Support Us

އިމްރާން ހާނާއި އަނބިކަނބަލުން ބުޝްރާ ބީބީ

އިމްރާން ހާނަށް އިތުރު 17 އަހަރުގެ ޖަލު ހުކުމެއް

ޖަލަށް ލައިފައިވާ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންއަށް އިތުރު 17 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފިއެވެ. މި ހުކުމް ތަންފީޒުކުރަން ހަމަޖެއްސީ 2023 ގެ އޮގަސްޓް ފަހުން އޭނާގެ މައްޗަށް މަތިމައްޗަށް އިއްވައިފައިވާ ހުރިހާ ހުކުމެއްގެ މުއްދަތު ކަމަށްވާ 14 އަހަރުގެ ޖަލު ހުކުމްތައް ނިމޭ ހިސާބުން ފެށިގެންނެވެ. އެހެންކަމުން މުޅިއަކު 31 އަހަރު އޭނާ ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

ކްރިކެޓް ދުނިޔެއިން ސިޔާސީ ދާއިރާއަށް ވެންނެވި އިމްރާނާ އެކުއެކީ އޭނާގެ ތިންވަނަ އަނބިކަނބަލުން ބުޝްރާ ބާބީއަށް ވެސް މިއަދު 17 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ދެކަނބަލުންގެ މައްޗަށް ހުކުމް އިއްވީ ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ރަސްމީ ދަތުރުތަކުގައި އިމްރާނަށް ހަދިޔާ ކުރެއްވި އަގުބޮޑު ގަޑިތަކެއް ދައުލަތުގެ ހަޒާނާއިން ނުއަގުގައި އިމްރާނާއި ބުޝްރާ ބައްލަވައިގަތުމުގެ ކުށުގައެވެ.

މި ކޮރަޕްޝަން ކޭސްއަކީ "ނާއިންސާފުން ކުރި ދައުވާއެއް" ކަމަށް، އިމްރާންގެ ގާނޫނީ ޓީމުން ބުންޏެވެ.

"ކޯޓުން ހުކުމް އިއްވީ އިމްރާންގެ ދިފާއުގައި އެއްވެސް ވާހަކައެއް ދެއްކެވުމަށް ފުރުސަތު ނުދީ. އަދި ބޮޑެތި ޖޫރިމަނާތައް ވެސް ކުރި،" އިމްރާންގެ ގާނޫނީ ވަކީލު ރާނާ މުދައްސަރު އުމަރު ބުންޏެވެ.

ޖަލަށް ލައިފައިވާ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ދޫކޮށްލުމަށް ގޮވައިލައި އޭނާގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީ.ޓީ.އައި) ޕާޓީގެ ސަޕޯޓަރުން ވެރިރަށް އިސްލާމްއާބާދުގައި މި މަހު ދެވަނަ ދުވަހު މުޒާހަރާކުރަނީ

"އިންސާފުގެ އެންމެ އަސާސީ އުސޫލުތަކަށް ވެސް ބެލުމެއް ނެތި އިއްވި ހުކުމެއް މިއީ،" އިމްރާންގެ ތަރުޖަމާނު ޒުލްފީ ބުހާރީ ބުންޏެވެ.

އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފު (ޕީ.ޓީ.އައި) ޕާޓީން ބުނީ ކޯޓުގެ ނިންމުމާ ދެކޮޅުހެދުމުގެ ގޮތުން މާދަމާ މުޒާހަރާ ބާއްވާނެ ކަމަށެވެ.

އިމްރާން ޖަލަށް ލައިފައިވަނީ ކޮރަޕްޝަނާއި ދައުލަތުގެ ސިއްރުތައް ހާމަކުރުމުގެ ކުށުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް