އީރާންގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ބައިވެރިވާ މީހުންނަށް މަރުގެ ހުކުމް ތަންފީޒުކޮށްފިނަމަ "ވަރަށް ހަރުކަށި ފިޔަވަޅު" އަޅުއްވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަމަށް އީރާނުން ބުނެފިއެވެ.
ޓްރަމްޕް މިހެން އިންޒާރު ދެއްވީ މި ދިޔަ ހަފުތާގައި ހައްޔަރުކުރި އުމުރުން 26 އަހަރުގެ އިރްފާން ސުލްތާނީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރަން އީރާނުން އިއްޔެ ތައްޔާރުވުމުންނެވެ.
ޓްރަމްޕްގެ އިންޒާރާ ވިދިގެން އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ (ފޮޓޯ) އިއްޔެ ވިދާޅުވީ އެއްވެސް މުޒާހަރާކުރުންތެރިއަކަށް މަރުގެ ހުކުމް ތަންފީޒު ނުކުރައްވާނެކަމަށެވެ.
"މުޒާހަރާކުރުންތެރިން ދަންޖެއްސުމުގެ އެއްވެސް ނިޔަތެއް ނެތް،" އޭނާ ވިދާޅުވިއެވެ.
ބަންޑާރަ ނައިބު މުހައްމަދު މުވަހަދީ އަޒަދު ކުރިން ވިދާޅުވެފައިވަނީ މުޒާހަރާގައި ބައިވެރިވާ ކޮންމެ މީހަކާމެދު ބަލާނީ އެއީ "މާތް ކަލާނގޭގެ ދުޝްމިނެއް"ގެ ގޮތުގައި ކަމަށެވެ. މި ދައުވާއަކީ ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު އީރާންގައި ދޭ ދައުވާއެކެވެ.
މީގެ އިތުރުން އީރާންގެ އުއްތަމަ ފަނޑިޔާރު ގުލާމްހުސައިން މުހްސިނީޖީ ވެސް އިއްޔެ ވަނީ މުޒާހަރާކުރުންތެރިންގެ ޝަރީއަތް އަވަސްކުރައްވައި މަރުގެ ހުކުމް ތަންފީޒުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އީރާންގެ ރާގު ބަދަލުކުރިއަސް މަސްރަހު "ރަނގަޅަށް ބަލަމުންގެންދާނެ"ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އީރާންގައި ގާތްގަނޑަކަށް ހުރިހާ މުވާސަލާތީ ހިދުމަތެއް ކަނޑައިލައިފައިވާ ނަމަވެސް 2،400 އަށްވުރެ ގިނަ މުޒާހަރާކުރުންތެރިން މަރުވެފައިވާކަން ކަށަވަރުކުރެވިފައިވާކަމަށް އެމެރިކާގައި ހުންނަ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުންނާ ގުޅޭ ހަބަރު ފަތުރާ ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީން ބުންޏެވެ.
"މީގެ އިތުރުން 150 އަށްވުރެ ގިނަ ސަލާމަތީ ބާރުތަކުގެ އޮފިސަރުންނާއި އީރާން ސަރުކާރަށް ތާއީދުކުރާ މީހުން ވެސް މަރުވެފައިވޭ،" އެ އެޖެންސީން ބުންޏެވެ.
އީރާންގައި މި ދިޔަ މަހު މުޒާހަރާތައް ފެށީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި ފައިސާގެ އަގު ވެއްޓުމާއި މުސާރަ ކުޑަވަމުންދިޔުމާއި އަދި ތަކެތީގެ އަގު ބޮޑުވަމުން ދިޔުމުންނެވެ.



advertisment