ޣައްޒާ ހަނގުރާމައިގައި 73،000 މީހުން ޝަހީދުވެފައިވާ ކަމަށް ބެލެވުނަސް ހަގީގީ އަދަދަކީ 75،000 އިން މަތި ކަމަށް މިނިވަން ދިރާސާއަކުން ދައްކައިފިއެވެ.
ސައިންޓިފިކް ގޮތަކަށް، ގެބިސީތަކުން ނަގައިފައިވާ މައުލޫމާތަށް ބިނާކޮށް ހެދި ދިރާސާއިން އެނގުނު ގޮތުގައި 2023 ގެ އޮކްޓޫބަރު ހަތެއްގައި ހަނގުރާމަ ފެށުމުގެ ކުރިން އާބާދީގައި ތިބި 2.2 މިލިއަން މީހުންގެ ތެރެއިން 3.4 ޕަސެންޓް މީހުން ވަނީ މި ދިޔަ މަހު ފަހަކާ ހިސާބަށް ޝަހީދުވެފައެވެ. އެއީ މި ދިޔަ އަހަރު އޮކްޓޫބަރު 10 ގައި ހަނގުރާމަ ހުއްޓައިލަން އެއްބަސްވި ނަމަވެސް އިސްރާއީލުން އަދިވެސް ކޮންމެ ދުވަހަކުހެން ހަމަލާދެމުންދާތީއެވެ.
ދަ ލާންސެޓް ގްލޯބަލް ހެލްތު މަޖައްލާގައި ޝާއިއުކޮށްފައިވާ ދަ ޣައްޒާ މޯޓަލިޓީ ސާވޭގެ ނަމުގައި ކޮށްފައިވާ ދިރާސާގައި އިސްކޮށް އުޅުނު އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގެ ރޯޔަލް ހޮލަވޭ ޔުނިވާސިޓީގެ އިގުތިސާދު މާއްދާގެ ޕްރޮފެސަރު މައިކަލް ސްޕެގެޓް ބުނީ ޣައްޒާގެ ސިއްހީ ވުޒާރާއިން ދޭ މައުލޫމާތަކީ ބަރޯސާކުރެވޭ މައުލޫމާތު ކަމަށެވެ.
"ނަމަވެސް މަރުވާ މީހުންގެ ތަފާސްހިސާބު ބަލަހައްޓާ ނިޒާމު ހަލާކުވެފައިވާތީ 75،200 އަށްވުރެ ގިނަ މީހުން މަރުވެފައިވުން އެކަށީގެންވަނީ،" އޭނާ ބުންޏެވެ.
ޝަހީދުވި މީހުންގެ އަދަދު އިތުރު ކަމަށް ބެލެވެނީ ހޮސްޕިޓަލްތައް ހަލާކުވެފައިވުމާއި މީހުން ޝަހީދުވެފައިވާ އަދަދު މިނިވަން ގޮތެއްގައި ރިޕޯޓްކުރެވޭނެ ފުރުސަތު ނެތުމުން ކަމަށް ވެސް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
މި ދިރާސާއާ ދެކޮޅުހަދަމުން އިސްރާއީލުގެ އޮފިޝަލުން ބުނީ ޣައްޒާގެ ސިއްހީ ވުޒާރާގެ ތަފާސްހިސާބަށް ބަރޯސާއެއް ނުކުރެވޭނެ ކަމަށާއި ސަބަބަކީ އެ މައުލޫމާތަށް ޣައްޒާ ހިންގާ ހަމާސް ޖަމާއަތުން ނުފޫޒު ފޯރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާތީ ކަމަށެވެ. ނަމަވެސް ތަޖުރިބާކާރުން ބުނީ ސީދާ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ އަދަދުގެ އިތުރުން ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައިވާ މީހުންގެ އަދަދަށް ބަލައިފިނަމަ، މި މިނިވަން ދިރާސާގެ މައުލޫމާތަކީ ރަނގަޅު ތަފާސްހިސާބުތަކެއް ކަމަށް ބެލެވޭ ކަމަށެވެ.



advertisment