ގިނަ އަދަދެއްގެ މުސްލިމުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ދެކޭ އައިސިސްއާ ދެކޮޅަށް އެމެރިކާއިން ސޫރިޔާގައި ފުޅާ ދާއިރާއެއްގައި ހަމަލާދޭން ފަށައިފިއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާގެ އެއް ޑިޕާޓްމަންޓް ކަމަށްވާ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)އިން ބުނީ އިއްޔެ ފެށި ހަމަލާތަކަކީ މި ދިޔަ މަހު އައިސިސްއިން ހަމަލާދީ އެމެރިކާގެ ދެ ސިފައިންނާއި ތަރުޖަމާކޮށްދޭ އާއްމު މީހަކު މަރައިލުމާ ގުޅިގެން ފެށި ހަމަލާތަކެއް ކަމަށެވެ.
މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވި ކަމެއް ނުވަތަ ޒަހަމްވި ކަމަކަށް ސެންޓްކޮމުން ހާމައެއް ނުކުރެއެވެ.
"މިއީ ޓެރަރިޒަމް ނައްތައިލައި، ކުރިމަގުގައި ހަމަލާ ނުދޭނެ ގޮތް ހަދައި އަދި އެމެރިކާ އާއި އެމެރިކާއާ ބައިވެރިވާ ފައުޖުތަކުގެ ރައްކާތެރިކަމަށް އޮޕަރޭޝަން ހޯކްއައި ސްޓްރައިކްގެ ނަމުގައި ހިންގާ އޮޕަރޭޝަންގެ ވެސް ބައެއް،" ސެންޓްކޮމުން ބުންޏެވެ.
"އަހަރެމެން މި ދޭ މެސެޖް ވަރުގަދަ: އަހަރެމެންގެ ސިފައިންނަށް ހަމަލާދޭނަމަ، އަހަރެމެން ތިޔަބައިމީހުން ހޯދައި، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިއްބަސް މަރައިލައިނަން. އެއީ އިންސާފާ ކުރިމަތިނުލާން ކިތައްމެ ވަރުގަދަކޮށް މަސައްކަތްކުރިޔަސްމެ،" ހަރުކަށިކޮށް އިބާރާތްކޮށްފައިވާ ބަޔާނެއްގައި ސެންޓްކޮމުން ބުންޏެވެ.
އެމެރިކާއާ ބައިވެރިވާ ގައުމުތަކާ ވެސް ގުޅިގެން ދިން ހަމަލާތަކަކީ މެދުއިރުމަތީގައި އައިސިސްގެ ބާރު ކަނޑުވައިލަން އެމެރިކާއިންކުރާ މަސައްކަތުގެ ފާހަގަކުރެވޭ ނިޝާނެކެވެ.



advertisment