Support Us

ވާހަކަ: ފަރަންޖީ

އަހަރެން ވަރަށް އަވަދިނެތި ބަދިގެ ފަރާތުގަ އުޅުނީ ފޭސްބުކުން ފެނުނު މާ ހެލްދީ މީލްއެއް ތައްޔާރު ކުރާށެވެ. އޭރު އަހަރެންގެ ހަތް އަހަރުގެ ލީޝާ އިނީ ގޮނޑީގަ އައިޕެޑުން ޔޫޓިބު ވީޑިއޯއެއް ބަލާށެވެ. އިރުކޮޅަކުން ޝާއިރާ ވާހަކަ ދައްކާ އަޑުއިވުމުން ޝާއިރާ އައިކަން އެނގުނެވެ. ބަދިގެ ފަރާތުގަ ހުއްޓަސް ސިޓިންގ ރޫމުގަ ދައްކާ ވާހަކަތައް ރީތިކޮށް އިވޭނެއެވެ.

"ކޮބާތަ ލީޝް މަންމަ..؟" ޝާއިރާއަށް އަހަރެން ފެންނަން ނެތީމަ ސުވާލުކުރީ ލީޝްއާއެވެ. ޝާއިރާ ބަދިގެ ފަރާތަށް އަންނާނެކަން އެނގޭތީ އަހަރެން އެއްޗެކޭ ނުބުނެ ހުރީއެވެ. ކެއްކުމުގަ ވަރަށް އަވަދިނެތި އުޅުނު ވަގުތަކަށް ވީމައާއި އެއްކޮށެވެ.

"އިފް ޝީ އިޒް ނޮޓް ހިޔަރ.. ދެން އޮބްވިޔަސްލީ ޝީވުޑް ބީ އިންދަ ކިޗަން ޝާއިރާއްތާ.. ޔޫ ޝުޑް ނޯ ބައި ނައު." ލީޝް އެހެން ބުނީ އައިޕެޑް ބަލަން އިނދެއެވެ.

"އަޅެ ކޮން ދުވަހަކުންތަ ލީޝް ދިވެހިން ޝާއިރާއްތައާ ދެތިން ބަހެއްވެސް ބުނެލާނީ. ދިވެހިވެސް އެނގެންވާނެ އެއްނުނދޯ ލީޝް" ޝާއިރާ ބުންޏެވެ.

"ވަޓްއެވަރ" ލީޝް އެހެން ބުނެލުމާއެކު ޝާއިރާވެސް ހީނގަތް އަޑު އިވުނެވެ. އަހަރެން ކައިރިއަށްވެސް ހިނިއަންނަ ގޮތްވިއެވެ. ޝާއިރާ ބަދިގެ ފަރާތަަށް ވަންނަމުން އަހާލިއެވެ. "ހާދަ މީރުވަހެކޭ.. ކޯއްޗެއް މިއަދު ތިހަދަނީ ކަމަނާފާނު؟"

"އާނ.. މީ އެފްބީއިން ފެނުނު ހެލްދީ ޑިޝްއެއް ރެޑީ ކޮށްލެވޭތޯ މިއުޅެނީ" އަހަރެން ޝާއިރާއާ ދިމާއަށް ބަލާލާފަ ހިނިތުންވެލަމުން ބުނީމެވެ.

"އެހެންތަ. މަވެސް މިއައީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޮޅު ކެއުންގަނޑެއް ހަދާނެގޮތް ދަސްވެގެން އެވާހަކަ ބުނަންވެގެންނާވެސް އެއްކޮށް. ފުރަތަމަ ތީގެ އަޖުމަ ބަލާފަ ދެން އޭގެ ގޮތް ބަލާނީ ދޯ.. ވަސްގަނޑުވެސް ނިކަން ރަނގަޅޭ" އަހަރެންނާ ޝާއިރާއަކީ ސިއްހަތަށް ފައިދާހުރި ކެއުންތައް ކާން ނިކަން ވަރުހުންނަ ދެމީހުނެވެ. އަހަރެމެން ދެމީހުންގެ ޚިޔާލު އެހެން ގިނަ ކަންތައްތަކުގަ ތަފާތަސް، ސިއްޙަތާ ގުޅުންހުރި ކަންކަމުގަ އަހަރެމެންނަކީ އެއް ވިސްނުމެއްގެ އެއް ތައްގަނޑެއްގެ ދެމީހުނެވެ.

"އައިޝާ! ލީޝް އަބަދު އެވާހަކަ ދައްކަނީ އިނގިރޭސިންނުނ. އެމަންޖެއަށް ނޭނގޭ ދިވެހިން އެއްގޮތަކަށްވެސް ވާހަކަ ދައްކާކަށް. މީ ދިވެހިން ވިއްޔަ. ދިވެހިބަހުންވެސް ވާހަކަ ދައްކަންވާނެދޯ. އެމަންޖެ މާބޮޑަށޭ ފަރަންޖީވެފަ އެހުންނަނީ" އެއީ ޝާއިރާ ދޭތެރެ ދޭތެރެއަކުން ކުރާ ޝަކުވާއެކެވެ.

"އޭނަ ވަރަށް ލައިކެއް ނުވާނެ ދިވެހިބަސް ދެކެ. ނޭނގޭ ކީއްވެކަމެެއް. އެންމު ކުޑައިރުއްސުރެވެސް. ދެން އަބަދު ބަލާނީވެސް އިންގްލިޝް އެއްޗެހި. ދިވެހި އެއްޗެހިވެސް ބަލާށޭ ބުނަން." ފަހުން ބުނި ޖުމްލަ އަހަރެން ބުނީ މަތި އޮމާން ކޮށްލުމުގެ ގޮތުންނެވެ. ހަޤީޤަތަކީ އަހަރެންގެ ދަރިއަކު އިނގިރޭސި ބަހުން ވާހަކަ ދެއްކުމަށް ލޯބިކުރެޔޭ ބުނުމަކީ އަހަރެން އެކަމާ ފަޚުރުވެރިވާ ކަމެކެވެ. އެއީ "ހައިކްލާސް" ބައެއް ކަން ދައްކައިދޭ ކަމެކެވެ. ދުނިޔެއަށް ލޯހުޅުވި ތަހުޒީބު މީހުންނާ އެމީހުންގެ ދަރިން އިނގިރޭސި ބަހަށް ނިކަން ދޯޅުވާކަން އެއީ އަހަރެން ދަންނަ ކަމެކެވެ. ޝާއިރާގެ ކުދިން އަރަބިއްޔާ ސްކޫލަށާއި މަޢުހަދަށް ވައްދައިގެން އެޖަހާ ސަކަރާތެއް އަހަރެންނަކަށް އެއްގޮތަކަށްވެސް ހަމަ ނުވިސްނެއެވެ. އަހަރެންނަށްވެސް ޝާއިރާގެ ކުދިން އަރަބި ބަހަށް ދޯޅު ކުރުވަނީ ކީއްވެހޭ ކިޔާފަވެސް ވާހަކަ ދެއްކިދާނެއެވެ. އެކަމަކު އަހަރެންނެއް އެކަމުގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނޫނެވެ.

"ލީޝް އާ ދިވެހިބަހުން ވާހަކަ ދައްކާ ނުހަދާތީނުނ ލީޝްއަށް އެއްވެސް ވަރަކަށް ދިވެހިން ވާހަކަ ދައްކަން ނޭނގެނީ!.." ޝާއިރާ ބުނެލިއެވެ. ޝައިރާ އެކަމާ މާބޮޑަށް ވިސްނަންޖެހޭ ސަބަބެއް އަހަރެންނަކަށް ނުވިސްނެއެވެ. ސަބަބެއް އޮތްނަމަ އޮތް އެސަބަބަކީ އެކަމާ ހަސަދަވެރިވެސް ވަނީއެވެ.

"ލީޝް އަދި ވަރަށް ކުޑައެއްނުނ.. ބޮޑުވީމަ އޯކޭ ވާނެއޭ. ދެން އެވާހަކަ ބާއްވަބަލަ! މިކެއުން ކާލައިގެން މިއަދު ދާންވާނީ. ވަރަށް ފައްކާވާނެ" ބޮލަށް ތުރާވާން ފެށުމުން އަހަރެން މައުޟޫ ބަދަލު ކޮށްލީމެވެ.

އޭގެ ދެހަފްތާ ފަހެވެ. އަހަރެންގެ ލީޝް އިންޓަރ ސްކޫލް ކުއިޒް މުބާރާތެއްގަ ބައިވެރި ކުރީ އެއީ ކޮންމެ ދެ އަހަރަކުން އެއްއަހަރު ބާއްވާ ބޮޑު މުބާރާތަކަށް ވީމައެވެ. ލީޝް ގްރޭޑް އެކަކަށް ދިޔައީ އަދި ކިރިޔާއެވެ. ލީޝް އެއީ ވަރަށް ކިޔެވުމަށްވެސް މޮޅު ކުއްޖެކެވެ. ހަމައެކަނި ދަށީ ދިވެއްސާއި އިސްލާމަށެވެ. އެދޭތިންވެސް ފާސްވެއެވެ. އެހެންވީމަ އަހަރެންނަކަށް މާބޮޑު މައްސަލައެއް ނެތެވެ. އަހަރެންގެ މިފަހަރުގެ އަމާޒަކީ މިފަހަރު މިބާއްވާ ކުއިޒްގެ މުޅި މުބާރާތުން ލީޝްއަށް ރަނގަޅު ވަނައެއް ހޯދައި ދިނުމެވެ. ލީޝް ކިބައިގަ އެހާ ޤާބިލްކަން ހުރިކަން އަހަރެންނަށް އެނގެއެވެ. އެހެން ކުދިންހެން އަބަދު ފޮތް ނަގައިގެން ދަސްކުރަން ނޫޅުނަސް އާއްމު މައުލޫމާތު މުއްސަނދިވެފަ އެދަސްކުރާ އެއްޗެއް ނިކަން ބޮޑަށް ހަނދާނުގަވެސް ހުންނާނެއެވެ. އެހެންވީމަ އަހަރެންނަށް ބޮޑު ޔަޤީންކަމެއް އެބައޮތެވެ. ޖެހޭނީ ކުޑަކޮށް "ތެޔޮޖަހަލާ" އެއްގިޔަރު ކުރިޔަށް ޖައްސާލާށެވެ. އެވަރު އަހަރެން ކޮށްދޭނަމެވެ.

ކުއިޒް މުބާރާތް ބޭއްވެނީ ކޮންމެ ސްކޫލަކުންވެސް، އެ ސްކޫލަކުން ބާއްވާ ކުއިޒުން އެއްވަނަ ހޯދާ ދަރިވަރުންގެ މެދުގައެވެ. އެއިން ކޮންމެ ކުއްޖަކު ތަމްސީލު ކުރަނީ އެކުއްޖަކު އުޅޭ ސްކޫލެވެ. އެހެންވެ މިމުބާރާތަކީ ރާއްޖޭގެ އާއްމު ޓީވީއިންވެސް ވަގުތުން ލައިވްކުރާ ޕްރޮގްރާމެކެވެ. ވާދަވެރިކަން ބޮޑުވެ ފަހުންފަހުން އައިސް މިމުބާރާތަކީ ބޮޑެތި އިނާމްތައްވެސް ހުށަހެޅިފަވާ ޕްރޮގްރާމެކެވެ. އެހެންވެ މިފަދަ މުބާރާތަކުން ލީޝްއަށް ރަނގަޅު ކާމިޔާބެއް ލިބުމަކީ އަހަރެން ދެކޭ ހުވަފެނެކެވެ. ކުރެވޭ ބޮޑު އުއްމީދެކެވެ. އަހަރެންެގެ އުއްމީދުގަ ކުލަޖެހުމުގެ އަސަރު ފެންނާކަށް މާގިނަ ދުވަހެއްވެސް ނުނަގައެވެ.  ލީޝްގެ ސްކޫލު އިމާދުއްދީނުން ވާދަކުރާ ކުއްޖަކަށް ހޮވުނީ ލީޝްއެވެ. ކަންދިމާކުރިގޮތުން މަޢުހަދުން ހޮވުނު ކުއްޖަކީ ޝާއިރާގެ ކުއްޖެކެވެ. ޝާއިރާގެ ކުދިން ކިޔަވަން މޮޅުކަން އަހަރެންނަށްވެސް އެނގެއެވެ. އެހެންވިޔަސް އެއީކީ އަހަރެން މާބޮޑަކަށް ހާސްވާކަމެއްވެސް ނޫނެވެ. ލީޝްގެ ޖެނެރަލް ނޮލެޖް މާބޮޑަށް ހައި ވާނެކަން އަހަރެންނަށް އެނގޭތީއެވެ.

މުބާރާތް ފެށިގެން ކުރިޔަށް ގޮސް އެންމެ ފަހުން ސެމީ ފައިނަލާ ހަމައަށް ދިޔައިރު މުބާރާތުގެ ފޯރި އޮތީ ވަރަށް ގަދަވެފައެވެ. ސުވާލުތައް ކުރެވެނީ ދިވެހިންނާ އިނގިރޭސިންނެވެ. އަހަރެން ހީކުރިގޮތާ ޚިލާފަށް ޝާއިރާގެ ދަރިފުޅު ނައިޝާ އިނގިރޭސި ބަހަށްވެސް ފަރިތައެވެ. ކުރެވޭ އިނގިރޭސި ސުވާލުތަކަށް ފަރިތަކަމާއެކު ޖަވާބުދެނީ އިނގިރޭސިންނެވެ. ދިވެހިން ކުރެވޭ ސުވާލުތަކަށް ލީޝް އުނދަގުލުން ވިޔަސް ދެނީ ރަނގަޅު ޖަވާބެވެ. ގިނަ މާއްދާތައް ކިޔަވަނީ އިނގިރޭސިން ކަމުގަވާތީ ގިނަ ސުވާލުތައްވެސް ހުންނަނީ އިނގިރޭސިންނެވެ. އަހަރެންނަށް ލިބޭ ބޮޑު ހިތްހަމަ ޖެހުމަކީވެސް އެޔެވެ. ލީޝް ކުޑަހިތްވަރެެއް ކޮށްލަން ޖެހެނީ ދިވެހިން ކުރެވޭ މަދު ސުވާލު ތަކަށެވެ. އޭރަށް އެނިމުނީއެވެ. ދިވެހިން ވާހަކަ ދައްކަން ކިތަންމެ ނުފަރިތަޔަސް އެހެން މީހުން ދިވެހިން ވާހަކަ ދެއްކީމަ ކިޔާއެތި ލީޝްއަށް ރީތިކޮށް އެނގެއެވެ. އެހެންވީމަ މާބޮޑު މައްސަލައެއް ނެތެވެ.

ކަންދިމާ ކުރި ގޮތުން "ގަދަ ހިފުމުގަ" ބައްދަލުކުރަން ޖެހުނީ އިމާދުއްދީން ސްކޫލާއި މަޢުހަދާއެވެ. އުފަލުންގޮސް އަހަރެން ފޮޅުނެވެ. ރީތިކޮށްވެސް ލީޝް މޮޅުވާނެކަން އެނގޭތީއެވެ. އެެހެންނަމަވެސް ކޮންމެ ފަދަ ގޮތެއް ވެދާނެކަމުގެ އިހްސާސުން ހިތް ދިޔައީ ނުތަނަވަސް ވެސް ކުރުވަމުންނެވެ.

މުބާރާތުގެ ފައިނަލް ބުރުގެ ކުއިޒަކީ ގިނަބަޔަކު ޓީވީތަކުން ބަލަމުން ދިޔަ ހަރަކާތެކެވެ. މުބާރާތް ހިނގަމުން ދިޔަ ތަނުގަ އެއްފަަރާތުގަ ކުޅިބަލަން ތިބޭ ހިސާބުގަ އިށީނދެލައިގެން އަހަރެން އިންއިރު ޝާއިރާވެސް އިނީ އަހަރެންނާ ޖެހިގެންނެވެ. މުބާރާތް ކުރިޔަށް ދިޔައިރު އެއް ޕޮއިންޓްގެ ލީޑަކުން މިހާރުވެސް ކުރީގަ އޮތީ ލީޝްއެވެ. އެއޮތްގޮތަށް ހިފަހައްޓާލެވިއްޖެއްޔާ ލީޝް މޮޅުވީއެވެ. މުޅި މުބާރާތުން އެއްވަނަ ހާސިލް ކުރީއެވެ. އަހަރެންގެ މޭގަނޑު ދިޔައީ ނެގިނެގިފަ ޖެހެމުންނެވެ. އަދި އަންނަ ކޮންމެ ސުވާލެއްގެ ޖަވާބު ދެބައިވެރިންވެސް ދެމުން ދަނީ ރަނގަޅަށެވެ. ލީޝްއަށް ލިބުނު ޕްއިންޓެއްގެ ލީޑާއެކު ނަތީޖާ އެ އޮތްގޮތަށް ހަމަ އޮތީއެވެ. އެންމެ ފަހުން ކުރެވޭ ތިން ސުވާލު ކުރެވޭ ވަގުތު އައިސް ޖެހިއްޖެއެވެ. ތިން ސުވާލުގެ ތެރެއިން ފުރަތަމަ ސުވާލު ކުރީ ދިވެހިންނެވެ.

"ޖުމްހޫރީ ދުވަހަކީ ކޮބާ؟"

ލީޝް ވިސްނަން އިންދާ ގަޑި ހަމަވިއެވެ.  އެސުވާލު ދެން ކުރެވުނީ ނައިޝާއާއެވެ.

"އެއީ ރާއްޖޭގަ ދެވަނަ ޖުމްހޫރިއްޔާ ޤާއިމް ކުރެވުނު ދުވަސް. އެއީ 11 ނޮވެމްބަރ" އެޖަވާބާއެކު އަތްތިލަ ބަޑީގެ އަޑުން މުޅިތަން ގުގުމައިގަތެވެ. ކުއިޒަށް ފަރިތަ ކުރުމަށްޓަކާ ދަސްކުރުމަށް އެތައް ސަތޭކަ ސުވާލެއް މާކުރިޔާ ލާފަ ހުންނަނީ ދީފައެވެ. އެހެންނަމަވެސް ތަރުހީބު އެހާ ބޮޑަށް ދެމުން ދިޔައީ، އެއީ އެ އުމުރުގެ ކުއްޖަކު ޖަވާބު ދީފާނެކަމަށް އުއްމީދު ނުކުރެވުނު ޖަވާބަކަށް ވީމަ ކަމަށްވެސް ވެދާނެއެވެ. ޕޮއިންޓްގެ ގޮތުން ދެބައިވެރިން އެއްވަރު ވީއެވެ. ދެން އައީ ދެވަނަ ސުވާލެވެ. ހަމަ ދިވެހިންނެވެ.

"ނަޞްރުގެ ދުވަހަކީ ކޮބާ؟"

މިފަހަރުވެސް ލީޝް ވަރަށް ވިސްނަން އިނެވެ. އަހަރެންގެ ހިތް މާޔޫސްވާ ގޮތްވިއެވެ. ގަޑިހަމަވާން ދެތިން ސިކުންތު ހުއްޓާ ކުއްލިއަކަށް ލީޝް ޖަވާބު ދިނެވެ. "ތަރޑް ނޮވެމްބަރ" އެޖަވާބާއެކު އަނެއްކާވެސް އަތްތިލަ ބަޑީގެ އަޑު ގުގުމައިގަތެވެ. ލީޝް އަނެއްކާވެސް އެއްޕޮއިންޓުން ލީޑް ނެގީއެވެ.

ޕެނަލުން ދެން ސުވާލުކުރީ ނައިޝާއާއެވެ. "ރާއްޖެ އިސްލާމްވި ދުވަހެއްގެ ގޮތުގަ ފާހަގަ ކުރަނީ ކޮންދުވަހެއް؟" އެސުވާލު ލީޝްއާއި ނުޖެހުނުކަން ކިތަންމެހާވެސް ރަނގަޅޭ ހިތަށް އެރިއެވެ. ނައިޝާ އެސުވާލަށްވެސް ފަރިތަކަމާއެކު ޖަވާބު ދިނެވެ.

"ރަބީޢުލް އާޙިރުމަހުގެ ދެވަނަ ދުވަސް" އަނެއްކާވެސް ތަރުހީބުގެ އަޑެވެ.

ދެން އޮތީ "ނޮކް އައުޓް" ސުވާލެވެ. މި ސުވާލުގެ ޖަވާބު ރަނގަޅު ކޮށްފިނަމަ ކޮންމެވެސް އެކަކަށް ޖަވާބު ނުދެވެންދެން ސުވާލުތައް ކުރެވޭނެއެވެ. އަހަރެންގެ ހިތްވެސް ހީވަނީ މޭގަނޑު ފަޅާފަ ދެންމެދެންމެވެސް ނުކުމެދާނެ ހެންނެވެ. އަތުން ދިޔައީ އެވަރަށް އޮށްދާވެސް ހިއްލަމުންނެވެ. ޕެނަލުން ފަހު ސުވާލު ކުރީ ލީޝްއާއެވެ. އެސުވާލުވެސް އައީ ދިވެހިބަހުންނެވެ. ވީފޫހިން އަހަރެންނަށް ޗޮކެއް ކަނޑާލެވުނެވެ.

"ޤައުމީ ދުވަހަކީ ކޮބާ؟" ޕެނަލުން މިޒާތުގެ ސުވާލުތައް ކުރަންޖެހޭ ސަބަބެއް އަހަރެންނަކަށް ނުވިސްނެއެވެ. ދުވަސްތަކާ ތާރީޚްތައް ކޮންމެހެން އެވަރަށް ހަނދާން ކުރަންޖެހޭ ހެއްޔެވެ؟ ވަގުތު ހިނގަމުން ދެއެވެ. ގަޑި ހަމަވީ ލީޝް ވިސްނަން އިންދައެވެ. ކުއިޒަށް ދަސްކުރުމަށް އެތައް ސަތޭކަ ސުވާލުތަކެއް ދެވިފަ ހުރިއިރު އޭގެ ގިނަ ސުވާލުތައް ލީޝް ހިތުދަހެވެ. ދިވެހިން ހުރި ސުވާލުތައްވެސް ދަސްކުރިއެވެ. ދިވެހިބަހަށް ނުފަރިތަކަމުންނާ ދިވެއްސަށް އޮންނަ ފޫހިކަމެއްގެ ސަބަބުން ލީޝްއަށް އެހާބޮޑަށް އެސުވާލުތަކަށް ސަމާލުކަން ނުދެވުނީއެވެ. އެހެން ނޫނަސް ފައިނަލްގަ އެކަހަލަ ސުވާލުތައް އައިސްދާނެކަމަކަށް އަހަރެންނަށްވެސް އެހާބޮޑަށް ލަފާކުރެވިފައެއް ނެތެވެ.

ދެން އޮތީ ނައިޝާ އެސުވާލަށް ޖަވާބު ދިނުމެވެ. ނައިޝާއަށްވެސް އެސުވާލަށް ޖަވާބު ނުދެވިއްޖެނަމަ އިތުރު އެހެން ސުވާލެއް ދެބައިވެރިންނަށްވެސް ލިބޭނެއެވެ.

"އެއީ ރަބީޢުލް އައްވަލު މަހުގެ ފުރަތަމަ ދުވަސް. އެއީ ބޮޑުތަކުރުފާނު އިސްކޮށް ހުންނަވާ ޕޯޗްގީޒުންގެ ކިބައިން ރާއްޖެ ސަލާމަތްކުރި ދުވަސް" ނައިޝާގެ އެޖަވާބާއެކު މުޅި އޯޑިއެންސުން "މާޝާﷲ"، "ސާބަހޭ" ފަދަ ބަސްތައް އަންނަން ފެށިއެވެ. އެކުޑަކުޑަ މައިޝާ އެޖަވާބު ދިންލެއްވެސް ފުރިހަމަ ކަމުންނެވެ. މުޅި މުބާރާތުން އެއްވަނަ ޝާއިރާގެ ދަރިފުޅު ހާޞިލް ކުރީއެވެ. އަހަރެންގެ ދެލޯ ފެންކަޅި ވިއެވެ. އިރުކޮޅަކުން ދެލޮލުން ކަރުނަ އަންނަން ފެށީ ނުވެސް އެނގި އިންދައެވެ. ޝާއިރާ އަަހަރެންގެ އަތުގަ ހިފާލާފަ ހިތްވަރު ދިނެވެ.

ދިއުމުގެ ކުރިން ޝާއިރާ އަހަރެންނާ ބައްދަލު ކުރިއެވެ. " އަހަރެން އަބަދުވެސް ބުނަމެއްނުނ ދިވެހިބަހުންވެސް ވާހަކަ ދައްކާ ހަދުވާށޭ. އަމިއްލަ މާދަރީ ބަސްދެކެ ލޯބިވާން އަހަރެމެންގެ ކުދިންނަށް އެނގެންވާނެ. އެއްގޮތަކުން މިކަހަލަ މުބާރާތެއްގަ ލީޝް ބައިވެރި ކުރިކަން ތީ ރަނގަޅަށް ކުރިކަމެެއް. އޭނަވެސް ދެން ދިވެހި އެއްޗެހި ދަސްކުރަން ވަރު ހުންނާނެ. ބޭނުންވެސް ވާނެ" އަހަރެންނަށްވެސް ދިވެހި ބަހާމެދު އެހެން ގޮތަކަށް ވިސްނާލަން މަޖްބޫރު ކުރީ އެދުވަހުއެވެ. ގައިމު އެސުވާލުތައްވެސް އެއީ ލީޝް ފަރިތަކޮށްފަ ހުންނާނޭ ސުވާލުތަކެވެ. އެކަމަކުވެސް ދިވެހިން ހުރި ސުވާލުތައް ވީމަ، ދިވެހިބަހާ ތާރީޚާ ގުޅޭ ސުވާލުތައްވީމަ ލީޝްއަށްވެސް މުހިއްމު ނުވަނީއެވެ.

އޭގެ އަނެއް ހަފްތާއެވެ. އެ ހަފްތާގެ ސުކޫލުގެ ކިޔެވުން އޮތް އެންމެފަހު ދުވަހެވެ. ލީޝް ބަލާދިޔައިިރުވެސް ހުރީ ފާޑަކަށެވެ. ގެޔަށްއައިސް ހަމަ ހުރެހުރެފަ ރޮވެނީއެވެ. ފުރަތަމަ އަހަރެން ހީކުރީ ކުއިޒާ ގުޅިގެން ކަމުގައެވެ. އެކަމަކު ސުވާލު ކުރުމުން އެނގުނީ އަދި އެހެންކަމެއް ލައިގަނެގެން އުޅޭ ކަމެވެ. ލީޝްއަށް ދިވެހިން ވާހަކަ ދައްކަން ނޭނގޭތީ ކްލާސްކުދިންނަށް މަޖާވެގެން އެކަކު އަނެކަކާ ވާހަކަ ދައްކަނީ ދިވެހިންނެވެ. ބައެއްފަހަރު ލީޝް ވާހަކަ ދައްކާގޮތަށް އަޅައަޅައިގަނެފަ ވެސް ވާހަކަ ދައްކައެވެ. މިކަންތައްގަނޑު ބޮޑުވެގެން ލީޝް މިހާރު ސްކޫލަށް ދާކަށްވެސް ބޭނުމެއް ނުވެއެވެ. އަހަރެން ވަގުތުން ސްކޫލުގެ މެނޭޖްމަންޓާ މިކަމާގުޅިގެން ވާހަކަ ދެއްކީމެވެ. ދުވަސް ކޮޅަކުން އެމައްސަލަ ހައްލުވިއެވެ. އެހެންނަމަވެސް މިހާރު އަހަރެންނަށް ވިސްނޭ ކަމެއް އެބައޮތެވެ. އަމިއްލަ ބަހުގެ އަހައްމިިއްޔަތު ކަމެވެ. ލީޝްއަށް ލިބުނު ދެ ދެރަ އަކީ ދިވެހިބަހާ ގުޅިގެން ކުރިމަތިވި ދެކަންތަކެވެ. ޝާއިރާގެ ކުދިން އިނގިރޭސިއަކަށް އެހާ މޮޅެއްވެސް ނުވާނެއެވެ. އެކަމަކު ދިވެއްސާ އިސްލާމަށް އެހާ މޮޅެވެ. އަރަބި ބަހަށްވެސް މޮޅެވެ. އެންމެ ފަހުން އެކާމިޔާބު ކުރީ އިނގިރޭސިންނާއި ދިވެހިން ސުވާލު ކުރެވޭ ކުއިޒު މުބާރާތެކެވެ. އާޚިރުގަ ކުޅިފަސް ލިބުނީ ޝާއިރާގެ ކުދިންނައްތާއެވެ. އަހަރެންނަށް މިހާރު ވިސްނިއްޖެއެވެ. މީގެ ފަހުން ފަރަންޖީބަހަށް ލޯބި ކުރިޔަސް ދިވެހިބަހަށްވެސް ޚާއްސަ ސަމާލުކަމެއް ދޭންވީއެވެ. ތާރީޚްވެސް ދަސްކޮށްދީ ހިތް ޖައްސުވަން ވީއެވެ. ހަޤީޤަތުގަ އޭގެ ތެރެއިން  އެދަސްކޮށްދެވެނީ އަޚްލާޤެވެ. ތަރުބިއްޔަތެވެ. ނުވަތަ އޭގެ ބައެކެވެ. ހަމައެކަނި ފަރަންޖީވެގެން އަދި ދަރިން ފަރަންޖީ ކުރުވައިގެން ހާސިލު ކުރެވޭނޭ މާގިނަ މޮޅުތަކެއްވެސް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
342
ޚިޔާލު ފާޅުކުރައްވާ!

5 Responses

  1. މީ މި މުޖުތަމަޢުގަ މިހާޜު ހަރުލާފައޮތް ވަބާއެއް. ދިވެހި ބަސް ނޭނގުނަސް އެއީ އެއްވެސް މައްސަލައެއްލައެއް ނޫން. އެކަމަކު ފަރަންޖީބަސް އެނގެންވާނެ ނޫނީ މީހާ މީހަކަށް ނުވާނެ🙄 ވާހަކަ ވަރަށް ފުރިހަމަ❤️

  2. baeh mammainnaa bappamen dhariaa ingireysin vahaka dhakkany molhu kamakah hadhaigen. adhi thibeny ves vrh vefa. kithamme faharaku e manzaru dheken. saharo heevey. mi muhimmu massala vahakaige sifaiga heyluntheri kurumah genesdhinythy vrh bodah shukuriyya. vahaka salhi

  3. މުޖުތަމަޢަށް ރަނގަޅު މެސެޖެއް ޝަބް ގެ ކޮންމެ ވާހަކަ އެއްވެސް ތަފާތު ވެފަ ވަރަށް ރީތި ما شاء الله

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *