Support Us

ވާހަކަ: ހިމާޔަތް އެދެމޭ- އެޕިސޯޑް 17

ޝަރުމީލާ ގެއަށް ދޫކޮށްލުމުގެ ކުރިން ގެއަށް ގޮސް ޝަރުމީލާ ކަނީ ކޮންބޭހެއްތޯ ބަލަން ޝީތު ޚިޔާލު ދިނެވެ. ޑޮކްޓަރަށް ނުދައްކާ އެހާ ގިނަ ބޭސް ހޯދާގޮތެއް ބަލަން މާޔާވެސް ބޭނުމެވެ. އެދެމީހުން އައިސް ޝަރުމީލާގެ ކޮޓަރިތެރެ ބަލަން ފެށިއެވެ. ޝަރުމީލާގެ އެއްޗެހި ހުންނަ ހުރިހާ ތަނެއް ބަލަމުން ގޮސް ޔޫނުސްގެ އަލަމާރިތެރެ ބަލަމުން ދަނިކޮށް ބޮޑު ކޮތަޅެއްގެ ބޭސް ފެނުނެވެ.

އެކޮތަޅުގައި ހުރި ބޭސްތަކުން އެއް ކާޑު ނަގައި ބަލާލިއިރު އެއީ ހަމަ ޔަޤީނުންވެސް ނިދާ ބޭސްކަން އެނގިގެން ދިޔައެވެ.

"ވައި ވުޑް ހީ ޑޫ ދެޓް؟" ޝީތުއަށް އަހާލެވުނެވެ. ޝަރުމީލާ އަމިއްލައަށް ސިއްރުން ބޭސްތަކެއް ކާނަމަ އެ އެއްޗެހި ފޮރުވާފައި ހުންނަންވާނީ އޭނާގެ ބައިގައެވެ. ޔޫނުސްގެ އަލަމާރިތެރޭގައި ހުރުމުން ޝީތުއަށްވެސް ތުހުމަތުގެ އިނގިލި ބައްޕަ އާއި ދިމާލަށް އުފުލައިލެވުނެވެ.

އޭގެ ޖަވާބު ދޭން ދޫ ހަރަކާތް ނުކުރެވިފައި މާޔާއަށް ހުރެވުނެވެ. އޭނާގެ ކައިރިއަށް ޔޫނުސް ވަންނަނީ މަންމައަށް ބޭސް ދީ ނިންދަވާފައިކަން އެނގުމުން އިތުރަށް ބިރުގަންނަ ގޮތްވިއެވެ. ޔޫނުސް އަމިއްލަ މަގްސަދު ހާސިލްކުރުމަށް ކޮންމެ ކަމެއްވެސް ކޮށްފާނެކަން އެނގުމުން މާޔާ ހިތްވަރު އެލިއްޖެއެވެ.

"މާޔާ!"

އޭނާ ސިހުނީ ޝީތު އޭނާގެ ނަމުން ގޮވާލުމުންނެވެ. އޭނާ ހީކުރީ ޝީތު ކުރި ސުވާލަށް ޖަވާބެއް ނުދިނުމުން އެކަމުގެ ސަމާލުކަން ހޯދަން އުޅެނީ ކަމަށެވެ. އެކަމަކު ޝީތު ކުރި ދެވަނަ ސުވާލާއި އެކު މާޔާ ހީބިހި ނަގައިގަތެވެ.

"ބައްޕަ މާޔާއަށް އެބިއުސް ކުރޭތަ؟"

ޝީތު އެކި ދިމަ ދިމާލަށް ވިސްނަމުން ގޮސް އެކަމުގެ އެންމެ އަޑިއަށްވެސް ފީނައި ދެވުނެވެ. މާޔާއަށް ބިރުން އެއްވެސް އެއްޗެއް ނުބުނެވުނެވެ. އޭނާގެ ކުރިމައްޗަށް އައިސް ޝީތު ހުއްޓުމުން އެތަނުން ދުވެފައި ދާން ބޭނުންވިއެވެ. އޭނާގެ އަތުގައި ޝީތު ހިފާލިއެވެ. އޭގެ ޖަވާބު ދޭން އެދުނެވެ. މާޔާގެ ހިތް ތެޅިގަތީ މޭ ފަޅާފައި ނިކުންނަހާ ބާރަށެވެ.

މިއީ އަނިޔާވެރިކަމުގެ އަނދިރިން އޭނާ ސަލާމަތްވާން އޮތް ފުރުޞަތުކަމެއް މާޔާ ނުދަނެއެވެ. އޭނާ ހިތަށް އެރީ ބައްޕަގެ ދިފާއުގައި ޝީތު ނިކުންނާނެ ކަމަށެވެ. މާޔާ އެއްބަސްވުމާއި އެކު އޭނާއަށް އަމުރުކުރާނީ ދޫ ހިމޭންކޮށްލައިގެން ހުންނަން ކަމަށެވެ. އަދި އިތުރު ނުރައްކާތެރިކަމެއްގެ ތެރެއަށް އޭނާގެ ނަފްސު ވެއްޓޭނީ ކަމަށެވެ. އެއްޗެއް ބުނުމަށްވުރެ އެތަނުން ދިއުން ބުއްދިވެރިކަން އޭނާގެ ހިތް ވިސްނައިދިނެވެ. އެކަމަކު އޭނާއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. އެކަމަށް ޝީތު ހުރަސްއެޅިއެވެ.

"ޓެލް މީ މާޔާ؟" މާޔާގެ މޫނުމަތިން ފެންނަން ހުރި އަސަރުން ޝީތުއަށް އަސަރުކުރިއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭ މާޔާގެ މޫނު ރަތްވެގެން ދިޔަކަން ފާހަގަވިއެވެ. ދާހިތްލައިފިކަން އެނގެއެވެ. ބިރުން ތުރުތުރުއަޅާކަން އެނގެއެވެ. ޝީތު ބެލީ އޭނާއަށްވީ އެންމެ ގާތްކޮށް ވާހަކަ ދެއްކޭތޯއެވެ.

ޝީތު ހުރިހާ ކަމެއްވެސް މާޔާ އާއި ހިއްސާކުރެއެވެ. ބަދަލުގައި މާޔާގެ ފަރާތުންވެސް އެގާތްކަން އޭނާ ބޭނުމެވެ. އެކަމަކު އޭނާ ކައިރީ މާޔާ އަމިއްލައަށް ދުވަހަކުވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ.

ޝީތުގެ ކަރުގައި މާޔާ އައިސް އޮޅުލައިގަތެވެ. މާޔާ ރޯންފެށި އަޑާއި އެކު އެ ދެލޮލުން ފޭބި ހޫނު ކަރުނަ އޭނާގެ ކަނދުރާގައި ޖެހުނެވެ. މާޔާގެ ބުރަކަށީގައި ޝީތުއަށް ހިފަހައްޓާލެވުނެވެ. އޭނާ ހިމޭންކަމާއި އެކު މަޑުމަޑުންހުރީ މާޔާ އަމިއްލައަށް ހަމައަކަށް އެޅެންދެންނެވެ.

"އަހަންނަކަށް ނުކެރޭނެ އެހުރިހާ ވާހަކައެއް ޝީތު ކައިރީ ކިޔާކަށް." އޭގެ ބައިގަޑިއިރުފަހުން ޝީތު އިނީ މާޔާ ގޮވައިގެން އައިސް ސައިމޭޒުދޮށުގައެވެ. ރޮއިރޮއިގޮސް މާޔާ ކޮށި އަރާގޮތްވުމުން ފެންފޮދެއް ބޯން އައިސް އެތަނުގައި އިނދެވުނީއެވެ. މާޔާ މަޑުމަޑުން ހަމަޖެހިލާފައި އަމިއްލައަށް ފެށީ އޭނާގެ މޫނުމަތީ ޝީތު ޖެހިއަސް ހެޔޮކަމަށެވެ.

"އަހަންނަށް އެނގޭ،" ޝީތު އިސްޖަހާލިއެވެ. އޭނާ ލަދުގެންފިކަން އެނގެއެވެ. އޭނާއަށް ކުރާނެ އަސަރު މާޔާއަށް އެނގެއެވެ. އޭނާ ބުނެލާ މަދު ލަފްޒުތަކަކުން ޝީތުގެ ހިތަށް ގެނެސްދެވޭނެ އެއްވެސް ހަމަޖެހުމެއް ނޯންނާނެކަން އެނގޭތީ މާޔޫސްވެފައި އިނދެވުނެވެ. އިރުކޮޅަކު އިސްޖަހައިގެން އިނދެފައި ޝީތު އިސްއުފުލައިލިއެވެ. އޭނާގެ ދެލޯ ފެންކަޅިވެ ފުރިގެން އައެވެ. ތިރީ ތުންފަތުގައި ދަތްއަޅާފައި ހަމަޖެހިލަން މަސައްކަތްކުރިއެވެ. ދެން ޝީތު ހިއްސާކުރި ވާހަކައިން މާޔާއަށް ހީވީ އެގޭގެ ހަތަރު ފާރު އައިސް އޭނާ ފިއްތާލެވު ހެންނެވެ.

"އެނގޭތަ ޝާއިފް އަހަރެން ދޫކޮށްލީ ކީއްވެކަން؟ އެއީ އޭނާގެ ކުއްޖެއް ނޫނޭ އަހަރެން ކުރިންވެސް ބުނީމެއްނު، އަހަރެން ބަނޑުބޮޑުވީ އަމިއްލަ ބައްޕަގެ ދަރިއަކަށް،" ހޫނު ހަންޖަރެއް މެޔަށް ހަރާލެވުނުފަދަ ތޫނުތަދެއް މާޔާއަށް އިހްސާސްކުރެވުނެވެ.

އެހާ ފަސޭހައިން ޝީތު ގޮވައިގެން ރާއްޖެއިން ބޭރަށް ދިއުމާއި އެވާހަކަ ޝަރުމީލާގެ ކައިރީ ހިއްސާނުކުރުމުގެ ފަހަތުގައި ވަނީ ޔޫނުސްގެ ނުބައިކަން ފޮރުވުންކަން އެނގުމުން ވަކިން ބޮޑަށް ފޫހިވެއްޖެއެވެ. އަމިއްލަ ދަރިއަކާއި މެދު ރަހުމް ނުއުފެދުނު ހިތެއްގައި ދޮންދަރިއަކަށް އުފެދޭނެ ރަހުމެއް ނޯންނާނެއެވެ.

ޝީތުގެ ފޯނު ރިންގުވި އަޑަށް އެތަނުގައިވި ހަމަހިމޭންކަން ކެނޑުނެވެ. މާޒިން ގުޅީ ހޮސްޕިޓަލަށް ވަދެފައި ޝީތު ނެތިގެންނެވެ. މިދަނީއޭ ބުނެފައި ޝީތު ތެދުވިއިރު މާޔާއަށް އޭނާ ކިޔައިދެންޖެހޭ ވަރަށް ގިނަ ކަންތައް އަދިވެސް ހުރިހެން ހީވެއެވެ. މާޔާ ކައިރީ ހޮސްޕިޓަލަށް ދާނަންތޯ ޝީތު އަހާލިއެވެ. އަދި ޝަރުމީލާ ގޮވައިގެން ކުޑައިރުކޮޅެއްގެ ތެރޭ ޔޫނުސް އަންނާނެކަމަށް ޝީތު ބުނެލިއެވެ.

"ޝީތު" މާޔާ ތެދުވެފައި ޝީތުއަށް ގޮވާލިއެވެ. "ޝުކުރިއްޔާ އަހަރެންގެ ރިހުން ޝީތުއަށް ބުނެދިނުމަކާއި ނުލައި އެނގުނީތީ." ލޭގެ އެއްވެސް ގުޅުމެއް ނެތް ކަމުގައިވިއަސް މިއަދު ޝީތު އަކީ އޭނާގެ އުޚްތެއްގެ މަޤާމުގައި ހުރި ފަރާތެކެވެ.

"މާޔާ އެއްވެސް ކަމެއް ބޭނުންވެއްޖެނަމަ އަހަރެން މަތިން ހަނދާންކުރައްޗޭ،" ޝީތު އައިސް މާޔާގެ ގައިގައި ބައްދާލިއެވެ. ޝީތު އަކީ އޭނާއަށް ފެނުނު އެންމެ ހިތްހެޔޮ ފަރާތެވެ. ހަސަދަވެރިކަމާއި ނަފްރަތާއި އެހިތުގައި ނުވެއެވެ. މިގަޑީގެ ގޮތުން ދެމީހުންނަށްވެސް ރަނގަޅަށް ވާހަކަ ނުދެއްކެވުނުކަމުގައިވިއަސް ޝީތުގެ ގެއަށް ދާނެކަމުގައި މާޔާ ބުނެލިއެވެ.

** **

ރާމީންއަށް ނިދިފައި ހޭލެވުނެވެ. އޭނާ ނިދާ ނިދާ ފޫހިވެއްޖެއެވެ. ހޮސްޕިޓަލުގައި އެންމެ ދުވަހަކީވެސް ހަފްތާއެއްހާ ދުވަހޭ ހީވެއެވެ. ރާމީންގެ ކައިރީ އިނީ ކާކުތޯ ބަލާލިއިރު ފޯނާއި ކުޅެން މިކިއަލް އިނެވެ. އޭނާގެ މަންމަ ފެންނަން ނެތުމުން މަންމަ އަރާމުކޮށްލަން ފޮނުވާފައި މިކިއަލް މަޑުކުރީކަން އެނގުމުން މިކިއަލްއަށް އޭނާ ގޮވައިލީ ޝުކުރު އަދާކުރުމަށެވެ.

މިކިއަލްގެ ފަރާތުން މާބޮޑު ސަމާލުކަމެއް ނުލިބި ހަމައެކަނި ބޯޖަހާލާފައި އޭނާ އިނީ ކުރިންވެސް އިންގޮތަށެވެ. ރާމީން ފޫހިވެގެން އޭނާގެ ފޯނު އެބައޮތްތޯ އަހާލިއެވެ. މިކިއަލް ތެދުވެގެން ގޮސް ޗާރޖަށް ޖަހާފައިއޮތް ރާމީންގެ ފޯނު ގެނެސްދިނެވެ. އަނެއްކާވެސް އިށީނީ ކުރިންވެސް އިންހެންނެވެ.

"މިކިއަލްއަށް ކިހިނެއް އެނގުނީ އަހަރެން ހޮސްޕިޓަލަށް ގެނެވުނުކަން؟" ރާމީންގެ ސުވާލާއި އެކު މިކިއަލްއަށް އިސްއުފުލައި ބަލައިލެވުނެވެ.

"އަހަރެން އަބަދުވެސް ބަލަން ރާމީންއަށް ވާނުވާ." މިކިއަލްގެ މޫނުމަތިން މާބޮޑު އަސަރުތަކެއް ނުފެނުނެވެ. އަޑުގައި ބީރައްޓެހިކަން ހުއްޓަސް އެހިތުގައި ރާމީންއަށް އޮތް ލޯބި ހާމަވެގެން ދިޔައެވެ.

އެ ދެ މީހުންގެ މެދުގައި ހަމަނުޖެހުން ހިނގީ މިކިއަލްގެ ހަޤީޤަތް ޝަރުމީލާއަށް ކިޔައިދިނުމުގެ ސަބަބުންނެވެ. މިކިއަލް ރުޅި އައީ ރާމީންގެ ސަބަބުން އޭނާއަށް މާޔާ ގެއްލިދާނެތީއެވެ.

"މާޔާ އާއި މިކިއަލް އިންނަނީ ކޮންއިރަކުން؟" ރާމީން އަހާލިއެވެ. މާޔާއަށް މިކިއަލް މީހަކާއި އިނދެގެން އުޅޭ ޚަބަރު ލިބުމަށްފަހުވެސް ވަކިނުވާކަން އެނގެއެވެ. އޭނާގެ ކައިރީ މާޔާ އެއްވެސް ވާހަކައެއް ހިއްސާކޮށްފައިނުވާތީ ރާމީން ޤަބޫލުކުރަނީ ހުރިހާކަމެއްވެސް ރަނގަޅަށް ދާކަމަށެވެ.

"އިޓް އިޒް ނަން އޮފް ޔުއަރ ބިޒްނެސް،" މިކިއަލްގެ ހިތްހަމަނުޖެހިފައި ބުނެލިއެވެ. އެއީ ރާމީން ވިސްނަންޖެހޭ ކަމެއް ނޫންކަން އޭނާ ހަނދާންކޮށްދެން ބޭނުންވީ ދެވަނަ ފަހަރަށް އެހިތްވަރުގައި ރާމީން އަށް އަހަން ނުކެރޭނެ ރާގަކަށެވެ.

"އިފް ނޮޓް ޔޫ ބެޓަރ ލީވް ހަރ؟" ރާމީން ހުއްޓާލަން ބޭނުމެއް ނޫނެވެ. އެރޭވެސް ޒުވާބު ހޫނުވި ހިސާބުން އޭނާ ބޭނުންވީ ފަށާށެވެ. މިފަހަރު މިކިއަލްގެ ރުޅި ކޮންޓްރޯލްނުވިއަސް އޭނާ ނެރެ މަގުމަތިކޮށްނުލެވޭނެކަމުގެ އިތުބާރު އޮތެވެ.

"ކަލޭ ފުރަތަމަ ޝުކުރުކުރަންވީ ފުރާނަހުއްޓާ އަހަރެން ކަލޭ ގެނެސް މިތަނަށް ލީ ކަމަށްޓަކައި،" ދަތްޕިލަޖައްސާލައި މިކިއަލް ބުނެލިއެވެ. އޭނާއަށް ނީނދެވިގެން ތެދުވެ ގުދަށް އޮތީ ރާމީންގެ މޫނާއި ޖެހޭ ހިސާބުގައެވެ. ރާމީން އޮތް ހާލުން ރުޅި އައިކަމުގައި ވިއަސް އަތްދަމާފައި ޖަހާކަށް ނުކެރުނެވެ.

"އެއްހާސް ފަހަރު އަހަންނާއި މަރާއި ހަނގުރާމަ ކުރަންޖެހުނަސް އަހަރެން މިހެން ބުނާނަން، މިކިއަލް ލޯބިނުވާ މީހަކާއި އެކު އުޅުމުގެ އެއްވެސް ބޭނުމެއް ނެތް، މިކިއަލްގެ ސަބަބުން ހިތާމަކުރަންޖެހޭނީ ހަމައެކަނި މާޔާއަކަށް ނޫން، މިކިއަލްގެ އަންހެނުންނާއި ދަރިފުޅުވެސް އެހިތާމަކުރާނެ ދުވަހެއް އަތުވެދާނެ، އަބަދު އެމީޙުންނަށް ކަންކަން ސިއްރުވެފައި އޮވެދާނެހެން މިކިއަލްއަށް ހީވަނީތަ؟" ރާމީން އަހާލިއެވެ. މިކިއަލް ފުންމައިގެން އައިސް އޭނާއަށް ކޮންމެ ކަމެއްވެސް ކުރެވިދާނެއެވެ. ދެއަތް ބެންޑޭޖުކޮށްފައިވާތީ މިކިއަލްގެ ކިބައިން ސަލާމަތްވާން އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

"އެމީހުންނަށް އެނގޭ ދުވަހަކީ ކަލޭގެ ފުރާނަ އަހަރެންގެ އަތުން ކަތިލެވޭނެ ދުވަސް، އަދި ބުނަން. މާޔާ އާއި ދޭތެރޭ ކަލޭ މާވަރަކަށް ވިސްނާ ސަބަބު އަހަންނަށް އެނގޭ، އަހަރެން މިހެން ނިދަނީ ހަމައެކަނި އޭނަ އާއި އެކު ނޫން، ދުވަހަކުވެސް ރާމީން ނުބުނޭ އަހަރެން ކައިރީ ކަންތައްކުރަންވީ ކިހިނެއްކަމެއް؟ އަހަރެން ހިތް ފުރިގެން މާޔާ ދޫކޮށްލި ދުވަހަކުންވެސް ރާމީން އޭނަ އާއި ކައިރިނުވާތި،" މިކިއަލް މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އޭނާ ތެދުވެ ހިންދެމިލަމުން މާޔާއަށް ނިސްބަތްކޮށްފައި ބުނެލީ ބަދުބަސްތަކެވެ. މާޔާގެ ހުރި އުނިކަންތަކުގެ ވާހަކަ މިކިއަލް ދެއްކީ އެވާހަކަތައް ރާމީން ހުއްޓާލާށޭ ބުނެބުނެ އޮއްވައެވެ. އެއީ އަންހެނަކާއި އެކު ނިދައި ހަދާ ފިރިހެނަކަށްމެ ނޫނީ ނޭނގޭނެ ހުތުރު ވާހަކަތަކެވެ.

"އަހަރެން މިވާހަކަ މިބުނީ ކަލޭ އޭނަމަތިން ފޫހިވޭތޯ، މަށަށް އެނގޭ ތިވެސް އޭނާގެ ފަހަތުން ދުވާ މެއްސެއްކަން." މިކިއަލްގެ މޫނުމަތިން ފެންނަ މަލާމާތުގެ އަސަރުގެ ސަބަބުން ރާމީންގެލޭ ހޫނުވެގެން ދިޔައެވެ. އޭނާއަށް ކުރެވުނުހާވެސް ކަމަކީ އޮވެގެން ހަޅެއްލެވުމެވެ. މިކިއަލް ކައިރީ މާޔާ އާއި މެދު ހުތުރު ބަސްތައް ބޭނުން ނުކުރާށޭ ބުނެވުނެވެ.

މިކިއަލް ފޯނު ނަގައި ހާވާފައި ދެއްކީ މާޔާ އާއި ޔޫނުސްގެ ވީޑިޔޯ އެކެވެ. އޭގައި އަޑެއް ނެތެވެ.

"އެއީ އިރުގެ އަލިކަން ފިލީމައި އުޅޭ ގޮތް." ރާމީންގެ ހިތުގައި ފޫހިކަން އުފެއްދޭނެ ހުރިހާ މަގެއް މިކިއަލްއަށް އެނގެއެވެ. އެވީޑިޔޯއިން ޔޫނުސް ގަދަކަމުން ކުރާކަމެއްހެން ހިއެއް ނުވެއެވެ. މަދު ސިކުންތުކޮޅަކަށް ދެމިގެން ދިޔަ އެ މަންޒަރު ނިމުމުގެކުރިން ރާމީން ދެލޯމަރާލިއެވެ. އޭނާ ލޯ ހުޅުވައިގެން އޮތް ނަމަ ޔޫނުސްގެ މޫނުމަތީ މާޔާ ޖަހަން އަތްނަގަނިކޮށް ފެނުނީހެވެ.

މިކިއަލް ފޯނު ތިރިކޮށްލިއެވެ. އެއަށްވުރެ އިތުރަށް ރާމީންއަށް ހާމަވާން އޭނާ ނޭދޭތީއެވެ. މިކިއަލްގެ ތުންފަތުގައި ދުވެލި ވިހަ ހިނިތުންވުން ރާމީންއަށް ފެނުނުނަމަ އެއީ އޭނާގެ ލޯކުރިމައްޗަށް އޮޅުވާލި ކަމެއްކަން އެނގުނީހެވެ.

** **

ނިދީގެ އެއްވެސް އަސަރެއް ނުވާތީ މާޔާއަށް ރޭ ވަނީ ދިގުވެފައެވެ. ޚިޔާލުތައް ވަނީ ގިނަވެފައެވެ. ހިތްހަމަޖައްސާލުމަށް އޭނާ ކުރަންވީ ކަމެއް ނޭނގެއެވެ. އޭނާގެ ސިކުނޑިއަށް ކިރިޔާވެސް ލުއިވަނީ ރާމީން އާއި އެކު ހޭދަވި މަޖާ ވަގުތުތަކުގައެވެ. ރާމީންގެ މަތިން ހަނދާންވުމުން އޭނާ ފޯނު ނަގައި ރާމީން އަށް މެސެޖުކޮށްލީ ހަނދާންވާ ކަމަށް ލިޔެފައެވެ. މިގަޑީގައި ރާމީން އޮންނާނީ ނިދާފައޭ މާޔާގެ ހިތަށް އެރިއެވެ. ފަތިހު ހޭލާއިރު އެންމެ ފުރަތަމަ ކިޔާ މެސެޖަކަށް އޭނާގެ މެސެޖުވުމަށް އެދެވުނެވެ.

ރާމީންގެ ނަން ހިތަށް އަރުވާލާފައިވެސް އޭނާއަށް ހެވުނެވެ. ލަދުން މޫނު ފޮރުވާލެވުނެވެ. ސިފަވެގެންދިޔައީ ރާމީން އައިސް ކުރިމަތީ ހުއްޓުނުތަނެވެ. އޭނާގެ ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން ފިލައިފިއެވެ. ގަޑި ބަލާލާފައި އިންތިޒާރުކުރަންފެށުނީ ފަތިސްވެ ރާމީންގެ މެސެޖެއް އަންނާނެ ވަގުތަށެވެ.

** **

ޝަރުމީލާއަށް ހޭލެވުނީ އޮފީހަށް ދާން ޔޫނުސް ތައްޔާރުވަމުން ދަނިކޮށެވެ. ޝަރުމީލާ ތެދުވާން އުޅުމުން ޔޫނުސް ބުނެލީ އަރާމުކުރުމަށެވެ. ހަފްސާ ލައްވާ ކާއެއްޗެހި ކޮޓަރިއަށް ގެނެސްދޭނެ ކަމުގައި ޔޫނުސް ބުންޏެވެ. އަދި އޭނާ ދަމުން މާޔާ ކޮލޖަށް ގެންގޮސްދޭނެކަމުގައިވެސް ބުންޏެވެ. ޔޫނުސްގެ ހެޔޮކަމާއި މެދު ޝުކުރުވެރިވެފައި ޝަރުމީލާއަށް އޮވެވުނެވެ.

މާޒީން އޮފީހަށް ދިއުމުން ޝަރުމީލާގެ ހާލުބަލައިލަން ޝީތު އެގެއަށް އައެވެ. ހަފްސާ ތައްޔާރުކޮށްގެން ގެނެސްދިން ސޫޕްތައްޓެއް ބޯން އިނދެފައި ޝީތު ފެނުމުން ޝަރުމީލާ ގޮވައިލީ ދަރިފުޅާއި ކިޔާފައެވެ.

ޝީތު އައިސް ހާލު އަހާލާފައި އިށީނީ ޝަރުމީލާ އާއި ޖެހިގެންނެވެ.

"އަދިވެސް ބޮލުގެ ރިހުން ކުޑަކޮށްވެސް ލުއިނުވޭ، ރޭގައި ނިދުނުނަމަ ކުޑަކޮށްވެސް ލުއިވާނެ." ޝަރުމީލާއަށް ނުނިދުނީ ރޭގައި ބޭސް ނުކާތީ ކަމެއް އޭނާއަކަށް ނޭނގެއެވެ. ކޮންމެ ރެއަކުވެސް ޖޫސްތައްޓެއް ޔޫނުސް ގިރައިދެއެވެ. ރޭގައިވެސް އޭނާ އަށް ޖޫސްތައްޓެއް ދިނެވެ. އެކަމަކު އެއީ ބޭސްގުޅައެއް ނުލައެވެ.

ޝީތު އާއި މާޔާވެގެން ބޭސްކޮތަޅު ޑަސްބިނަށް ލީކަމެއް ޔޫނުސްއަކަށް ނޭނގެއެވެ. އޭނާ އައިސް އަލަމާރި ހޯދާފައި ހުއްޓާލީ ޝަރުމީލާއަށް އޭނާ އެއްޗެއް ހޯދާކަމާއި މެދު ޝައްކުވެދާނެތީއެވެ. ބޮލުގެ ރިހުން ގަދަވެ ނުނިދިގެން ޝަރުމީލާ އުޅޭތީ ކޮޓަރިން ނިކުންނާކަށް ޔޫނުސްއަކަށް ނުކެރުނެވެ. އެހެންވެ ރޭގައިވީ މާޔާއަށް އަމާން ރެއަކަށެވެ.

"މެންދުރު ކައިގެން އަދި އެއްފަހަރު ނިދާލެވޭތޯ ބަލާ، ނުނިދޭތީ ކަންނޭނގެ އަދި ލުއި ނުވަނީ، މާޒީން އޮފީސް ނިމެންވާއިރަށް އަހަރެންވެސް ދާނަން ގެއަށް،" ޝީތު ބުނެލިއެވެ. އޭނާ މިގެއަށް އައީ ޝަރުމީލާ ހާލުބަލާށާއި މާޔާގެ ކައިރީ ވާހަކައެއް ދައްކާލާށެވެ. އޭނާ ހީކުރީ މިއަދު މާޔާ ގޭގައި މަޑުކުރާނެކަމަށެވެ. މާޔާ ނެތުމުން ޝީތު މަޑުކުރަން ގަސްތެއް ނުކުރިއެވެ.

** **

ކޮލެޖު ނިންމާފައި އަންނަމުން މާޔާ ދެތިން ފަހަރަކު ފޯނަށް ބަލާލިއެވެ. އޭނާ ހީކުރީ ހެނދުނު ނަމަވެސް ރާމީން މެސެޖެއް ކުރާނެކަމަށެވެ. އޭނާ ދެކޭ ނަޒަރުން ނޫނަސް އެހެން ބަހެއް ނަމަވެސް ބުނާނެ ކަމަށެވެ. އޭނާގެ މެސެޖު ނުބަލަނީބާއޭ ހިތަށް އެރިއެވެ. މިގަޑިއަކީ ރާމީން އާއި މަގުމަތިން ދިމާވާ ގަޑިއެކެވެ. މިއަދު ނުފެނުމުން މާޔާ ހިތަށް އެރީ ރާމީންއަށް ގުޅާށެވެ. ފޯނަށް ޖަވާބު ނުދޭތީ އޭނާ މާޔޫސްވެފައި ދަނިކޮށް އޭނަ އާއި އަރާހަމަކުރީ ކަޅުކުލައިގެ ޕްރައިވެޓް ކާރެކެވެ. އޭގެ ދޮރު ހުޅުވާފައި ނިކުން ފިރިހެނަކު މާޔާގެ އަތުގައި ހިފާ ދަމައިގަތެވެ. ސިހިފައި މާޔާއަށް ހަޅެއްލަވައިގަނެވުނެވެ. އޭނާގެ އަޑު އެހެން މީހަކަށް ފޯރުމުގެކުރިން ކާރުގެ ތެރެއަށް ވައްދާފައި ކާރުގެ ދޮރުލައްޕާލިއެވެ.

ފަހަތު ޝީޓްގައި ދެފިރިހެނަކު ތިއްބެވެ. ދެމީހުން ދެފަރާތުން މާޔާގެ އަތުގައި ހިފަހައްޓާ ފަހަތަށް އައްސާފައި އަނގަމަތީ ރުމާލެއް އައްސާލިއެވެ. ކާރު ތެރޭގައި މާޔާ ދަންނަ މީހަކު ނެތެވެ. އެހެންވެ އޭނާ ބިރުގަތީ އެމީހުންގެ ނިޔަތް ނޭނގޭތީއެވެ. އެއީ ރޭވުމެއްގެ ދަށުން ހިނގާ ކަމެއްކަން މާޔާގެ ހިތަކަށް ނާރައެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
125145
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *