ހުޅަނގު އައްސޭރިއަކީ ރަސްމީ ގޮތުން އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމާ ދެކޮޅު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
"ހަމަޖެހުން ގާއިމުވެފައިވާ ހުޅަނގު އައްސޭރިއަކީ އިސްރާއީލަށް ވެސް ސަލާމަތްތެރިކަން ލިބޭނެ ގޮތް ކަމަށާއި އެއީ މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ޓްރަމްޕްގެ ސަރުކާރުގެ އަމާޒާ އެއްގޮތްވާ ގޮތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި،" އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ އޮފިޝަލަކު އިއްޔެ ބުންޏެވެ.
ޓްރަމްޕް މި ގޮތަށް ވިދާޅުވީ އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލު ކަޓްޒް އާއި މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ފަލަސްތީންގެ ބިންތަކުގައި އިސްރާއީލުގެ ނުފޫޒު އިތުރަށް ގަދަކުރާނެ ކަމަށް އާދީއްތަ ދުވަހު ބުނުމުންނެވެ.
މި ކަމާ އަށް މުސްލިމް ގައުމުން ވަނީ ދެކޮޅުހަދައިފައެވެ. އެއީ މިސްރު، އިންޑޮނޭޝިއާ، އުރުދުން، ޕާކިސްތާން، ގަތަރު، ސައޫދީ އަރަބިއްޔާ، ތުރްކިޔެ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އެވެ.
މީގެ އިތުރުން އިނގިރޭސި ވިލާތާއި ސްޕެއިނުން ވެސް ވަނީ ހުޅަނގު އައްސޭރި އިސްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމާ ދެކޮޅުހަދައިފައެވެ.
އިސްރާއީލުގެ ނިންމުމާ ދެކޮޅުހައްދަވަމުން އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރެސް ވެސް ވިދާޅުވީ ފަލަސްތީންގެ ބިންތަކަށް އިސްރާއީލުން އިތުރަށް ނުފޫޒު ފޯރުވައި، ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުމުން ފަލަސްތީން އާއި އިސްރާއީލުގެ މިނިވަން ވަކި ދެ ދައުލަތް ގާއިމުކުރުމުގެ މަސައްކަތަށް ހުރަސްއެޅޭނެ ކަމަށެވެ.
ސަރަހައްދުގައި އޮތް ނުތަނަވަސްކަން ނައްތައިލައި، ދުރު ކުރިމަގެއްގައި އިސްރާއީލަށް ރައްކާތެރިކަން ލިބޭނީ ވެސް ހުޅަނގު އައްސޭރި އިސްރާއީލުގެ ބަޔަކަށް ނުހެދުމުން ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ ކަމަށް ވައިޓް ހައުސްގެ އޮފިޝަލް ބުންޏެވެ.
"މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރެވޭނީ ހުޅަނގު އައްސޭރީގައި ހަމަޖެހުން ދަމަހައްޓައިގެން ކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވާ،" އޭނާ އިތުރަށް ބުންޏެވެ.
މީގެ ކުރިން ވެސް ޓްރަމްޕް ވަނީ މި މޭރުމުން ވާހަކަދައްކަވައިފައެވެ.
"ހުޅަނގު އައްސޭރި އިސްރާއީލާ އެއްކޮށްލާކަށް އަހަރެން ފުރުސަތެއް ނުދޭނަން. އިސްރާއީލުން މި މޭރުމުން ކަންތައްތައްކުރުން ހުއްޓާލަން ވެއްޖެ،" ޓްރަމްޕް ކުރިން ވިދާޅުވެފައިވެއެވެ.
ހުޅަނގު އައްސޭރި އިސްރާއީލުގެ ބަޔަކަށް ހެދުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުރުން އިސްރާއީލުގެ ބައެއް މީހުން ވެސް ދެކޮޅުހަދާ ކަމެކެވެ.
ހުޅަނގު އައްސޭރި އިސްރާއީލާ އެއްކޮށްލަން ތާއީދުކުރާ ފަރާތްތަކުން ބުނަނީ އެއީ އިސްރާއީލުގެ ސަލާމަތްތެރިކަން ދެމެހެއްޓުމުގެ އިތުރުން މެދުއިރުމަތީގައި ތާރީހީ ގޮތުން އިސްރާއީލަށް ލިބެން ޖެހޭ ކަމަށް ޔަހޫދީން ދެކޭ ބިންތައް ޔަހޫދީން ހޯދުމަށް މަގުފަހިކުރުމަށް މުހިންމު ކަމެއް ކަމަށެވެ.



advertisment