Support Us

ހަނގުރާމަ ނުކޮށްވޭތޯ ބަލާކަމަށް އީރާނާއި އެމެރިކާއިން ބުނެފި

ހަނގުރާމަކުރުމަށް ތައްޔާރުވެފައިވާ ނަމަވެސް އެ ކަން ނުކޮށްވޭތޯ ބަލަމުންގެންދާ ކަމަށް އީރާނާއި އެމެރިކާއިން ބުނެފިއެވެ.

އީރާންގެ ގައުމީ ސަލާމަތާ ބެހޭ އެންމެ އިސް ކައުންސިލުން އިއްޔެ ބުނީ އެމެރިކާއާއެކު މަޝްވަރާތައް ބާއްވާނެ ގޮތުގެ ރޭވުމެއް ދެ ގައުމުން ގުޅިގެން ކުރިއަށް އެބަގެންދާ ކަމަށެވެ.

"މީޑިއާގައި ދެ ގައުމުން ހަނގުރާމަކުރުމުގެ ސިފައެއް އޮތަސް މަޝްވަރާތައް ބާއްވާނެ ގޮތުގެ ރޭވުމެއް އެބަ ކުރިއަށްދޭ،" އެ ކައުންސިލްގެ ވެރިޔާ އަލީ ލާރައިޖާނީ (ފޮޓޯ) ބުންޏެވެ.

އެމެރިކާއިން ވެސް ބުނީ އީރާނާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"ރަނގަޅު ގޮތެއް ވޭތޯ އެބަ ބަލަން. ނަމަވެސް އެމެރިކާގެ ކަނޑުގެ ސިފައިން ގަލްފުގައި ބައިތިއްބާނަން،" ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ކަނޑުގެ ސިފައިން ގަލްފުގައި ތިބުމުން އީރާނުން ނުރުހުން ފާޅުކުރިއެވެ.

"އިންޒާރުތަކެއްގެ ހިޔަނީގައި މަޝްވަރާއެއް ނުކުރެވޭނެ. އީރާނުން ޕްރެޝަރަށް ނުވެއްޓޭނެ،" އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވިއެވެ.

މެދުއިރުމަތީގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނީ އީރާނާއި އެމެރިކާއިން އެއް ގައުމުން އަނެއް ގައުމަށް އިތުބާރު ނުކުރާތީ ސުލްހަވެރި ގޮތުގައި މަޝްވަރާތައް ހަގީގީ މާނައިގައި ކުރިއަށްގެންދެވިދާނެ ކަމާމެދު ޝައްކު ކަމަށެވެ.

އެމެރިކާއިން އީރާނަށް ހަމަލާދޭނެ ކަމަށް މި ފަހަރު އިންޒާރުދިނީ އީރާންގައި ޑިސެމްބަރު މަހު ފެށި މުޒާހަރާތަކުގައި އެކި ސިފަސިފައަށް ބައިވެރިވާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަމުންދާތީ އާއި އީރާންގެ ނިއުކްލިއަ ހަކަތަ ޕްރޮގްރާމް ކުރިއަށް ގެންދާތީއެވެ. މި ދިޔަ އަހަރު ޖޫންގައި އިސްރާއީލާ ގުޅިގެން އެމެރިކާއިން ވަނީ އީރާންގައި ނިއުކްލިއަ ހަކަތަ ޕްރޮގްރާމް ތަރައްގީކުރާ ތިން މަރުކަޒަކަށް ހަމަލާދީފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *