އީރާންގެ ވަށައިގެން އަސްކަރީ ފައުޖުތައް ވަރުގަދަކުރި ނަމަވެސް އެ ގައުމުގެ ނިއުކްލިއަ ހަކަތަ ޕްރޮގްރާމާ ބެހޭ ގޮތުން ބޮޑަށް ބޭނުންވަނީ ޑިޕްލޮމެޓިކް ހައްލެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ބާއްވާ ނުސީދާ ވާހަކަތަކުގެ ތިން ވަނަ ބުރު މާދަމާ ސްވިޒަލޭންޑްގައި ބާއްވަން ވަނީ ހަމަޖައްސައިފައެވެ. އެއީ އުމާނުން މެދުވެރިއެއްގެ ބައި އަދާކުރާ ގޮތަށެވެ.
އެމެރިކާއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި އެ ކަމަށް ހުށަހަޅުއްވާ ހައްލުތައް ގާނޫނު ހަދާ މަޖިލީހުގައި އަހަރަކު އެއް ފަހަރަކު ހާމަކުރައްވަން ޓްރަމްޕް (ފޮޓޯ) އިއްޔެ ދެއްވި ސްޓޭޓް އޮފް ދަ ޔުނިއަން ތަގުރީރުގައި ވިދާޅުވީ "މައްސަލައަކީ އީރާނަކީ ޓެރަރިޒަމަށް އެންމެ ބޮޑަށް ވާގި ދޭ ގައުމުކަމަށްވުން" ކަމަށެވެ.
"އީރާނުން ނިއުކްލިއަ ބޮމެއް އުފައްދަން ދުވަހަކުވެސް ފުރުސަތެއް ނުދޭނަން،" ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުން ބުނެފައިވަނީ ދުވަހަކު ވެސް ނިއުކްލިއަ ބޮމެއް ތައްޔާރުނުކުރާނެ ކަމަށެވެ.
މި ދިޔަ އަހަރު ޖޫންގައި އިސްރާއީލާ ގުޅިގެން އީރާނުން ނިއުކްލިއަ ހަކަތަ ތައްޔާރުކުރާ މައިގަނޑު ތިން މަރުކަޒަށް އެމެރިކާއިން ހަމަލާދިނެވެ. އެ ހަމަލާތަކަށްފަހު އީރާނުން އަލުން ނިއުކްލިއަ ޕްރޮގްރާމް ތަރައްގީކުރަން ފެށި ކަމަށާއި އެމެރިކާއަށް ފޯރާވަރުގެ މިސައިލް ވެސް ހަދަމުންދާ ކަމަށް އިއްޔެގެ ތަގުރީރުގައި ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުން ބުނީ އެ ގައުމުން ވެސް ބޭނުންވަނީ ޑިޕްލޮމެޓިކް ހައްލެއް ކަމަށާއި ޔުރެނިއަމް ފައްކާކުރަނީ ރައްޔިތުންނަށް ފައިދާހުރި މަޝްރޫއުތަކަށް ކަމަށެވެ. މިހެންވެ އެމެރިކާއިން އެދުނަސް ޔުރެނިއަމް ފައްކާކުރުން ހުއްޓައިނުލައިނެ ކަމަށާއި ޔުރެނިއަމް ފައްކާކުރުމުގެ "މައްސަލަ" މަޝްވަރާތަކަށް އެމެރިކާއިން ހުށަނާޅާ ކަމަށް އީރާނުން ބުންޏެވެ.
އެމެރިކާއާ ހަނގުރާމަ ނުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ އެކްސްގައި އިއްޔެ ވިދާޅުވިއެވެ.
"އިންސާފުވެރި އަދި ހަމަހަމަކަން ދެ ގައުމުގެ ދެމެދުގައި ގާއިމުކުރެވޭ ޑީލަކާ ހިސާބަށް ވީ އެންމެ އަވަހަށް އާދެވޭނެ ކަމަށް އުއްމީދުކުރަން،" އޭނާ ވިދާޅުވިއެވެ.
އީރާންގެ އަސާސީ އުސޫލުތައް ސާފުކަމަށާއި ކުރިން ގާއިމުނުކުރެވޭ ފަދަ ތާރީހީ މުއާހަދާއެއް ދެ ގައުމުގެ ދެމެދުގައި ގާއިމުކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް އެއީ ޑިޕްލޮމެސީއަށް އިސްކަން ދީގެން ވާނެ ކަމެއް ކަމަށް އަރާޣްޝީ ވިދާޅުވިއެވެ.



advertisment