Support Us

އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަހްމަންޔަމް ޖައިޝަންކަރު (ވ)، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސިޓީ، ސްރީ ލަންކާގެ ރައީސް އަނުރަ ކުމަރަ ޑިސަނަޔަކައަށް އަރުއްވަނީ

ލަންކާ އާރާސްތު ކުރުމަށް އިންޑިއާއިން 450 މިލިއަން ޑޮލަރު

ސްރީ ލަންކާއަށް ދާދި ފަހުން އެރި ތޫފާން "ދީތުވާ"އިން ލިބުނު ގެއްލުންތަކުން ގައުމު އާރާސްތު ކުރުމަށް 450 މިލިއަން ޑޮލަރު (6.9 ބިލިއަން ރުފިޔާ) ދޭން އިންޑިއާއިން ނިންމައިފިއެވެ.

ގާތްގަނޑަކަށް 640 އަށްވުރެ ގިނަ މީހުން މަރުވެ، ހަތަރު ބިލިއަން ޑޮލަރު (61.8 ބިލިއަން ރުފިޔާ)އެއްހާ ގެއްލުން ލިބުނު ދީތުވާގެ ގެއްލުންތަކުން ސަލާމަތްވުމަށް އެހީ ދޭކަން އިންޑިއާއިން އިއުލާންކުރީ މިއަދުއެވެ. އެއީ އިއްޔެ ލަންކާއަށް އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަހްމަންޔަމް ޖައިޝަންކަރު ފެއްޓެވި ދެ ދުވަހުގެ ޒިޔާރަތެއްގައެވެ.

ވޯލްޑް ބޭންކުން ބުނެފައިވަނީ ގާތްގަނޑަކަށް ދެ މިލިއަން ރައްޔިތުންނަށް ލިބުނު ގެއްލުމަކީ ގައުމީ އުފެއްދުންތެރިކަން ނުވަތަ "ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް" (ޖީ.ޑީ.ޕީ)ގެ ހަތަރު ޕަސެންޓް ވަރުގެ މާލީ ގެއްލުމެއް ކަމަށެވެ.

ލަންކާގެ ރައީސް އަނުރަ ކުމަރަ ޑިސަނަޔަކަ ވިދާޅުވެފައިވަނީ ދީތުވާއަކީ ތާރީހުގައި ވެސް ގައުމަށް ކުރިމަތިވި އެންމެ ގޮންޖެހުން ބޮޑު ގުދުރަތީ ކާރިސާ ކަމަށެވެ.

ތޫފާން "ދީތުވާ"ގައި ސްރީ ލަންކާގައި ހަލާކުވި ތަނެއް ބަޔަކު އަލުން ހަދަނީ

އެހީ ދިނުމާ ގުޅޭ ގޮތުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސިޓީއެއް ޖައިޝަންކަރު ވަނީ ޑިސަނަޔަކައަށް އަރުއްވައިފައެވެ.

ސިޓީގައި މޯދީ ވިދާޅުވެފައިވަނީ 350 މިލިއަން ޑޮލަރު (5.4 ބިލިއަން ރުފިޔާ) ދެއްވަނީ "ކޮންސެޝަނަލް ލޯން" (ފަސޭހަ ގޮތަކަށް އަނބުރާ ދައްކާ ލޯން)ގެ ގޮތުގައި ކަމަށްވާއިރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ދެއްވަނީ "ގްރާންޓްސް" (ހިލޭ އެހީ)ގެ ގޮތުގައި ކަމަށެވެ.

މީޑިއާއާ ބައްދަލުކުރައްވަމުން ޖައިޝަންކަރު ވަނީ، ލަންކާއަށް އިންޑިއާއިން ކުރިން ދިން ބައެއް އެހީތައް ފާހަގަ ކުރައްވައިފައެވެ. އޭގެ ތެރޭގައި 1،100 ޓަނުގެ ސާމާނު ހިމެނެއެވެ.

"ލިބިފައިވާ ގެއްލުމުގެ ބޮޑު ކަމަށް ބަލާއިރު، ގައުމުގައި އެކަހެރިވި މީހުންނާއި ތަންތަން އަލުން ގުޅުވައިދިނުމަކީ ފުރަތަމައިން ވެސް ކުރަން ޖެހިފައިވާ ކަމެއްކަން ސާފުވި،" ޖައިޝަންކަރު ވިދާޅުވިއެވެ.

އިންޑިއާއިން ޓޫރިސްޓުން ލަންކާއަށް ޒިޔާރަތް ކުރުން އިތުރު ކުރުމަށް ހިތްވަރުދިނުމާއި ލަންކާގެ އިގުތިސާދުގައި އިންޑިއާއިން އިންވެސްޓް ކުރުމަކީ ވެސް، ލަންކާއަށް މިހާތަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިގުތިސާދީ މައްސަލަ ހައްލު ކުރުމަށް އެހީވެވޭނެ ގޮތްތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް