ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ކައިވެނި ހަފުލާއެއް ނިމި އެންމެން ނިދައިފައި ތިއްބާ ގޭސް ފުޅިއެއް ގޮވައި މަރުވި އަށް މީހުންގެ ތެރޭގައި ޒަވާޖީ ހަޔާތް ފެށި ދެމަފިރިން ވެސް ހިމެނިއްޖެއެވެ.
ބޮޑު ވަޒީރު ޝަހްބާޒު ޝަރީފު މިހާރު ވަނީ އިއްޔެގެ މި ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން އަމުރުކުރައްވައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.
"އަދި ޒަހަމްވި މީހުންނަށް އެންމެ ފުރިހަމަ ފަރުވާ ދިނުމަށް ވާނީ ކަމާ ބެހޭ ފަރާތްތަކަށް އަންގައިފައި،" އޭނާ ވިދާޅުވިއެވެ.
މެހްމާނުން ވެސް ދެމަފިރިންގެ ގޭގައި ނިދައިފައި ތިބިއިރު ހިނގި ހާދިސާގައި ގޭގެ އެއްބައި ވެއްޓި، އަވަށްޓެރި ގެތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.

"ގޭގެ ފުރާޅު ވެސް ވެއްޓުނު. އެހާ ވެސް އެ ގޮވުން ބާރުގަދަ،" އޮފިޝަލަކު ބުންޏެވެ.
މީހުން ސަލާމަތްކުރާ ޓީމުތަކުން ވަނީ ގާފުނިތައް ދަށުން ޒަހަމްވި މީހުން އިއްޔެ ނެރެފައެވެ.
މި ހާދިސާގެ ސަބަބުން ޕާކިސްތާންގައި މިހާރު ވަނީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލް.ޕީ.ޖީ) ސިލިންޑަރުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ބަހުސެއް އުފެދިފައެވެ. ގުދުރަތީ ގޭހުގެ ޕްރެޝަރު ދަށްކަމުން ޕާކިސްތާންގައި އާއްމުކޮށް ބޭނުންކުރަނީ އެލް.ޕީ.ޖީއެވެ. މި ފަދަ ގޭސް ފުޅިތަކުން ގޭސް ލީކުވެ މީގެ ކުރިން ވެސް މީހުންގެ ފުރާނަ ގެއްލިފައިވާ ހާދިސާތައް ހިނގައިފައިވެއެވެ.



advertisment