Support Us

މެގްނިޗާޓާސް އެއާލައިންގެ ފްލައިޓެއް އަދި ޕައިލެޓް ކެޕްޓަން އެޑްގާ މެސިއަސް ގޮންޒާލެޒް ފަސިންޖަރުންނާ އިންޓަކަމްއިން ވާހަކަދައްކަނީ، ދެން ސަލާމަތީ ބާރުތަކުން އޭނާ ހައްޔަރުކޮށްގެން ގެންދަނީ (ވަކި ފޮޓޯތައް)

ޕައިލެޓަކު "މުޒާހަރާ"ކުރީ ކޮކްޕިޓް ތެރެއަށް ވަދެ ތަޅުލައިގެން ފްލައިޓް ނައްޓައިލުމާ ދެކޮޅުހަދައިގެން

މެކްސިކޯގެ އެތެރޭގެ އުދުހުމެއްގައި ޕައިލެޓަކު، އޭނާއަށް ފަސް މަހުގެ މުސާރަ ނުދޭ ކަމަށް ބުނެ، މަތިންދާބޯޓުގެ ކޮކްޕިޓް ތެރެއަށް ވަދެ ތަޅުލައިގެން، ފްލައިޓް އުދުއްސައިލުމާ ދެކޮޅުހަދާ "މުޒާހަރާ"ކުރި މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.

މި ހާދިސާ ހިނގީ ވެރިރަށް މެކްސިކޯ ސިޓީން ކަންކުން ސިޓީއަށް ދާން އޮތް މެގްނިޗާޓާސް ފްލައިޓް 780 ގައި މި ދިޔަ މަހު 19 ގައި ކަމަށް އޮފިޝަލުން ހާމަކުރިއެވެ.

މިއީ ވަޒީފާގެ ދާއިރާގައި ކުރި އާދަޔާހިލާފު "މުޒާހަރާ"އެއް ކަމަށާއި މި ކަމުގެ ސަބަބުން ސަލާމަތީ ކަންތައްތައް އެލާޓަށް ގެނެވުނު ކަމަށާއި މި މައްސަލައަކީ ފްލައިޓް ހައިޖެކް ކުރުމެއްކަމަށް ބެލެވިދާނެތޯ ތަހުގީގު ކުރަމުންދާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުންޏެވެ.

މެކްސިކޯ ސިޓީގެ މައި އެއާޕޯޓުން ނައްޓައިލަން އޮތް ފްލައިޓްގައި ޕައިލެޓެއް ކަމަށްވާ ކެޕްޓަން އެޑްގާ މެސިއަސް ގޮންޒާލެޒް ކޮކްޕިޓް ތެރެއަށް ވަދެ އެތެރޭގައި ތަޅުލައިގެން ހުރެ އިންޓަކަމް ބޭނުންކޮށްގެން ފަސިންޖަރުންނަށް އެންގީ ފްލައިޓް އޮޕަރޭޓްކުރާ ކުންފުނިން މުސާރަ ނުދެނީސް ފްލައިޓް ނައްޓައިނުލައިނެ ކަމަށެވެ.

"މިއީ ތިޔަ ފަސިންޖަރުންނަށް ރަނގަޅު ނޫން ކަމެއްކަން އަހަރެންނަށް އިހްސާސް ކުރެވޭ. ސަބަބަކީ މިއީ ތިޔަބައިމީހުންނަށް ހައްގު ގޮތެއް ނޫން،" އެޑްގާ ބުންޏެވެ.

ސެކިއުރިޓީން އައިސް ދެން ވަނީ އޭނާ ކޮކްޕިޓުން ނެރެ، ހައްޔަރުކޮށްގެން ގެންގޮސްފައެވެ. އަދި ހުރިހާ ފަސިންޖަރުން ވަނީ ފްލައިޓުން ބާލައިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކު ޒަހަމް ނުވާ ކަމަށް އޮފިޝަލުން ބުންޏެވެ.

ފަސިންޖަރުން ފަހުން ފްލައިޓަށް އަރުވައި، ފްލައިޓް ނައްޓައިލީ އެހެން ފަޅުވެރިންގެ ޓީމަކުންނެވެ.

އެޑްގާ މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އޭނާ ކޮކްޕިޓް ތެރޭގައި "މުޒާހަރާ"ކުރީ ފްލައިޓް ނައްޓައިލަން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ވަޒީފާއިން ވަކިކުރިކަން އެންގިތަނާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާއާ ބެހޭ ގޮތުން މެގްނިޗާޓާސްއިން ރަސްމީ ގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް މެގްނިޗާޓާސްއަކީ މާލީ މައްސަލަތަކާއި ފައިސާ ދިނުން ލަސްކަމުގެ ރެކޯޑެއް އޮތް އެއާލައިނެކެވެ.

އެޑްގާގެ "މުޒާހަރާ"ގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި ވަޒީފާގެ މައްސަލަތައް ހައްލުކުރާ ގޮތާއި ސަލާމަތީ އިޖުރާއަތްތަކާ ބެހޭ ބަހުސެއް ވަނީ އުފެދިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *