ދުނިޔޭގެ 51 ޕަސެންޓް ފަރުތައް މަރުވެއްޖެ ކަމަށް އާ ދިރާސާއަކުން ހާމަވެއްޖެއެވެ.
ނޭޗާ ކޮމިއުނިކޭޝަންސް މަޖައްލާގައި އިއްޔެ ޝާއިއުކުރި ދިރާސާގައި ބުނީ 2014 އާއި 2017 އާ ދޭތެރޭ ކަނޑުގައި ފެތުރިގެންދިޔަ ހޫނުކަމެއްގައި މި ރެކޯޑު އަދަދަށް "ގާ ހުދުވީ" ނުވަތަ "ކޮރަލް ބްލީޗް"ވީ ކަމަށެވެ.
މި ގޮތަށް ހޫނުވުން އިތުރަށް ގޯސްވެދާނެ ކަމަށް ސައިންސްވެރިން ބުންޏެވެ.
"މިއީ ގާ ހުދުވުމުގެ މައްސަލަ އެންމެ ސީރިއަސްކޮށް އަދި އެންމެ ފުޅާކޮށް ރެކޯޑު ކުރެވިފައިވާ ފަހަރު،" ދިރާސާގައި އިސް ދައުރެއް އަދާކުރި ޝޯން ކޮނަލީ ބުންޏެވެ.
އޭނާ ބުނީ މިއަށްވުރެ ވެސް ސީރިއަސްކޮށް ހޫނުކަމެއް ކަނޑުގައި މިހާރު ފެތުރެމުންދާ ކަމަށެވެ.
ގާނޫނު ހަދާ ބައެއް ފަރާތްތަކާއި ސިނާއީ މަސައްކަތް ހިންގާ ބައެއް ފަރާތްތަކުން މި ދިރާސާއަށް ފާޑުކިޔަމުން ބުނީ މި ދިރާސާއިން "ކަންތައް މާ ބޮޑުކޮށްލީ" ކަމަށެވެ. ނަމަވެސް ސައިންސްވެރިން ބުނީ މުރަކަތައް މަރުވުމުން ކަނޑުގައި އުޅޭ ދިރުންތަކަށް ނުރައްކާކުރާނެ ކަމަށާއި މިހެން ވުމުން އައްސޭރިފަށުން އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އިގުތިސާދުތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.



advertisment