އީރާނަށް ހަމަލާނުދޭން އެމެރިކާގެ އަސްކަރީ އެންމެ އިސް އެޑްވައިޒަރު ޑޭން ކެއިން ނަސޭހަތް ނުދޭ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ޓްރަމްޕް އިއްޔެ ވިދާޅުވީ ޑޭން (ފޮޓޯ) އެ ގޮތަށް އިރުޝާދު ދިން ކަމަށް މީޑިއާއިން ރިޕޯޓްކުރުމަކީ ދޮގު މައުލޫމާތު ކަމަށެވެ.
"ޑޭން އެހެން ބުނި ކަމަށް ދެކެވޭ ވާހަކައަކީ 100 ޕަސެންޓް ނުބައި މައުލޫމާތު،" ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ހަވާލާދެއްވި މީޑިއާ ރިޕޯޓްތަކުން ބުނެފައިވަނީ ޑޭން ބުނެފައިވާ ގޮތުގައި އީރާނަށް ހަމަލާދީފިނަމަ ދިގުދެމިގެންދާ ހަނގުރާމައަކަށް އެމެރިކާ ވެއްޓިދާނެ ކަމަށެވެ. އަދި އޭގެ އިތުރުން އެމެރިކާގެ ހަތިޔާރު ސްޓޮކްތައް މަދުވެ، ސިފައިން ވެސް މަރުވާނެ ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ރަނގަޅު ނޫން ކަމަށް ވިދާޅުވަމުން ޓްރަމްޕް ވިދާޅުވީ "ޑޭންއަށް އެނގެނީ ހަމައެކަނި އެންމެ ކަމެއް ކަމަށާއި އެއީ ކޮންމެ ކަމެއް ވެސް ކާމިޔާބުކުރުން" ކަމަށެވެ.
"އަސްކަރީ ފިޔަވަޅާ ޑޭން ދެކޮޅެއް ނޫން،" ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުން ބުނީ އެމެރިކާއިން ހަމަލާދީފިނަމަ ރައްދު ދޭނެ ކަމަށެވެ.
އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް އީރާން ވަށައިލައިފައިވާއިރު އީރާންގެ ނިއުކްލިއަ ހަކަތަ ޕްރޮގްރާމާމެދު އެއްބަސްވުމަކަށް އަންނަން އެމެރިކާ އާއި އީރާނުން ވަނީ ތައްޔާރުވެފައެވެ. އެއީ ބުރާސްފަތި ދުވަހު ސްވިޒަލޭންޑްގައި އުމާނުން މެދުވެރިއެއްގެ ބައި އަދާކުރާ ނުސީދާ ވާހަކަތަކުން ކަމަށް އީރާނުން ބުނެފައިވެއެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ ނިއުކްލިއަ މުއާހަދާއެއް ގާއިމުކުރަން އީރާނަށް އޮތީ 15 ދުވަސް ކަމަށާއި އަންނަ މަހާ ހަމައަށް އެ ފަދަ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ "ނުބައި ނަތީޖާއެއް" ދައްކަވައިލައްވައިނެ ކަމަށެވެ. އަދި މުއާހަދާއެއް ގާއިމުކުރަން މަޖުބޫރުކުރުމުގެ ގޮތުން އީރާނަށް "ފަހަރެއްގައި ކޮންމެވެސް މިންވަރަކަށް ހަމަލާދީފާނެ" ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދާދި ފަހުން ޓްރަމްޕްގެ ގާތުގައި ބުނީ އީރާނާއެކު ގާއިމުކުރާ މުއާހަދާގައި އީރާންގެ ދިފާއީ ބާރުތައް ކުޑަކުރުމަށާއި މެދުއިރުމަތީގެ ހަނގުރާމަވެރިންނަށް އީރާނުން ދޭ ތަރުހީބު ހުއްޓައިލުމަށް އީރާން އެއްބަސްކުރުވަން ޖެހޭނެ ކަމަށެވެ.
އީރާނުން ބުނީ ވާހަކަތަކުގައި އެމެރިކާއިން ދައްކަންވާނީ ހަމައެކަނި އީރާންގެ ނިއުކްލިއަ ޕްރޮގްރާމާ ގުޅޭ ކަންތައްތައް ކަމަށެވެ. އީރާނުން ޔުރެނިއަމް ފައްކާކޮށްގެންނުވާނެ ކަމަށް އެމެރިކާއިން ބުންޏަސް އެމެރިކާއިން އެ ވާހަކަ މަޝްވަރާތަކަށް ހުށަހަޅައިފައިނުވާ ކަމަށް އީރާނުން ބުންޏެވެ.
މި ދިޔަ އަހަރު ޖޫންގައި އިސްރާއީލާ ގުޅިގެން އެމެރިކާއިން ވަނީ އީރާންގައި ނިއުކްލިއަ ހަކަތަ އުފައްދާ މައި ތިން މަރުކަޒަށް ހަމަލާދީފައެވެ.



advertisment