ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ ޔަހޫދީންތަކެއް ވިލެޖެއްގައި ހުރި މިސްކިތެއްގެ ފާރުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ގްރެފިޓީ ލިޔެފައި ހުޅުޖަހައިފިއެވެ.
ފަތިސް ނަމާދަށް އަބޫ ބަކްރުއްސިއްދީގު މިސްކިތަށް ދިޔަ މީހުންނަށް ފެނުނީ ތަޅައިގެން ގޮސްފައިވާ ބިއްލޫރިތަކާއި ދުން އަރަމުންދިޔަ މަންޒަރުކަމަށް ވަފާ ނޫސް އެޖެންސީން އިއްޔެ ރިޕޯޓްކުރިއެވެ.
"ވަންނަ ދިމާ އަނދާފައި ހުރީ. އަދި ދޮރެއް ހުރީ ތަޅާލައިފައި. އަހަރެންނަށް ލިބުނީ ސިހުމެއް،" އެ ހިސާބުގައި ދިރިއުޅޭ މުނީރު ރަމްޟާން ބުންޏެވެ.
ފަލަސްތީން އޮތޯރިޓީ (ޕީ.އޭ)ގެ އިސްލާމީ ވުޒާރާއިން ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ.
"މިއީ ޔަހޫދީ ވަޒަންވެރިން އިސްލާމީ ބިނާތަކަށް ހަމަލާތައްދިނުން ނިޒާމީ ގޮތުން އިތުރުވަމުން ދާދިއުމެއްކަން ފާހަގަކުރެވޭ،" އޮފިޝަލަކު ބުންޏެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ވެސް މި ހަމަލާ ކުށްވެރިކުރިއެވެ. އަދި ބުނީ ތަހުގީގެއް ފަށައިފައިވާ ކަމަށެވެ.
ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ ޔަހޫދީން ފަލަސްތީން ރަށްވެހިންނަށް ހަމަލާދިނުން ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.



advertisment