އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝެލް، ރާމާމަކުނު ސިފައިގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާގައި ދެއްކުމަކީ ގައުމުގެ ސިޔާސީ ކަންކަމުގައި އިހްތިރާމް ގެއްލިފައިވާކަމުގެ ނިޝާނެއް ކަމަށް އޮބާމާ ވިދާޅުވެއްޖެއެވެ.
މިއީ މި މައްސަލައިގައި އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސް ކަމަށްވާ އޮބާމާ އާއްމުކޮށް ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.
ބްރަޔަން ޓައިލާ ކޮއަންގެ ޕޮޑްކާސްޓްގައި މި ވީޑިއޯއާ ބެހޭ ގޮތުން ބްރަޔަން ސުވާލު ކުރެއްވުމުން، ސީދާ ޓްރަމްޕްގެ ނަން ބޭނުންނުކުރައްވައި އޮބާމާ އިއްޔެ ވިދާޅުވީ އެމެރިކާގެ ސޯޝަލް މީޑިއާ އާއި ޓީވީ ޕްރޮގްރާމްތައް މިހާރު "ޖޯކަ"ކަށްވެފައިވާ ކަމަށެވެ.
"މި ކަހަލަ އަމަލުތަކުގެ ސަބަބުން އެމެރިކާގެ ގިނަ ރައްޔިތުންގެ ސިކުނޑިއަށް ވަރަށް އުނދަގޫވޭ،" އޮބާމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ "ލަދުވެތިކަމާއި ޝަރަފުވެރިކަން" ވެސް އެމެރިކާގެ ސިޔާސީ ކަންތައްތަކުން ގެއްލިއްޖެ ކަމަށެވެ.
އޮބާމާ ވިދާޅުވީ މި ފަދަ މައްސަލަތަކުގެ ސަބަބުން ޓްރަމްޕްގެ ރިޔާސީ ދައުރުގެ މެދުތެރޭގައި ބާއްވާ އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.
މީގެ ހަފުތާއެއް ކުރިން ޓްރަމްޕް ވަނީ އޭނާގެ ޓްރުތު ސޯޝަލްގައި އެއް މިނެޓް ދެ ސިކުންތުގެ ވީޑިއޯއެއްގެ ފަހުކޮޅުގައި ރާމާމަކުނުގެ ބާވަތެއް ކަމަށްވާ އޭޕްތަކެއްގެ ހަށިގަނޑުގައި އޮބާމާ އާއި މިޝެލްގެ ބޯ ޖަހައިފައި، އެ ދެކަނބަލުން ރާމާމަކުނު ސިފައިގައި ދައްކައިފައެވެ.
ޚުދު ޓްރަމްޕްގެ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީން ވެސް މި ވީޑިއޯއާ ދެކޮޅު ހެދުމުން، ވީޑިއޯގައި އޮބާމާގެ ދެކަނބަލުން ރާމާމަކުނު ގޮތުގައި ދައްކާ ބައި ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި، ވީޑިއޯ ލީ ޓްރަމްޕްގެ ސޯޝަލް މީޑިއާއަށް ޕޯސްޓް ލުމަށް ހުއްދަ އޮންނަ މުވައްޒަފަކަށް އޮޅިގެން ކަމަށް ވިދާޅުވެ، އޮބާމާގެ ދެކަނބަލުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވަން ޓްރަމްޕް ދެކޮޅުހެއްދެވިއެވެ.
މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކޮށްގެން ހަދައިފައިވާ ވީޑިއޯ ޓްރަމްޕް ފުހެލީ 12 ގަޑިއިރު ފަހުން އެތައް މިލިއަން މީހުން އެ ވީޑިއޯ ބެލުމަށްފަހު ވާނެއެއްޗެއް ވުމުންނެވެ. ކަޅު މީހުން އެމެރިކާއަށް ކޮށްދީފައިވާ ހިދުމަތްތައް ފާހަގަކުރާ މަސް ނުވަތަ "ބެލްކް ހިސްޓްރީ މަންތް"އާ ދިމާކޮށް މި ވީޑިއޯލުމާއެކު ފާޑުކިޔާ ފަރާތްތަކުން ބުނީ މި ފަދަ ތަކެތި މުޖުތަމައުގައި ޓްރަމްޕް އާއްމުކުރެއްވުމުގެ ބޭނުމަކީ ނަސްލީ ތަފާތުކުރުން އާދައިގެ ކަމަކަށް ހެއްދެވުން ކަމަށެވެ.



advertisment