށްދީފައިވާކަން ވަނީ ހާމަވެފައެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު 10 ގައި ދެ އަހަރުވީ ޣައްޒާ ހަނގުރާމަ ހުއްޓައިލަން މުއާހަދާއެއް ގާއިމުކުރި ނަމަވެސް އިސްރާއީލުން އަދިވެސް ހަމަލާތައް ކުރިއަށްގެންދާތީ މިހާތަނަށް 72،073 މީހުންވަނީ ޝަހީދުވެފައެވެ. އަދި 171،756 މީހުން ޒަހަމްވެފައިވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ އިންޑިއާ އާއި އިސްރާއީލާ ދެމެދު "ބޮޑުވެގެންވާ ގުޅުމެއް" އެބައޮތް ކަމަށެވެ.

"ހުރިހާ ދާއިރާއެއްގައި އެއްބާރުލާން އަހަރެމެން މަޝްވަރާކުރާނަން،" އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މި ދިޔަ އަހަރު އިސްރާއީލުގެ ހައްދުފަހަނަޅައިފައިވާ ކަނާތުފިޔައިގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އިންޑިއާއަށްކުރި ދަތުރެއްގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ފުޅާކުރަން އިންވެސްޓްކުރުމާ ބެހޭ އެއްބަސްވުމެއް ގާއިމުކުރިއެވެ.

ދެ ގައުމުގެ ދެމެދުގައި 2024 ގައި ވަނީ 3.9 ބިލިއަން ޑޮލަރު (60 ބިލިއަން ރުފިޔާ)ގެ ވިޔަފާރިކޮށްފައެވެ. މި ވަގުތު އެއް ގައުމުން އަނެއް ގައުމުގައި ކޮށްފައިވާ އިންވެސްޓްމެންޓް 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ)އަށް އަރައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *