Support Us

ބީ.ޑީ.އެސްއިން އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައި މި ދިޔަ މަހު 31 ގައި ބޭއްވި ހަރަކާތެއް

ޣައްޒާ ހަނގުރާމަ ކުރިއަށްގެންދާތީ އިސްރާއީލުގެ މުދާ ބޮއިކޮޓްކުރުން ޔޫރަޕްގައި އިތުރުވަނީ

ދެ އަހަރަށްވުރެ ގިނަ ދުވަސްވީ ޣައްޒާ ހަނގުރާމަ އަދިވެސް ކުރިއަށްގެންދާތީ ޔޫރަޕް އިއްތިހާދުގެ ގައުމުތަކުގައި އިސްރާއީލުގެ އުފެއްދުންތައް ބޮއިކޮޓްކުރުން އިތުރުވާން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ހަރަކާތް ކުރިއަށްދަނީ ހަމައެކަނި ފަރުދީ ފެންވަރަކު އެކަންޏެއް ނޫނެވެ. ނަމަވެސް ޔޫނިއަންތަކާއި ރީޓެއިލް ވިޔަފާރިތަކުން ވެސް ވަނީ މި ކަމުގައި ބައިވެރިވާން ފަށައިފައެވެ.

މި ހަރަކާތަށް ތާއީދުކުރާ ފަރާތްތަކުން ބުނީ މިއީ ދެކުނު އެފްރިކާގައި ކުރިން ކަޅު މީހުންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިންގި ނަސްލީ ތަފާތުކުރުން ނުވަތަ "އެޕާތެއިޑް" ސިޔާސަތާ ދެކޮޅަށް އެ ގައުމުގެ މުދާ ބޮއިކޮޓްކުރި ހަރަކާތް ފަދަ ކަމެއް ކަމަށެވެ. ދެކުނު އެފްރިކާގައި އެޕާތެއިޑް އޮތްއިރު ފަދައިން އިގުތިސާދީ ޕްރެޝަރު އިސްރާއީލާ ދެކޮޅަށް ވެސް ކާމިޔާބުވާނެ ކަމަށް އިސްރާއީލުގެ މުދާ ބޮއިކޮޓްކުރަން ގޮވާލާ ފަރާތްތަކުން ގަބޫލުކުރެއެވެ.

މި ހަރަކާތަށް ތާއީދުކުރާ އެއް ބަޔަކީ ބޮއިކޮޓް، ޑައިވެސްޓްމަންޓް އެންޑް ސެންކްޝަންސް (ބީ.ޑީ.އެސް)އެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އިސްރާއީލުން ތަބާވެ، އިސްރާއީލުން ފަލަސްތީނުން ފައިބަން ބާރުއަޅާ ހަރަކާތެކެވެ. އެ ގޮތުން 2005 ގައި ގާއިމުކުރި ބީ.ޑީ.އެސްއިން ބުނީ އިސްރާއީލުން އެ ގޮތަށް އަމަލުކުރަންދެން އިސްރާއީލާ ދެކޮޅަށް އިގުތިސާދީ އަދި ސަގާފީ ބޮއިކޮޓްކުރުމުގެ ފިޔަވަޅު އަޅަން ޔޫރަޕް ރައްޔިތުން އެ މީހުންގެ ސަރުކާރުތަކަށް ޕްރެޝަރުކުރަން ޖެހޭނެ ކަމަށެވެ.

"މިއަދު އެޕާތެއިޑް ހިންގާ، އަދި ފަލަސްތީން ނަސްލު ނައްތައިލަން މަސައްކަތްކުރާ އިސްރާއީލާ ދެކޮޅަށް އިގުތިސާދީ ޕްރެޝަރު ކުރުމުން އަހަރެމެންނަށް ކާމިޔާބުވާނެ،" ބީ.ޑީ.އެސްގެ އެކްޓިވިސްޓް ޑޭމީއަން ކުއިން ބުންޏެވެ.

އިސްރާއީލާ ދެކޮޅަށް ހިންގާ މި ފަދަ ހަރަކާތްތައް އިސްރާއީލުން ސިއްރިޔާތުގައި މޮނިޓަކުރެއެވެ. އެ ގޮތުން އިސްރާއީލުގެ ޖަސްޓިސް މިނިސްޓްރީ އާއި ސްޓްރެޓަޖިކް އެފެއާޒް މިނިސްޓްރީން 154،200 ޑޮލަރު (2.3 މިލިއަން ރުފިޔާ) ގާނޫނީ ވަކީލުންގެ ކުންފުނިތަކަށް ދީގެން އިސްރާއީލުގެ މުދާ ބޮއިކޮޓްކުރާ ފަރާތްތައް މޮނިޓަކުރާކަން ވަނީ ހާމަވެފައެވެ.

އިސްރާއީލުގެ މުދާ ބޮއިކޮޓްކުރަން ގޮވާލާ އަދި ބޮއިކޮޓްކުރާ ފަރާތްތަކާ ދެކޮޅަށް، އިސްރާއީލަށް ތާއީދުކުރާ ގްރޫޕްތަކާއި ޔޫރަޕް އިއްތިހާދުގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސްތަކުގެ ބައެއް މެންބަރުން ދަނީ މަސައްކަތްކުރަމުންނެވެ. އެ ފަރާތްތަކުން ބުނަނީ އިސްރާއީލުގެ މުދާ ބޮއިކޮޓްކުރުމުން ޔޫރަޕްގެ ގައުމުތަކުގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދޭނެ ކަމަށާއި އިސްރާއީލާއެކު އޮތް އިގުތިސާދީ ގުޅުންތައް ހީނަރުވާނެ ކަމަށެވެ. އެ ފަރާތްތަކުން ބުނަނީ ބައިބައިވުން އުފެއްދުމުގެ ބަދަލުގައި ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުން މުހިންމު ކަމަށެވެ.

މި ދިޔަ އަހަރު އޮކްޓޫބަރު 10 ގައި ޣައްޒާ ހަނގުރާމަ ހުއްޓައިލަން އެއްބަސްވި ނަމަވެސް އިސްރާއީލުން އަދިވެސް ހަމަލާތައް ކުރިއަށްގެންދާތީ މިހާތަނަށް 73،000 މީހުން ޝަހީދުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *