މިއަދު މީޑިއާތަކުގެ ސުރުހީތަކުންނާއި މީސްމީޑިއާގެ އެކި ޕްލެޓްފޯމުތަކުން އެންމެ ގަދައަށް އިވެމުންދަނީ އިންޑިއާގެ ވެސްޓް ބެންގަލް އަދި ކެރަލާ ސްޓޭޓުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ނިޕާ ވައިރަހުގެ ވާހަކައެވެ. ގިނަ ބަޔަކު މިކަމާ މެދު އެހާ ބޮޑު ސަމާލުކަމެއް ނުދީ ތިބީ، މިފަދަ ބިރުވެރި ބަލިތައް ފެތުރޭ ވާހަކައަކީ ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް އިވޭ އާންމު ވާހަކައަކަށް ވީތީ ކަންނޭނގެއެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން މެނިންގޯކޮކަލް ބަލި ފެތުރޭތީ އެކަމުގެ ބިރުވެރިކަން އޮތްއިރު، އޭގެ އަހަރެއް ކުރިން ހޯއްގޮވާ ކެއްސުމުގެ ކޭސްތަކެއް ފެނިގެން ދިވެހި ނޫސްތަކުގެ ސުރުހީތަކަށް އެ ވާހަކަ އެރިއެވެ.
ނަމަވެސް، މިފަހަރު އިންޑިއާގައި ފެތުރެމުންދާ ނިޕާ ވައިރަހުގެ ހަބަރުތަކަކީ ހަމައެކަނި ރާއްޖޭގެ ނޫސްތަކުގައި ސުރުހީ އަޅަންފެށި ވާހަކައެއް ނޫނެވެ. ދުނިޔޭގެ ނުފޫޒު ގަދަ ހުރިހާ މީޑިއާތަކެއްގައިވެސް މި ވާހަކަ ދަނީ ވަރަށް ބޮޑަށް ދެކެވެމުންނެވެ. މިއީ ވަކި ހާއްސަ ފަރުވާއެއް އަދި ހޯދިފައިނުވާ، އަދި ވެކްސިނެއްވެސް އުފެއްދިފައި ނެތް ބައްޔަކަށް ވުމުން، ގިނަ ބައެއްގެ ހިތްތަކަށް ކޯވިޑް-19ގެ ބިރުވެރި އަދި ވޭނީ ދުވަސްތައް ސިފަވާން ވަނީ ފަށައިފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއް ވައިގެ މަގުންނާއި ކަނޑުގެ މަގުން ގުޅިލާމެހިފައިވާއިރު، އެއް ތަނެއްގައި ފެތުރެން ފަށާ ރޯގާއެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ދުނިޔެއަށް ފެތުރިގަތުމަކީ ނާދިރު ކަމެއް ނޫންކަން ކޯވިޑުގެ ތަޖުރިބާއިން ވަނީ ސާބިތުވެފައެވެ. އެހެން ކަމުން މިއަދު ދުނިޔޭގެ މީހުންނަށް އަނެއްކާ ބިރުވެރި ފައްތަރަކަށް ދާންއުޅޭހެން ވިސްނެން ފަށައިފިއެވެ.
މި ނުރައްކަލުގެ ފުންމިނަށް ބަލާއިރު، ނިޕާ ވައިރަހަކީ ކޮންކަހަލަ އެއްޗެއްކަމާއި، އެ ފެތުރޭ ގޮތާއި އޭގެ އަލާމާތްތައް ދެނެގަތުމަކީ ނުހަނު މުހިންމު ކަމެކެވެ. ނިޕާއަކީ 'ޒޫނޮޓިކް' ވައިރަހެކެވެ. މާނައަކީ، މިއީ ޖަނަވާރުންގެ ކިބައިން އިންސާނުންގެ ގަޔަށް ފެތުރޭ ބައްޔެކެވެ. މި ވައިރަސް އާންމުކޮށް ފެންނަނީ ވާލުގެ ކިބައިން ކަމަށްވީ ނަމަވެސް، އޫރުގެ ފަރާތުންވެސް މި ބަލި ފެތުރޭކަން ވަނީ ފާހަގަކުރެވިފައެވެ. އިންސާނުންގެ ގަޔަށް މި ވައިރަސް އަރަނީ ބަލިޖެހިފައިވާ ޖަނަވާރު ކުޅުހާކާފައި ހުންނަ މޭވާ ފަދަ ތަކެތި ބޭނުންކުރުމުންނާއި، ބަލިޖެހިފައިވާ މީހުންނާ ގާތްކޮށް އުޅުމުގެ ތެރޭގައެވެ. ވަކިން ހާއްސަކޮށް ބަލިމީހާ ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ކުޅާއި ދަވަޔަކީ ބަލި ފެތުރުމުގެ މައިގަނޑު ވަސީލަތެވެ.
ބަލީގެ ކުރީކޮޅުގައި ފެންނަ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން، ބޮލުގައި ރިހުން، ހޮޑުލުން، ކަރުތެރެ ހަލާކުވުން، ކެއްސުން އަދި ނޭވާލާން އުނދަގޫވުން ހިމެނެއެވެ. ބަލީގެ އެންމެ ނުރައްކާތެރި މަރުހަލާގައި 'އެންސެފަލިޓިސް' ނުވަތަ ސިކުނޑި ދުޅަވުމުގެ މައްސަލަ ކުރިމަތިވެ، ފިޓްޖެހި، މީހާ މަރުވުމަށް މަގުފަހިވެއެވެ. މި ބައްޔަށް ސީދާ ފަރުވާއެއް ނެތް ނަމަވެސް، ފެންނަ އަލާމާތްތަކަށް ލުޔެއް ހޯދުމަށް ސިއްހީ ފަރުވާ ދެވެއެވެ.
ނިޕާ ވައިރަހަކީ ކޯވިޑް ފަދައިން ވައިގެ ޒަރިއްޔާއިން ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ނުވި ނަމަވެސް، މި ބަލި ފެތުރެމުންދާ ސަރަހައްދަކީ އިންޑިއާ ކަމަށް ވުމަކީ ދިވެހިން ކަންބޮޑުވާންޖެހޭ ސަބަބެކެވެ. އިންޑިއާގެ ސިއްހީ ނިޒާމު ރޭވިފައިވާ ގޮތުން، މިފަދަ ނުރައްކާތެރި ބައްޔެއް ވަކި ސަރަހައްދެއްގައި ކޮންޓްރޯލްކޮށް ހިފެހެއްޓުމުގެ ގާބިލުކަން ހުރި މިންވަރާ މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
މިހާތަނަށް އިންޑިއާއިން އަޅާފައިވާ ފިޔަވަޅުތަކަކީ މިފަދަ ނުރައްކާތެރި ބައްޔެއް ފެތުރުން ހުއްޓުވުމަށް އެންމެ އެކަށޭނަ ފިޔަވަޅުތައް ކަމަކަށް ސިއްހީ މާހިރުން ގަބޫލެއް ނުކުރެއެވެ. އިންޑިއާގެ ސްޓޭޓްތަކުގެ މެދުގައި އޮންނަ ގާތް ގުޅުމާއި، އެއް ތަނުން އަނެއް ތަނަށް މީހުން ދަތުރުކުރުމުގައި އޮންނަ ލުއިފަސޭހަކަމުގެ ސަބަބުން، ހީވެސް ނުކުރާހާ އަވަހަށް މި ބަލި އެހެން ސަރަހައްދުތަކަށް ފެތުރިގެންދާނެ ކަމަށް ބެލެވެއެވެ. ދިވެހިންގެ ގިނަ ބަޔަކު އެކި ބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރާއިރު، މިހާރުވެސް ބަލި އެހެން ހިސާބުތަކަށް ފެތުރިފައި ނެތްކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.
ދިވެހިރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ޖަޒީރާ ގައުމަކަށް ވުމުން، ބައެއް ފަހަރު މިފަދަ ބަލިތަކުން ރާއްޖެއަށް ރައްކާތެރިކަން އޮތް ކަމަށް ހީކުރެވިދާނެއެވެ. ނަމަވެސް ކޯވިޑުގެ ތަޖުރިބާއަށް ބަލާއިރު، ފުރަތަމަ ކޭސް ފެނުމާއެކު މުޅި ރާއްޖެއަށް ބަލި ފެތުރިގެން ދިޔަ ގޮތުން އެއީ ކުށްހީއެއްކަން ވަނީ ސާބިތުވެފައެވެ. ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް، ބޭރު ދުނިޔެއާ ވައިގެ މަގުން އޮންނަ ގުޅުން ވަރުގަދަވެފައި، ރަށްތަކުގެ މެދުގައި ދަތުރުފަތުރުގެ ނިޒާމު ވަރަށް ބޮޑަށް ފުޅާވެފައިވާ ގައުމެކެވެ. މިފަދަ ނުރައްކާތެރި ބައްޔެއް ރާއްޖެއަށް ވަދެއްޖެނަމަ، އަހަރުމެންގެ ސިއްހީ ނިޒާމަށް ނުކަތާވަރުގެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެއެވެ. ބަލިމީހުން އެކަހެރިކޮށް ކަރަންޓީނުކުރާނެ އެކަށީގެންވާ ވަސީލަތްތަކާއި، ސިކުނޑި ދުޅަވާ ހިސާބަށް ބަލި ބޮޑުވުމުން ފަރުވާދޭނެ އައި.ސީ.ޔޫގެ ހިދުމަތްތައް ގިނަ ރަށްރަށަކު ނެތެވެ. އިގްތިސާދީ ގޮތުން ކުރިއަރަމުން ދިޔަ ނަމަވެސް، މިފަދަ ބޮޑު ވަބާއަކާ ހަނގުރާމަކުރުމުގެ ފުރިހަމަ ގާބިލުކަން އަހަރުމެންގެ ސިއްހީ ދާއިރާގައި އަދިވެސް ނެތެވެ.
ދުނިޔޭގެ ސަމާލުކަމަށް މި ބަލި އައިއިރު، އިންޑިއާގައި ބަލި ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ދޯދިޔާކަމުގެ ވާހަކަވެސް ދަނީ މުޅި ދުނިޔޭގައި ފެތުރެމުންނެވެ. މިކަމުގެ ސަބަބުން މި ސަރަހައްދުގެ ގައުމުތަކަށް ދަތުރުކުރާ މީހުންގެ އަދަދު މަދުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މިއީ ރާއްޖެއަށް ކުރިމަތިވެދާނެ އިގްތިސާދީ ބޮޑު ބިރެކެވެ. ކޯވިޑުގެ ސަބަބުން އަހަރުމެންގެ އިގްތިސާދު ފަތުރުވެރިކަމަށް މާބޮޑަށް ބަރޯސާވެފައި އޮތުމުގެ ހިތި ނަތީޖާ ވަނީ ފެނިފައެވެ. އެ ބަލިމަޑުކަމުން އަރައިގަނެ އިގްތިސާދު ހަމައަކަށް އެޅެން ފެށިއިރު، ގައުމު އޮތީ ބޮޑުތަނުން ދަރަނިވެފައެވެ. އެހެންކަމުން، މިފަދަ ދެވަނަ ކާރިސާއަކަށް އަހަރުމެން މިތިބީ ތައްޔާރަށް ހެއްޔެވެ؟
މިވަގުތު އެޗް.ޕީ.އޭއިން ރާއްޖެއަށް މިކަމުގެ ނުރައްކަލެއް ނެތް ކަމަށް ބުނި ނަމަވެސް، ދުރާލާ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ކުރީ ފަހަރުތަކެކޭ އެއްގޮތަށް ކަންކަން ބޮއްސުންލައިގެން ދިއުމުގެ ކުރިން، ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތައް މިފަދަ ހާލަތަކަށް ފުރިހަމައަށް ތައްޔާރުވެފައި އޮތުން މުހިންމެވެ. ކޯވިޑުގެ ތަޖުރިބާއިން ލިބުނު އެންމެ މުހިންމު ފިލާވަޅަކީ، ކަންކަން ސިއްރު ނުކޮށް ރައްޔިތުންނަށް ތެދު މައުލޫމާތު ދިނުމުން މީހުންގެ އެއްބާރުލުން ލިބޭކަމެވެ. މިހާރުން ފެށިގެން ނިޕާ ވައިރަހާ ބެހޭ ގޮތުން ދޭންޖެހޭ މައުލޫމާތުތައް ދީ، ބަލިން ރައްކާތެރިވާނެ ގޮތްތައް ބުނެދޭން ފަށައިފިނަމަ، މީހުންގެ މެދުގައި އުފެދޭ ބޭކާރު ބިރުވެރިކަމާއި ހާސްކަން ކުޑަކުރެވޭނެއެވެ.
އެޗްޕީއޭއިން ވިސްނަން ޖެހޭ ކަންކަމުގެ ތެރޭގައި، ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަނެވުނުތާ އަދި މާގިނަ ދުވަސްތަކެއް ނުވާކަމާ، އެކަމުގެ ސަބަބުން މީހުން ތިބީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރަށް ބޮޑަށް ވަރުބަލިވެފައިކަން ވެއެވެ. މިފަދަ ދަނޑިވަޅެއްގައި އަނެއްކާވެސް ގައިދުރުކަމާއި އެކަހެރިވުން ފަދަ ފިޔަވަޅުތަކެއް އަޅަން ޖެހިއްޖެނަމަ، އާންމުންގެ އެއްބާރުލުން ހޯދުމަކީ ދަތި ކަމަކަށް ވެދާނޭކަން ވިސްނަން ޖެހެއެވެ. އެހެންކަމުން، ކަމުގެ ސީރިއަސްކަން އަންގައިދީ، ކުރިޔާލާ ތައްޔާރުވުން ނުހަނު ބޭނުންތެރިއެވެ. ސިއްހީ ތައްޔާރީތަކުގެ އިތުރުން، އާންމު ދިރިއުޅުމުގެ އާދަކާދަތަކަށް ގެންނަންޖެހޭ ބަދަލުތަކަށް މީހުން ހޭލުންތެރިކުރުވަން ޖެހެއެވެ. ޖަމާއަތުގައި އުޅޭއިރު ސާފުތާހިރުކަމުގެ މިންގަނޑުތައް ބަހައްޓަންޖެހޭ ގޮތާއި، ބަލި ފެތުރިއްޖެ ހާލަތެއްގައި ސަރުކާރުން އަޅާނެ ފިޔަވަޅުތައް ކުރިއާލާ އެނގިފައި އޮތުމަކީ ބޮޑު ހާސްކަމަކުން މީހުން ސަލާމަތްކޮށްދޭނެ ކަމެކެވެ.
ނިޕާއަކީ ވައިގެ ޒަރިއްޔާއިން ފެތުރޭ ބައްޔަކަށް ނުވި ނަމަވެސް، މިއީ ގާތްކޮށް އުޅުމުގެ ސަބަބުން ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި، މީހުން އެއްވެ އުޅޭ މިންވަރަށް ބަލާއިރު، އެންމެ ކޭސްއެއް ފެނުމަކީވެސް ބަލި ހަލުވިކަމާއެކު ފެތުރިގެން ދިއުމަށް އޮތް ބޮޑު ފުރުސަތެކެވެ. މިކަންކަމަށް ރައްޔިތުން ސަމާލުވެ ތިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ހަމައެކަނި އިންޑިއާގެ ވަކި ސަރަހައްދަކަށް ދަތުރުކުރާ މީހުންނަށް ރައްކާތެރިވުމަށް ބުނުމުގެ ބަދަލުގައި، މުޅި މި ސަރަހައްދުގައި ދަތުރުކުރާއިރު ސަމާލުވާންޖެހޭ ކަންކަން ބުނެދޭން ޖެހެއެވެ. މައުލޫމާތު ހިއްސާނުކޮށް ހިފެހެއްޓުމަކީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެންމެ ބޮޑު ގޯހެވެ.
މިހާރުން މިހާރަށްވެސް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ޓެސްޓު ކުރެވޭނެ އިންތިޒާމުތަކާއި، ކަންކުރަންވީ އުސޫލުތައް އާންމުކުރަން ޖެހެއެވެ. އިންޑިއާއިން އަންނަ މީހުން ރާއްޖޭގެ އެކި އަތޮޅުތަކަށް ދާއިރު، އެ ރަށްރަށުގައި ތިބި ސިއްހީ ހިދުމަތްތެރިން މިކަމަށް ތައްޔާރުކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ 'ހެލްތް ފޯސް' އެކްޓިވޭޓުކޮށް، ރާއްޖެ އޮތީ ކޮންމެ ފަދަ ކާރިސާއަކަށްވެސް ތައްޔާރީ ހާލަތުގައިކަން އަންގައިދިނުމަކީ ބަލީގެ އަސަރު ކުޑަކުރުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތެވެ. އާންމުން ހޭލުންތެރިވެ، ދަތުރުފަތުރުގެ އުސޫލުތަކާއި ކާބޯތަކެތީގެ ސާފުތާހިރުކަމަށް ސަމާލުކަން ދީފިނަމަ، ސިއްހީ އަދި އިގްތިސާދީ ބޮޑެތި ގެއްލުންތަކުން ގައުމު ސަލާމަތްކުރެވިދާނެއެވެ. ނިޕާ ވައިރަހަކީ ކޯވިޑްހާ ފަސޭހައިން ފެތުރޭ އެއްޗަކަށް ނުވި ނަމަވެސް، މިއީ އެންމެ މީހެއްގެ ފަރާތުންވެސް މުޅި މުޖުތަމައު ނުރައްކަލަށް ހުށަހެޅިދާނެ ބައްޔެކެވެ. އެހެންކަމުން، ރައްކާވެ ތިބުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.
