ވާރޭ ވެހުމަށް އެދި ދުއާކުރުމަށް މާދަމާ މުޅި ސައޫދީ އަރަބިއްޔާގައި އިސްތިސްގާ ނަމާދުކުރުމަށް ސައޫދީ ރަސްގެފާނު އަންގަވައިފިއެވެ.
ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުލްސައުދު މި ގޮތަށް އެންގެވީ ހީކުރި ގޮތާ ހިލާފަށް މި ހަރީފު މޫސުމުގައި ސައޫދީއަށް ވާރޭ ނުވެހުމުގެ ސަބަބުންނެވެ.
ސައޫދީ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ މާތް ﷲ (ސ.ވ.އ)ގެ ކިބައިން އަފޫއަށް އެދި، ތައުބާވެ އަދި ހެޔޮ އަމަލުތައް ކުރުމަށް ވެސް އޭނާ ގޮވައިލެއްވި ކަމަށެވެ.
"މާތް ﷲ ގެ އަޅުންނަށް އެ ކަލާނގެ އޯގާތެރިވުމަށް އެދި ދުއާކުރުމަށާއި އަމިއްލަ ގޮތުން އަޅުކަން ކުރުމަށް ވެސް ރަސްގެފާނު ގޮވައިލެއްވި. މީގެ ތެރޭގައި ހައިރާތުކުރުމާއި ދުއާކުރުމާއި އަދި ނަމާދުކުރުން ވެސް ހިމެނޭ،" ބަޔާނުގައި ބުންޏެވެ.
ސަލްމާން ގޮވައިލެއްވީ މީހުންނަށް ޖެހިފައިވާ ބުރަތައް ލުއިކޮށްދީ، އެ މީހުންގެ ހިތާމަތައް ފިލުވައިދިނުމަށެވެ. އެއީ މާތް ﷲ ހުރިހާ އެންމެންގެ ބުރަތައް ލުއިކޮށްދެއްވައި، ހުރިހާ އެންމެންގެ އުއްމީދުތައް ފުރިހަމަ ކުރެއްވުމަށް ދުއާކުރުމުގެ ގޮތުންނެވެ.
"ކެރިކުޅަދާނަވެގެންވާ ކޮންމެ މީހަކު އިސްތިސްގާ ނަމާދުކުރުމަށް އަވަސްވެގަންނަންވާނެ. އެއީ ކީރިތި ރަސޫލާގެ ސުންނަތާ އެއްގޮތްވާ ގޮތުގެ މަތިން. މާތް ﷲ އަށް ކިޔަމަންތެރިކަން ދައްކަން ޖެހޭނެ. އެއީ ނަމާދުކުރުމުގައި ދެމިހުރެގެން. ސަބަބަކީ މާތް ﷲ ލޯބިވެ ވޮޑިގެންވަނީ އެ ކަލާނގެއަށް ލޯބިކުރާ ފަރާތްތައް ދެކެ. ތިބާމެން ނަމާދުކުރާ މިންވަރު އިތުރުކުރުމަށާއި އެ ކަމުގައި ދެމިހުރުމަށް ގޮވައިލަން،" ސަލްމާން ވިދާޅުވި ކަމަށް ބަޔާންގައިވެއެވެ.
"އަހަރެމެން މާތް ﷲ ގެ ކިބައިން އެދެނީ އެ ކަލާނގެ ރަހްމަތް މި ބިމަށާއި މި ބިމުގެ އަހުލުވެރިންނަށް ލެއްވުމަށް. އެ ކަލާނގެ އަޅުތަކުންގެ ދުއާތައް އިޖާބަކުރެއްވުމަށް. އަދި ވެއްސަވާ ރަހްމަތް މި ވަގުތު އަޅުތަކުންގެ ރިޒްގަކަށް ވުމަށް. އެ ކަލާނގެއީ ހުރިހާ އަޑުތައް އައްސަވައި، އެ ކަމަށް އިޖާބަ ދެއްވާ ފަރާތް. މާތް ﷲ ގެ އަމާންކަމާއި ރަހްމަތް ކީރިތި ރަސޫލާއަށާއި އެ ކަލޭގެފާނުގެ އާއިލާއަށާއި އެ ކަލޭގެފާނުގެ ބައިވެރިންނަށް ލިބޭހުށި،" ސަލްމާންގެ ބަޔާން ނިންމަވައިލައްވަމުން ވިދާޅުވިއެވެ.



advertisment