Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ޤައުމުގެ ކުރިމަގަށްޓަކައި މި ދެ ރައީސުން ވެސް އެކުވާންޖެހެއެވެ!

ދެހާސް އަށާވީސް ވަނަ އަހަރުގެ ރިއާސީ ރޭހަށް ކުޅިބައި އަތުރަން ފަށައިފި އެވެ. ގައުމުގެ ތަރައްގީގެ ދެ ވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަ ގައިމުވެސް ވާދަކުރައްވާނެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ދެން އޮންނަ ރިއާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފައެވެ. މި އިންތިހާބުގައި ރައީސް މުއިއްޒަށް މައިގަނޑު ވާދައެއް ދެއްވާނެ ކަމަށް ފެންނަނީ ރައީސް ޔާމީނުގެ ޕާޓީ އާއި އެމްޑީޕީ އެވެ. ސުވާލަކީ ސީދާ ރައީސް ޔާމީނުގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެތޯ އެވެ؟ އަދި އެއަށް ވުރެ ބޮޑު ސުވާލަކީ އެމްޑީޕީގެ ފަރާތުން ނިކުންނާނީ ކޮން ކެންޑިޑޭޓެއްތޯ އެވެ؟ ރައީސް މުހައްމަދު ނަޝީދުތޯ އެވެ؟ ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުތޯ އެވެ؟ ނުވަތަ، ރައީސް ނަޝީދު ދާދި ފަހުން ހުށަހެޅުއްވި ގޮތަށް އިބޫ އާއި ނަޝީދު އެއްފަރާތްވެވަޑައިގެން، އެމްޑީޕީގެ ތެރެއިން އެހެން ކެންޑިޑޭޓަކަށް ފުރުސަތު ދޭނީތޯ އެވެ؟

މި ނަޒަރުން ބަލާއިރު ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް އެމްޑީޕީގެ ޓިކެޓް ބޭނުންފުޅު ކަމަށް ވަނީ އަޑު އަރައިފައެވެ. އެމްޑީޕީގެ ފިކުރުގެ ނޫހެއްގައި މި ޑިސެމްބަރު އަށް ވަނަ ދުވަހު ފައިސަލް ނަސީމާ ގުޅޭ ހަބަރެއް އޮތެވެ. އެއީ އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި، އެ މަޖިލީހުގެ ރައީސްއާ ފައިސަލް ބައްދަލު ކުރެއްވި ހަބަރެވެ. ވަކި ހާއްސަ މުނާސަބަތަކާ ގުޅުމެއް ނެތި ފައިސަލް ކުއްލިއަކަށް އިންޑޮނޭޝިއާ އަށް ވަޑައިގެން އެ ޤައުމުގެ މަޖިލީހުގެ ރައީސާ ބައްދަލު ކުރެއްވި ހަބަރު އެ ނޫހުގައި ޖެހުމަކީ ފައިސަލް ރިއާސީ ރޭހަށް ފައްކާ ކުރުމަށް ކޮންމެވެސް ބާރުގަދަ ބަޔަކު މަޑުމަޑުން ކެމްޕެއިން ފެށުމުގެ އަލާމާތެއް ކަމަށް ފެނެއެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް ނަޝީދާއި އިބޫއާ ދެމެދު ހިނގި ސިޔާސީ އަރައިރުންތަކަށް ފަހު މިދިޔަ ބުދަ ދުވަހު އެ ދެ ބޭފުޅުން ބައްދަލު ކުރައްވައި، ސަލާންގަލާން ކުރައްވައި 2028 ގެ އިންތިހާބަށް ގުޅިގެން މަސައްކަތް ކުރައްވަން ނިންމެވުމުން ފައިސަލް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެ އެކްސްގައި ޕޯސްޓެއް ލިއުއްވައިފައެވެ. ރާއްޖެއަށް ކުރިއެރުން ހޯދަން ރައީސް އިބޫ ސޯލިހާއި ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރެއްވުން ވަރަށް މުހިއްމު ކަމަށާއި، ގުޅިގެން މަސައްކަތް ކުރެއްވުމަށް އިބޫ އާއި ނަޝީދު ނިންމެވި ނިންމެވުމަށް މަރުހަބާ ވިދާޅުވާ ކަމަށް ފައިސަލް ލިއުއްވައިފައި ވެއެވެ. އިބޫ އާއި ނަޝީދު އެއްފަރާތްވެ، އެމްޑީޕީގެ ގުޅިފައިވާ ކެންޑިޑޭޓުގެ ޓިކެޓް ފައިސަލް ނަސީމަށް ލިބިވަޑައިގެންފާނެ ބާވައެވެ؟

ބުދަ ދުވަހު ރައީސް ނަޝީދާއި ރައީސް ސޯލިހު، އެމްޑީޕީގެ އޮފީގައި ބޭއްވެވި ބައްދަލު ކުރެއްވުމަށް ފަހު ދެ ބޭފުޅުން ވިދާޅުވީ އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރެއްވުމުގެ ބޭނުމުގައި، މާޒީގައި އެ ދެ ބޭފުޅުންގެ މެދުގައި ހިނގައިފައިވާ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށެވެ. އެ ބައްދަލުވުމަށް ފަހު ނަޝީދާއި އިބޫ ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތައް ހަރުދަނާކޮށް، ޕާޓީ ވަރުގަދަކޮށް، އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްތައް ވެސް ދެބޭފުޅުން އެކުގައި ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ނަޝީދާއި އިބޫ ވެސް މީގެ ކުރިން ވަނީ 2028ގެ ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެކަމަކު، ނަޝީދުގެ ވިސްނުންފުޅަކީ އެ މަނިކުފާނާއި އިބޫ ވެސް 2028ގެ ރިޔާސީ އިންތިހާބަށް ކުރިމަތިނުލައްވައި އެހެން ބޭފުޅަކު އެމްޑީޕީން ދެއްކުމެވެ. ނަޝީދުގެ މި ހިޔާލާ މެދު ދެކެވަޑަގަންނަވާ ގޮތަކީ ކޮބައިތޯ ނޫސްވެރިން ސުވާލު ދެންނެވުމުން ރައީސް އިބޫ އާއި ރައީސް ނަޝީދު ވެސް މިހާރު ވިދާޅުވަނީ ގައުމުގެ މުސްތަގުބަލާ ގުޅޭ ގޮތުން ބުދަ ދުވަހުގެ ބައްދަލުވުމުގައި ދެބޭފުޅުން ވެސް މަޝްވަރާކުރެއްވި ކަމަށާއި، އެ މަޝްވަރާތަކަށް ފަހު ނިންމެވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓަކާ ގުޅޭ ވާހަކަތައް "މިވަގުތަށް ނުދެއްކުމަށް" ކަމަށެވެ.

ނަމަވެސް ކުރީގެ ދެ ރައީސުން ވެސް އެއް ކަމަކަށް އެއްބަސްވިއެވެ: މިވަގުތު ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ކަމަށް، އެ ދެ ބޭފުޅުން ވިދާޅުވާ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ރައީސް ޔާމީންގެ ހިއްސާއާ އެކުގައި އެމްޑީޕީން މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ. މިއީ ކުރީގެ ތިން ރައީސުން ގުޅިގެން 2028 އަށް އެއް ކެންޑިޑޭޓަކު ނެރުމުގެ ހިޔާލް ކަމަށް ވެސް ވެދާނެއެވެ. ރައީސް ނަޝީދާއި ރައީސް މައުމޫން ގުޅިވަޑައިގެން 2018ގައި ރައީސް ޔާމީނާ ދެކޮޅަށް ކޯލިޝަން ހެއްދެވި ގޮތަށެވެ. ސުވާލަކީ އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި، ވަރަށް ގިނައިން ފާޑު ވިދާޅުވެފައިވާ ރައީސް ޔާމީން، ނަޝީދާއި އިބޫއާ ގުޅިވަޑައިގެން ސިޔާސީ ގޮތުން މަސައްކަތް ކުރައްވަފާނެތޯއެވެ؟

ރައީސް ޔާމީނަކީ ކޮންޒަވެޓިވް ފިކުރުގެ ސިޔާސީ ވެރިއެކެވެ. ޤައުމީ، ވަތަނީ، ދީނީ ކަންކަމަށް އިހްތިރާމް ކުރައްވާ ބޭފުޅެކެވެ. އެމްޑީޕީ އާއި ނަޝީދަކީ އަބަދުވެސް އިނގިރޭސީންނާއި އިންޑިއާ އަށް ޤައުމު އަޅުދާސްތުކުރަން މަސައްކަތް ކުރައްވާ، ދީނީ ކަންކަމަށް ފާޑު ވިދާޅުވާ، ސެކިއުލަރ ފިކުރުގެ ބައެކެވެ. ރައީސް ޔާމީނާއި ރައީސް މުއިއްޒާ ދެމެދު ހުރި ހިޔާލް ތަފާތުވުންތައް ކިތަންމެ ގިނަޔަސް، މި ދެ ބޭފުޅުންގެ ސިޔާސީ ފަލްސަފާ ވަރަށް އެއްގޮތެވެ. އެއީ ޤައުމީ، ވަތަނީ، ދީނީ ފަލްސަފާއެކެވެ. އެފަދަ ފަލްސަފާގެ ވެރިކަމެއް ބަދަލުކުރަން، އެމްޑީޕީ ފަދަ ސެކިއުލަރ ފަލްސަފާގެ ޕާޓީއަކާއެކު ރައީސް ޔާމީން ނިކުވެވަޑައިގަތުން ވެގެން ދާނީ ރައީސް ޔާމީނުގެ ސިޔާސީ ލެގަސީ އަށް ލިބޭނެ ވަރަށް ބޮޑު ފަނޑު ކަމަކަށެވެ.

ރައީސް މައުމޫނުގެ ސިޔާސީ ލެގަސީ އަށް ވެސް އެޅުނު އެންމެ ބޮޑު ހިޔަންޏަކީ އޭރު އެމްޑީޕީއާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމެވެ. އެމްޑީޕީ ހަރުގެއިން "ތިޔައީ ޒައީމޭ ޤައުމު ފަހުރުވެރިވާ،"ގެ އަޑު ގުގުމައިގެން ދިޔައީ ރައީސް ޔާމީނާ ދެކޮޅަށް މައުމޫނާއި ނަޝީދު ގުޅިވަޑައިގެން ކުރެއްވި މަސައްކަތުގެ ތެރެއިންނެވެ. ރައީސް ޔާމީނަށް މިވަރުގެ ބޮޑު ސިޔާސީ ގެއްލުމެއް ދިން ޕާޓީއަކާ އެކު، އަދި މިވަރުގެ ގެއްލުމެއް ދިން ސިޔާސީ ވާދަވެރިންނާއި ޔާމީން ގުޅިވަޑައިގެން، އަދި އަމުދުން ރައީސް ޔާމީންގެ ސިޔާސީ ފަލްސަފާއާ ދެކޮޅު ބަޔަކާ އެކު އެމަނިކުފާނު މަސައްކަތް ކުރައްވަފާނެ ބާވައެވެ؟

"މިހާރު ގައުމު މިއޮތް ހާލަތުން ކުރަންޖެހޭ ބައިވަރު މަސައްކަތް އެބަހުރި. އެހެންވީމަ، އެ ކަންތައްތައް ކުރުމުގައި ރައީސް ޔާމީންގެ ހިއްސާއެއް މީގެ ތެރެއަށް އައުމަކީ އަޅުގަނޑުމެން އެދޭ ކަމެއް" ކަމަށް އިބޫ އާއި ނަޝީދު ވިޑާޅުވިއެވެ. ޔާމީނާ އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދާއި އިބޫ ވިދާޅުވިއިރު، ޔާމީނާ ވާދަކޮށް 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރީ ޔާމީނަށް ސީރިއަސް އެތައް ތުހުމަތުތަކެއް ކޮށްފަ އެވެ. ރައީސް އިބޫގެ ވެރިކަމުގައި ވަނީ ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް 2022 ވަނަ އަހަރު އިއްވައިފަ އެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އިބޫއަށް ނާކާމިޔާބުވުމާ އެކު، ސިއްހީ ސަބަބުތަކަށްޓަކާ ކަމަށް ބުނެ، ޖަލުގައި ހުންނެވި ޔާމީން ގެއަށް ބަދަލުކުރެއްވި އެވެ. އަދި އޭގެ ފަހުން ރައީސް މުއިއްޒުގެ ވެރިކަމުގައި، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަމުރު ކުރުމާ އެކު ޔާމީން ވަނީ މިނިވަންވެފަ އެވެ.

ރައީސް ޔާމީނާ އެކު އެމްޑީޕީން މަސައްކަތް ކުރަން ބޭނުންވާއިރު، ޔާމީން މި ފަހުން ވެސް ގެންދަވަނީ އެމްޑީޕީގެ އެކި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ސަޕޯޓަރުންނާ އެކު އަމިއްލަ ގެކޮޅުގައި ސިލްސިލާކޮށް ބާއްވަވަމުން ގެންދަވާ "ފްރޮންޓް އޮފީސް" ޖަލްސާތަކުގައި ޔާމީން ވިދާޅުވަމުން ގެންދަވަނީ އިގްތިސާދީ ގޮތުން ރާއްޖެ މިއޮތް ހާލަތަށް ވައްޓާލުމުގެ ޒިންމާ އެމްޑީޕީން ނަގަންޖެހޭ ކަމަށެވެ. އެމްޑީޕީއަކީ އުސޫލުތައް ހިފަހައްޓާ ޕާޓީއެއް ކަމަށް ދައްކަން ގިނަ ވާހަކަތަކެއް ދައްކައިގެން ވެރިކަމަށް އާދެވުނު ދެ ފަހަރު ވެސް ޝަރުއީ ނިޒާމަށް އަތްބާނައިގެން އެންމެ ހުދުމުހުތާރުކޮށް ރާއްޖޭގައި ވެރިކަން ކުރި ޕާޓީއަކީ ވެސް އެމްޑީޕީ ކަމަށް ޔާމީން ވިދާޅުވެފައިވެ އެވެ.

އެމްޑީޕީ އަކީ އަބަދުވެސް ވެރިކަން ހޯދުމަށް އެހެން މީހުންގެ ބޭނުން ހިފައި، ވެރިކަން ލިބުމުން އެމްޑީޕީގެ ސެކިއުލަރ ފިކުރު ކުރިއަށް ނެރެ، ޤައުމިއްޔަތު ބިދޭސީންނަށް ވިއްކާ ޕާޓީއެކެވެ. އެފަދަ ބަޔަކާ ރައީސް ޔާމީން ގުޅިވަޑައިގަތުމަކީ މި ދިވެހި ޤައުމުގެ ހާލުގެ ދުލުން އެކަމަށް އިންކާރު ކުރާނެ ކަމެކެވެ.

ރައީސް މުއިއްޒާއި ރައީސް ޔާމީނާ ދެމެދު އުފެދިފައިވާ ހިޔާލްތަފާތުވުންތަކުގެ ފައިދާ ނަގައިގެން، ރައީސް ޔާމީންގެ އިސްތަށިފުޅަށް ޗިޕު ޖަހައިގެން، އެމްޑީޕީ އަށް ވެރިކަން ހޯއްދަވައިދެއްވަން ޔާމީނު ކުރީ ސަފަށް ނެރުމަކީ އެމްޑީޕީން އެދޭ ގޮތެވެ. ނަމަވެސް މި ޤައުމު ދެކެ ލޯބިވާ، ވަތަނީ، ދީނީ މީހުން ހިތާހިތުން ކިޔާލަކިޔާލާ ތިބީ، ރައީސް ނަޝީދާއި ރައީސް ސޯލިހު ގުޅިވަޑައިގަތް ގޮތަށް ރައީސް މުއިއްޒާއި ރައީސް ޔާމީނުވެސް ގުޅިވަޑައިގަންނަވާނެ ނަމައޭ އެވެ. ޤައުމުގެ ކުރިމަގު ކަނޑައަޅަން 2028 ގައި ލިބޭ މުހިއްމު ފުރުސަތުގައި އެމްޑީޕީގެ ސެކިއުލަރ ފިކުރަށް ނަސްރު ދެއްވަން ޔާމީނު ނިކުމެވަޑައިގަތުމުގެ ކުރިން ރައީސް ޔާމީނާއި ރައީސް މުއިއްޒު ގުޅިވަޑައިގެންނެވޭނެ ގޮތެއް ހޯދޭނެ ނަމަ ކިތައްމެހާ ވެސް ރަނގަޅެވެ. އިބޫގެ ސިޔާސީ އޮޑި ފައްތާލެއްވި ނަޝީދާއި އިބޫ އެއް މޭޒެއްގެ ދޮށަށް ވަޑައިގެންނެވުނު ގޮތަށް، ރައީސް މުއިއްޒާއި ރައީސް ޔާމިނަށް ވެސް އެއް މޭޒެއްގެ ދޮށަށް ވަޑައިނުގެންނެވެންވީ ސަބަބެއް ނެތެވެ. އެ ހައްލު ހޯދަން ދެ ފަރާތުންވެސް ކޮންމެވެސް ވަރެއްގެ ދުލެއް ދޭންޖެހެއެވެ. ދިވެހި ޤައުމުގެ ކުރިމަގަށް ޓަކައި މި ދެ ރައީސުން ވެސް އެކުވާންޖެހެއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
41

One Response

  1. ތީ ވަރައް ނާދިރު ކަމެއް ޔާމީން އެއީ ވަރަށް ގޮތްދޫނުކުރާ މީހެއް. ގުޅިދާނެ އެމްޑީޕީޔާ .

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *