އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ލަކްނޯ ސިޓީގެ ލަކްނޯ ޔުނިވާސިޓީގެ ތާރީހީ ލާލް ބަރަދާރީ އިމާރާތުގެ ބޭރުގައި އާދީއްތަ ދުވަހު ހިންދޫ ދަރިވަރުންގެ ހިމާޔަތުގައި ނަމާދުކުރި ބައެއް ދަރިވަރުންނަށް މިއަދު އެއް އަހަރުގެ ބޮންޑްތަކެއް މަތިކޮށްފިއެވެ.
ބޮންޑްތައް މަތިިކުރީ ރޯދަމަހުގެ ފުރަތަމަ ހުކުރު ހުއްދަ ނުނަގާ އެ އިމާރާތުގެ ތެރޭގައި ކުރުމުންނެެވެ.
އާދީއްތަ ދުވަހު ލާލް ބަރަދާރީގެ ބޭރުގައި ހިންދޫ ދަރިވަރުންގެ ރައްކާތެރިކަމުގައި ނަމާދުކުރީ 200 އަހަރުވީ އިމާރާތް މާ ބޮޑަށް ބާވެފައިވާ ކަމަށް ބުނެ މި ރޯދަ މަހު ބަންދުކޮށް، ނަމާދުކުރާނެ އެހެން ތަނެއް ޔުނިވާސިޓީން ނުދެއްކުމުންނެވެ. ޔުނިވާސިޓީގައި މިސްކިތެއް ނެތް ނަމަވެސް އެތައް ދަހަރެއް ވަންދެން ނަމާދުކުރަނީ ލާލް ބަރަދާރީގައެވެ.
ޔުނިވާސިޓީން މިއަދު ބުނީ 50،000 ރުޕީސް ނުވަތަ 549 ޑޮލަރު (8،499ރ.)ގެ ޕާސަނަލް ބޮންޑެއް 13 ދަރިވަރުންނަށް މަތިކުރި ކަމަށެވެ. މަތިކުރީ އެ އިމާރާތަކީ ރައްކާތެރިކޮށްފައިވާ ތަރިކައަކަށްވާތީ ހުއްދަ ނުނަގާ ހުކުރުކުރުމުން ކަމަށެވެ. އަދި ކުރިއަށް އޮތް އެއް އަހަރު ދުވަހު އެ ފަދަ ކަމެއް ދެން ނުކޮށްފި ނަމަ އެ ޕާސަނަލް ބޮންޑް ދައްކާކަށް ނުޖެހޭނެ ކަމަށެވެ.
ޔުނިވާސިޓީން ވަނީ ހަމަ އެ އަދަދުގެ ޝުއަރިޓީ ކޮންމެ ދަރިވަރެއްގެ ފަރާތުން ދެ މީހެއްގެ މައްޗަށް މަތިކޮށްފައެވެ. އެ ގޮތުން އެ ޝުއަރިޓީއާ ހަވާލުވާ ދެ މީހުންނަށް، އެ ދަރިވަރަކު އެ ފަދަ ކަމެއް ކުރިއަށް އޮތް އެއް އަހަރު ތެރޭގައި ތަކުރާރު ނުކޮށްފިނަމަ އެ ޝުއަރިޓީ ދައްކާކަށް ނުޖެހޭނެއެވެ.
ފައިސާގެ ބޮންޑްތަކެއް މަތިކުރުމުން 13 ދަރިވަރުންނާއި އެ ދަރިވަރުންނަށް ތާއީދުކުރާ މީހުން ވަނީ އެ ކަމާ އަޑުއުފުލައި އަދި އެ ބޮންޑްތަކާ ދެކޮޅު ހަދާކަމަށް ބުނެ މެމޮރެންޑަމްއެއް ޔުނިވާސިޓީއަށް ހުށަހަޅައިފައެވެ.
މި ބޮންޑްތަކުގައި ސޮއިކުރަން ދެކޮޅު ހަދައިފިނަމަ އިންޑިއާގެ ގާނޫނުގައިވާ ގޮތުން އެއް އަހަރުގެ މުއްދަތަށް އެ ދަރިވަރަކު ބަންދުކޮށް ނުވަތަ އެ ދަރިވަރަކާ ދެކޮޅަށް އެހެނިހެން ގާނޫނީ ފިޔަވަޅު އެޅޭނެއެވެ.
ފުލުހުންގެ ރިޕޯޓަކަށް ބިނާކޮށް އެގްޒެކެޓިވް މެޖިސްޓްރޭޓެއްގެ އަމުރުގެ ދަށުން މި ފަދަ ބޮންޑަކާއި ޝުއަރިޓީއެއް މަތިކުރީ ހުރިހާ ދީނަކަށް ހަމަހަމަކަން ދޭ ޔުނިވާސިޓީގެ ލާލް ބަރަދާރީ އިމާރާތުގައި ދަރިވަރުން ހުކުރުކުރުމުން "ނުތަނަވަސް މާހައުލެއް" އުފެދުނު ކަމަށާއި "ރައްޔިތުންގެ އާއްމު މަސްލަހަތު ގެއްލިދާނެ" ކަމަށް ޔުނިވާސިޓީން ބުނެފައެވެ.
"އެ ދަރިވަރުން ހިންގީ ހުއްދަ ނުދޭ ދީނީ ހަރަކާތެއް. ފިޔަވަޅު އަޅަން ޖެހުނީ ޔުނިވާސިޓީގެ ގަވައިދުތައް ނަގަހައްޓާއި ގާނޫނާއި ގަވައިދު ދަމަހައްޓަން،" ޔުނިވާސިޓީގެ އޮފިޝަލެއް ބުންޏެވެ.
ލާލް ބަރަދާރީގައި މުސްލިމް ދަރިވަރުން ހުކުރުކުރުމާ ހިންދޫ ދަރިވަރުންތަކެއް ވަނީ ދެކޮޅުހަދައިފައެވެ. ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގައެވެ.



advertisment