އިސްރާއީލުން އަނެއްކާވެސް އުޅެނީ އީރާނަށް ހަމަލާ ދޭން ކަމަށް ތުރްކިޔެއިން ބުނެފިއެވެ.
"އީރާނަށް ހަމަލާދޭނެ ފުރުސަތެއް ލިބޭތޯ އިސްރާއީލުން ދަނީ މަސައްކަތްކުރަމުން،" ތުރްކިޔެގެ ހާރިޖީ ވަޒީރު ހަގަން ފައިޒާން (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.
އެ ކަހަލަ އަމަލެއް ހިންގައިފިނަމަ މައްސަލަތައް ހޫނުވެފައިވާ މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ތަފާތު މަގެއް (އިސްރާއީލުން) އިހްތިޔާރުކުރާނެ ކަމަށް އަހަރެން އުއްމީދުކުރަން،" ހަގަން ވިދާޅުވިއެވެ.
އިސްރާއީލުން އަމަލީ ގޮތެއްގައި މަސައްކަތްކުރަމުންދަނީ އަސްކަރީ ފިޔަވަޅެއް އެޅުމަށް ފުރުސަތުގެ ދޮރެއް ހުޅުވޭތޯ ކަމަށް ހަގަން ވިދާޅުވިއެވެ.
ދާދި ފަހުން އީރާނަށް ކުރެއްވި ޒިޔާރަތެއްގައި މި ކަންބޮޑުވުންތައް އީރާންގެ އޮފިޝަލުންނާ ހިއްސާކުރެއްވި ކަމަށް ވެސް ހަގަން ވިދާޅުވިއެވެ.
އީރާނުން ބުނީ މި ދިޔަ އަހަރު ޖޫން މަހު އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާންގައި ނިއުކްލިއަ ހަކަތަ އުފައްދާ ތިން މަރުކަޒަކަށް ދިން ހަމަލާތަކަށްފަހު އީރާނުން މިހާރު އޮންނަނީ އަބަދުވެސް ތައްޔާރަށް ކަމަށެވެ.
"އެއްވެސް ހަމަލާއެއްދީފިނަމަ އަހަރެމެން ބަލާނީ އެއީ އަހަރެމެންނާ ދެކޮޅަށް ހަނގުރާމައެއް ފެށީކަމަށް،" އީރާންގެ އޮފިޝަލަކު ބުންޏެވެ.
ހަގަންގެ ކަންބޮޑުވުންތައް މި ފެންމަތިވީ ސަރަހައްދުގެ މަސްރަހު ހޫނުވެ، ގަލްފު ކަނޑުގައި އެމެރިކާގެ ކަނޑުމަތީ ސިފައިންގެ ބާރުތައް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައެވެ.



advertisment