އިންޑިއާގެ ވެރިރަށް ދިއްލީގެ ބައިނަލްއަގުވާމީ އިންދިރާ ގާނދީ އިންޓަނޭޝަނަލް އެއާޕޯޓްގައި ސްޕައިސްޖެޓް އެއާލައިންގެ ފަސިންޖަރަކަށް ހަމަލާދިން އެއާ އިންޑިއާ އެކްސްޕްރެސްގެ ޕައިލެޓެއް މަގާމުން ސަސްޕެންޑްކޮށްފިއެވެ.
އެކްސްގައި ހިއްސާކޮށްފައިވާ ފޮޓޯއަކާއެކު ފަސިންޖަރު އަންކިޓް ދެވަން ބުނެފައިވަނީ އޭނާއަށް ކެޕްޓަން ވިރެންދަރު ސެޖްވަލް ހަމަލާދިނީ މުވައްޒަފުން ޗެކުކުރާ ސެކިއުރިޓީ ސަފުގައި ހުއްޓައި ކަމަށެވެ.
މޫނުގެ ވައަތްފަޅިން އެތައް ތަނެއް ކަނޑައިގެން ގޮސް ލޭ އަންނަމުންދިޔަ ފޮޓޯ ހިއްސާކުރަމުން އަންކިޓް ބުނީ ޕައިލެޓުންނާއި އެހެނިހެން މުވައްޒަފުން ބޭނުންކުރާ ސެކިއުރިޓީ ކިއުއަށް ވަނުމަށް ރަސްމީ ފަރާތްތަކުން އަންކިޓަށް ހުއްދަ ދިނީ އަންކިޓުގެ އުމުރުން އެންމެ ހަތަރު މަހުގެ ދަރިފުޅާއެކު ހުރުމުން އަންކިޓުގެ އާއިލާއަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ.
ކިއޫގައި ވިރެންދަރު ހުރި ކަމަށްވަނީ އޭނާގެ ޑިއުޓީ ނޫން ގަޑީގައެވެ.
އަންކިޓް ބުނީ ވިރެންދަރު ފަދައިން އެހެން މުވައްޒަފުން ވެސް ކިއު ފަޅައިލައިފައި އަންކިޓާއި އަންކިޓުގެ އަނބިމީހާ އާއި ދެ ދަރިންގެ ކުރިމައްޗަށް އަރަމުންދިޔަ ކަމަށެވެ. އަދި އެ ސްޓާފުން އަންކިޓާ ޒުވާބުކުރި ނަމަވެސް ހަމަލާދިނީ ހަމައެކަނި ވިރެންދަރު ކަމަށެވެ.
"ވިރެންދަރު އަހަރެންނާ ދިމާއަށް ބުނި ތިޔައީ ބޯޑުތަކުގައި ލިޔެފައިވާ މައުލޫމާތު ކިޔަން ނޭނގޭ، ތައުލީމެއް ނެތް މީހެއްހޭ،" އަންކިޓް ބުނެފައިވެއެވެ.
"މި ހާދިސާ ރިޕޯޓް ނުކުރުމަށް ވެސް އަހަރެންނަށް ބާރުއެޅި،" އޭނާ އިތުރަށް ބުނެފައިވެއެވެ.
އެއާ އިންޑިއާ އެކްސްޕްރެސްއިން އިއްޔެ ބުނީ ވިރެންދަރު ސަސްޕެންޑްކޮށްފި ކަމަށެވެ.
އިންޑިއާގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން މިހާރު ވަނީ މި މައްސަލަ ރަސްމީކޮށް ތަހުގީގު ކުރަން އަމުރުކޮށްފައެވެ.



advertisment