ޖަރުމަންގެ ބްރޭމަން ސިޓީގައި ހުންނަ ހޮސްޕިޓަލެއްގެ މުވައްޒަފުންނަށް ފުރަތަމަ އިވުނީ އެމަޖެންސީ ރޫމް (އީ.އާރް)ގެ ދޮރުގައި އެއްޗެއް ތަޅާ އަޑެވެ. ބެލިއިރު ބޮޑު ދޫންޏެއް ދިޔައީ އެ ސޮރުގެ ތުނބުން ދޮރުގައި ޖަހަމުންނެވެ.
ހޮސްޕިޓަލުން ވަގުތުން ގުޅީ އަލިފާން ނިއްވާ މީހުންނަށެވެ. އެ ދޫންޏަށް ރައްކާތެރިކަން ދިނުމަށެވެ.
އަލިފާން ނިއްވާ މީހުން އައިސް އެ ސޮރު ނެގިއެވެ. އަދި ބެލިއިރު އެ ދޫނީގެ ތުނބުގައި ވަނީ މަސް ބާނާ ބުޅިއެއް އަޅައިގެންފައެވެ.
މި ދިޔަ އާދީއްތަ ދުވަހު ހިނގި އެ ހާދިސާގައި އެނގުނު ގޮތުގައި އެ ދޫންޏަކީ އައިންމަތީ ދޫންޏެއް ކަމަށްވާ "ކޯމަރަންޓް"އެކެވެ.
ސިއްހީ އެހީތެރިންނާއި އަލިފާން ނިއްވާ މީހުން ގުޅިގެން އެ ސޮރުގެ ތުނބުން ބުޅި ނައްޓައިލިއެވެ. އަދި ޒަހަމަށް ފަރުވާ ދިނެވެ. ދެން ހޮސްޕިޓަލް އޮންނަ ޕާކް ތެރެއަށް ދޫކޮށްލިއެވެ. މިނިވަންކަމާއެކު އެ ސޮރު ދާން ބޭނުންވާ ތަނަކަށް ދިއުމަށެވެ.
"ޒަހަމްވެފައިވާ ކޯމަރަންޓެއް އެ ސޮރުގައި ގުދުރަތީ ގޮތުން ހުންނަ ބިރުގަންނަ ސިފަ ދޫކޮށްލައިފައި ބިރުކަނޑައިލައިފައި އިންސާނުން ގާތަށް އަންނާނީ ވަރަށް ބޮޑަށް ހާސްވުމުން،" އަލިފާން ނިއްވާ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ އިދާރާއިން ބުނީ އެ ބުޅި ނުނެއްޓުނުނަމަ އެ ސޮރަށް އިންފެކްޝަން ޖެހި، ތަދު އިހްސާސްވެ އަދި ބަނޑަށްޖެހުން ވެސް އެކަށީގެންވާ ކަމަށެވެ.



advertisment