Support Us

ބައްދަލުވުމުގައި އެމެރިކާއިން ދައްކަންވާނީ ހަމައެކަނި ނިއުކްލިއަ ޕްރޮގްރާމްގެ ވާހަކަ: އީރާން

އަންނަ ބުރާސްފަތި ދުވަހު ސްވިޒަލޭންޑްގައި ބާއްވާ ވާހަކަތަކުގައި އެމެރިކާއިން ދައްކަންވާނީ ހަމައެކަނި ނިއުކްލިއަ ޕްރޮގްރާމާ ގުޅޭ ވާހަކަތައް ކަމަށް އީރާނުން ބުނެފިއެވެ.

ރައީސް މަސްއޫދު ޕަޒަޝްކިއަން (ފޮޓޯ) ވިދާޅުވީ ބައްދަލުވުމުން ރަނގަޅު ނަތީޖާއަކަށް އެދެވޭ ކަމަށެވެ.

"މިހާތަނަށް ބޭއްވި ވާހަކަތަކުން ހިތްވަރު ލިބޭ ފަދަ ނަތީޖާތަކެއް ނުކުތް. ނަމަވެސް ކޮންމެ ފަދަ މަސްރަހަކަށް ވެސް އަހަރެމެން ތައްޔާރު،" އޭނާ ވިދާޅުވިއެވެ.

ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވީ ޑިޕްލޮމެޓިކް ހައްލަކާ ހިސާބަށް ދިއުމަށް ރަނގަޅު ފުރުސަތެއް އެބަ އޮތް ކަމަށެވެ.

"ނަމަވެސް ވާހަކަތަކުގައި މަޝްވަރާކުރަން ޖެހޭނީ ހަމައެކަނި ނިއުކްލިއަ ޕްރޮގްރާމާ ބެހޭ ގޮތުން،" އޭނާ ވިދާޅުވިއެވެ.

ސްވިޒަލޭންޑްގައި ބާއްވާ އަނެއްކާވެސް ނުސީދާ ވާހަކަތަކުގައި މި ފަހަރު ވެސް މެދުވެރިއެއްގެ ދައުރު އަދާކުރަނީ އުމާނުންނެވެ. އެންމެ ފަހުން ބޭއްވި ބައްދަލުވުން ކޮޅެއްގައިނުޖެހުނަސް އެމެރިކާ އާއި އީރާނުން ވެސް ބުނީ ވާހަކަތައް ކުރިއަށްގެންދަން ހިތްވަރު ލިބުނު ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ބައްދަލުވުން ކަށަވަރު ކޮށްދެއްވަމުން އުމާންގެ ހާރިޖީ ވަޒީރު ބަދްރު އަލްބޫސައީދީ ވިދާޅުވީ ނިއުކްލިއަ މުއާހަދާއެއް ގާއިމުކުރަން ހިނގާ މަގުގައި އެމެރިކާ އާއި އީރާނުން އިތުރަށް ކުރިއަށްދާން ބޭނުން ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފައިވަނީ އަންނަ މަހާ ހަމައަށް އީރާނުން ނިއުކްލިއަ މުއާހަދާއެއް ގާއިމުނުކޮށްފިނަމަ "ނުބައި ނަތީޖާ" ދައްކަވާލާނެ ކަމަށެވެ.

އިސްރާއީލާ ގުޅިގެން އެމެރިކާއިން މި ދިޔަ އަހަރު ޖޫންގައި ވަނީ އީރާނުން ނިއުކްލިއަ ހަކަތަ މަޝްރޫއު ހިންގާ މައި ތިން މަރުކަޒަށް ހަމަލާދީފައެވެ.

ދާދި ފަހުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޓްރަމްޕް ގާތުގައި ބުނީ އީރާންގެ ދިފާއީ ބާރު ކުޑަކުރުމަށާއި މެދުއިރުމަތީގެ ހަނގުރާމަވެރިންނަށް ދޭ ތަރުހީބު ހުއްޓައިލަން މުއާހަދާގައި އީރާން އެއްބަސްކުރުވަން ޖެހޭނެ ކަމަށެވެ.

އީރާނުން ބުނެފައިވަނީ ނިއުކްލިއަ ބޮން ހަދަން ނޫޅޭ ކަމަށާއި ޔުރެނިއަމް ފައްކާކުރަނީ ސުލްހަވެރި ކަންތައްތައް ކުރުމަށް ކަމަށެވެ. އަދި ބުނެފައިވަނީ ބެލިސްޓިކް މިސައިލް އުފެއްދުން ހުއްޓާނުލާނެ ކަމަށެވެ. ޔުރެނިއަމް ފައްކާނުކުރުމަށް އެމެރިކާއިން އެދިފައިނުވާ ކަމަށް އީރާނުން ބުންޏެވެ.

އީރާންގެ ވަށައިގެން އެމެރިކާއިން މިހާރު ވަނީ އަސްކަރީ މަނަވަރުތައް އަތުރާލައިފައެވެ. އޭގައި ޖެޓުތަކާއި އެތައް ހާސް ސިފައިން އެބަތިއްބެވެ.

ޓްރަމްޕް ދާދި ފަހުން ވިދާޅުވީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި އީރާނުން އެއްބަސްވުމަކާ ހަމައަށް ނުގޮސްފިނަމަ ކޮންމެވެސް މިންވަރެއްގެ ހަމަލާތަކެއްދީފާނެ ކަމަށެވެ. އެއީ އެމެރިކާއާއެކު މުއާހަދާއެއް ގާއިމުކުރުމަށް މަޖުބޫރުކުރުމަށް ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *