ފްރާންސްގައި 12 ބަލިމީހަކު ވިހަކޮށްލައިގެން މަރައިލިކަމުގެ ކުށުގައި ހޭނައްތާ ޑޮކްޓަރަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.
އުމުރުން 53 އަހަރުގެ ފްރެޑަރިކް ޕެޝިއާ (ފޮޓޯ) ވަނީ އިތުރު 18 މީހަކަށް ވެސް ސިއްރުން ޕޮޓޭސިއަމް ކްލޮރައިޑް ފަދަ މާއްދާތައް އިންޖެކްޓްކޮށް ވިހަކޮށްލައިފައެވެ. އެއީ އެ ބަލިމީހުންނަށް ގުޅައިފައިވާ އައި.ވީ އާއި ލޭ ފަދަ ތަކެތީގެ ފުޅިއަށް ނުވަތަ ކޮތަޅަށް ވިހަ މާއްދާތައް އިންޖެކްޓް ކޮށްގެންނެވެ.
ގައުމުގައި ހިންގި އެންމެ ސީރިއަސް އެއް ސިއްހީ ޖަރީމާގައި ފްރެޑަރިކަށް ހުކުރު ދުވަހު ހުކުމްކުރީ ހަތަރު މަހުގެ ޝަރީއަތެއް ހިންގައިފައެވެ.
ފްރެޑަރިކާ ބެހޭ ތަހުގީގުތަކުން އެނގުނީ އޭނާ މަސައްކަތްކުރި ކްލިނިކްތަކުގައި އާދަޔާހިލާފަށް ގިނަ އަދަދަކަށް ބަލިމީހުންނަށް ގޮތްނޭނގޭ ހިތުގެ ކުއްލި ހާލަތްތައް ކުރިމަތިވެފައިވާ ކަމެވެ.
"(ފްރެޑަރިކް) ޕެޝިއާއަކީ 'މަރުގެ ޑޮކްޓަރެއް'. މީހުން ވިހަކޮށްލި މީހެއް. މީހުން މެރި މީހެއް،" ދައުލަތުގެ ވަކީލު ބުންޏެވެ.
ފްރެޑަރިކް އެ ކަމާ ދެކޮޅުހެދިއެވެ.
"އަހަރެންނަކީ މީހުން ވިހަކޮށްލި މީހެއް ނޫން،" އޭނާ ބުންޏެވެ.
ފްރެޑަރިކް ވިހަކޮށްލި މީހުންގެ މައްސަލަތަކުގައި އޭނާ ފަހުން ހެދިގެން އުޅުނީ ވިހަކޮށްލި މީހުން ސަލާމަތްކުރަން އުޅުނު ޑޮކްޓަރެއްގެ ގޮތުގައެވެ. އެ ގޮތުން މަރައިލި 12 މީހުން ވެސް ސަލާމަތްކުރަން އުޅުނު ކަމަށް ހެދުނެވެ. އެއީ އެހެން މީހުންގެ ކުރިމަތީގައި "ބަތަލަ"ކަށް ހެދެންވެގެންނެވެ.
ފްރެޑަރިކަށް ހުކުމް ކުރުމުން، ސަލާމަތްވި މީހުން ބުނީ މިހާރު ތަސައްލީއެއް ލިބިއްޖެ ކަމަށެވެ.
"މި ހުކުމަކީ ބިރުވެރި ހުވަފެނަކުން ހޭލެވުނު ކަހަލަ ކަމެއް،" ފްރެޑަރިކްގެ ޝިކާރައަކަށް ކިރިޔާނުވި ސޭންޑްރާ ސިމާޑް ބުންޏެވެ.



advertisment