Support Us

މި ހަފުތާގައި ސްނޯ ފައިބަނިކޮށް ނެދަލޭންޑްސްގެ ވެރިރަށް އަމްސްޓަޑަމްގެ ޝިފޮލް އެއާޕޯޓަށް ފްލައިޓެއް ޖައްސަނީ

ޔޫރަޕަށް އައި ނާދިރު ކުއްލި ފިނިމަޑުކަމެއްގައި 6 މަރު، އެތައް ހާސް ފްލައިޓް ކެންސަލް

ޔޫރަޕަށް މި ހަފުތާގައި ދުނިޔޭގެ އުތުރު ބިތުން އާކްޓިކް ސަރަހައްދުން އައި ނާދިރު ކުއްލި ފިނިމަޑުކަމެއްގައި މިހާތަނަށް ހަ މީހުން މަރުވެ، އެތައް ހާސް ފްލައިޓް ކެންސަލްކޮށްފިއެވެ.

ރަސްމީ އިދާރާތަކުން އިއްޔެ ބުނީ އެންމެ ފިނިގަދަވީ ފިންލޭންޑަށް ކަމަށެވެ. އެއީ މައިނަސް 33 ޑިގްރީ ސެލްސިއަސްއެވެ.

"ސްނޯ ފޭބުމާއި ފެންގަނޑުވުން މުޅި ޔޫރަޕްގައި ވަނީ ފެތުރިފައި،" މޫސުން ލަފާކުރާ އޮފިޝަލަކު ބުންޏެވެ.

ފްރާންސްގެ މޫސުން ލަފާކުރާ އޮފިޝަލަކު ބުނީ މި ފަހަރު މިހާ ފިނިގަދަވުން މިއީ ހަރީފު މޫސުމަކަށް ބެލިނަމަވެސް ނާދިރު ކަމެއް ކަމަށެވެ.

ފްރާންސްގެ އެއާޕޯޓެއް ސްނޯއިން ފުރިފައި

މޫސުމާ ބެހޭ ތަޖުރިބާކާރުން ބުނީ އާކްޓިކްގެ ގަދަ ފިނި މި ފަހަރު އެ ސަރަހައްދުން ދެކުނަށް މާ ބޭރަށް ފޯރީ ކަމަށާއި މިހެންވެ ހުޅަނގާއި މެދުތެރޭ ޔޫރަޕަށް ވެސް މި ފިނިމަޑުކަން ލައްވައިލީ ކަމަށެވެ.

މަރުވި ހަ މީހުންގެ ތެރެއިން ތިން މީހުން މަރުވީ ދުއްވާ އެއްޗެހީގެ އެކްސިޑެންޓްތަކުގައި ފްރާންސްގައެވެ. އެއް އަންހެނަކު މަރުވީ ބޮސްނިޔާ-ހާޒެގޮވީނާގައި ސްނޯ ފައިބައިފައިވާ ގޮފިގަނޑެއް އޭނާގެ ބޮލަށް ވެއްޓުމުންނެވެ.

އެތައް ހާސް ފްލައިޓް ކެންސަލްވުމުން ޔޫރަޕްގެ އެކި ސަހަރުތަކުގައި ހާހުން ހާހުން ފަސިންޖަރުން ވަނީ ތާށިވެފައެވެ.

ނެދަލޭންޑްސްގައި 2،500 އަށްވުރެ ގިނަ ފްލައިޓް ކެންސަލް ކުރިއިރު ފްރާންސްގައި 100 އަށްވުރެ ގިނަ ފްލައިޓް ކެންސަލް ކުރިއެވެ. ބެލްޖިއަމްގައި އެތައް ދޮޅަހެއްގެ ފްލައިޓް ކެންސަލް ކުރިއެވެ.

"އެއާޕޯޓްތަކުގެ ރަންވޭއިން ސްނޯ އާއި ގަނޑުފެން ސާފު ކުރަމުންދަނީ،" އޮފިޝަލަކު ބުންޏެވެ.

"އެއާޕޯޓްގައި ތާށިވެފައި ތިބޭތާ އެތައް ގަޑިއިރެއް ވެއްޖެ. ހުރިހާ ތަނެއްގައި އޮތީ ސްނޯ. ފުރޭނެ އިރެއް އެކަކަށް ވެސް ނޭނގޭ،" ނެދަލޭންޑްސްގެ ވެރިރަށް އަމްސްޓަޑަމްގެ ޝިފޮލް އެއާޕޯޓުގައި ތާށިވެފައިވާ ފަސިންޖަރަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *