ފަލަސްތީންގެ ގައުމީ ދަރަނި ގައުމީ އުފެއްދުންތެރިކަމަށްވުރެ އިތުރުވެ، އިގުތިސާދު ނުރައްކާތެރި ފައްތަރަކަށް ވެއްޓިއްޖެ ކަމަށް ފަލަސްތީން އޮތޯރިޓީ (ޕީ.އޭ)އިން ބުނެފިއެވެ.
އާ ތަފާސްހިސާބުތަކުން ދެއްކީ ގައުމީ ދަރަނި ހުރީ 14.6 ބިލިއަން ޑޮލަރު (224.8 ބިލިއަން ރުފިޔާ)ގައި ކަމަށާއި ޣައްޒާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް 77 ޕަސެންޓް ފަހަނަޅާ ގޮސްފައިވާ ކަމަށެވެ.
ސަރުކާރުން ބުނީ މުސާރަ ދިނުމަށް ދަތިވެފައިވާ ކަމަށާއި އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ވެސް ހުރަސްތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެއީ އިސްރާއީލާ ދެމެދު ހަމަނުޖެހުންތައް ބޮޑުވެ، ގައުމުގެ އެތެރޭގައި މީހުން ދަތުރުކޮށް އުޅުމަށް އިސްރާއީލުން ހުރަސްތައް އަޅައިފައިވާތީ މާލީ ހާލަތު ދަށްވެފައިވާތީއެވެ.
"މިއީ ޕީ.އޭ އުފެއްދި ފަހުން ފަލަސްތީންގެ ހާލަތު އެންމެ އުނދަގޫ ވަގުތަކާ ކުރިމަތިލާން ޖެހުނު ފަހަރު،" އިގުތިސާދާ ބެހޭ ވަޒީރު މުހައްމަދުލްއަމޫރު ވިދާޅުވިއެވެ.
އިގުތިސާދު އަނދަވަޅަށް ވެއްޓުނީ ލިބެން ޖެހޭ ފައިސާ ނުދީ ބައެއް ފަރާތްތަކުން ހިފެހެއްޓުމުންނާއި އިގުތިސާދު ނެގެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ލިބުން މަދުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ވެއްޓިފައިވާއިރު، އިމާރާތް ކުރުމާއި ވިޔަފާރީގެ ދާއިރާގެ ހަރާކަތްތައް ވަރަށް ބޮޑަށް އަޑިއަޅައިލައިފައިވާކަމަށް އޮފިޝަލުން ބުންޏެވެ.
ފަލަސްތީނަށް މި ވަގުތު ކުރިމަތިވެފައިވާ އިގުތިސާދީ މައްސަލަތަކުގެ ސަބަބުން އަސާސީ ހިދުމަތްތައް ދިނުމަށް ހުރަސްއެޅިފައިވާއިރު މުއައްސަސާތަކުގެ ހިންގުން ހުއްޓިދާނެކަމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ އަވަސް ހައްލެއް ނުލިބި، އަދި އެ ހިދުމަތްތަކާއި މުއައްސަސާތައް ނެގެހެއްޓުމަށް އެހީ ނުލިބިއްޖެ ނަމައެވެ.



advertisment