Support Us

އަންގް ސަން ސޫ ކީ (ކ) އަދި ދަރިފުޅު ކިމް އަރިސް

ސޫ ކީ ވަނީ ޖަލުގައި މަރުވެފައި ކަމަށް ބެލެވޭ: ދަރިފުޅު

މިޔަންމާގައި 2016 އިން 2021 އަށް ރައީސްގެ ދަށުން ބޮޑުވަޒީރު ފެންވަރުގައި ސްޓޭޓް ކައުންސެލަރުކަން ކުރި ޑިމޮކްރެސީ ލީޑަރު އަންގް ސަން ސޫ ކީ ވަނީ ޖަލުގައި މަރުވެފައި ކަމަށް ބެލެވޭ ކަމަށް ފިރިހެން ދަރިފުޅު ކިމް އަރިސް ބުނެފިއެވެ.

"މަންމަގެ ހަބަރެއް ނުވާތާ ދެ އަހަރުވެއްޖެ،" ސޫ ކީ ދިރިހުރިކަން ކަށަވަރުކޮށްދިނުމަށް، މިޔަންމާގެ ވެރިކަމުގައި ތިބި އަސްކަރީ ވެރިންނަށް މަޖުބޫރު ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ބާރު އެޅުމަށް ޖަޕާނަށް ގޮސް ހުރެ ކިމް ބުންޏެވެ.

ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ހުންނަ މިޔަންމާގެ އެމްބަސީ ކައިރީގައި ބޭއްވި މުޒާހަރާއެއްގައި ކިމް ބުނީ އުމުރުން 80 އަހަރުގެ މަންމައަށް ވީނުވީ ގޮތެއް ނޭނގޭ ކަމަށެވެ.

"އާއިލާއަށާއި ގާނޫނީ ވަކީލުންނަށް ވެސް މަންމައާ ބައްދަލުނުކުރެވޭތާ ދެ އަހަރު. މަންމަގެ ސިއްހަތާ ބެހޭ ގޮތުން ވަރަށް ކުޑަ މައުލޫމާތުކޮޅެއް ލިބެމުން ދަނީ،" ކިމް ބުންޏެވެ.

"މަންމަގެ ސިއްހީ މައްސަލަތަކެއް ހުރި،" އޭނާ އިތުރަށް ބުންޏެވެ.

ސޫ ކީގެ ވެރިކަން ވައްޓައިލި އަސްކަރީ ވެރިން ބުނަނީ ސޫ ކީ ދިރިހުރި ކަމަށާއި "ސިއްހަތު ރަނގަޅު" ކަމަށެވެ. ނަމަވެސް އެ ކަމުގެ އެއްވެސް ހެއްކެއް ދައްކައިފައެއް ނުވެއެވެ.

ނޮބެލް ސުލްހައިގެ އިނާމު ލިބިފައިވީ ނަމަވެސް މިޔަންމާގެ އަޣްލަބިއްޔަތެއް ނެތް ރޮހިންގްޔާ މުސްލިމް މީހުންގެ ނަސްލު ނައްތައިލަން ސޫ ކީގެ ވެރިކަމުގައި އަސްކަރިއްޔާއިން ކުރި މަސައްކަތަކީ ނުވާ ކަމެއް ކަމަށް ހެދުމުން ސޫ ކީގެ އަގު ދުނިޔޭގައި ވެއްޓުނެވެ. ނަމަވެސް ނޮބެލް ކޮމިޓީން އިނާމު އަނބުރާ އަތެއް ނުލައެވެ. ބުނީ ދޭ އެއްވެސް އިނާމެއް، ދޭ ފަހުން ކުރާ ކަމަކާ ހުރެ އަތުލުމަކީ ކޮމިޓީގެ އުސޫލެއް ނޫން ކަމަށެވެ.

މި މަހާއި އަންނަ މަހު ބާއްވާ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ސޫ ކީގެ ހަބަރެއް ނުލިބޭތީ ބައިނަލްއަގުވާމީ ފަރާތްތަކުން ބުނީ އިންތިހާބަކީ ޑިމޮކްރެސީގެ ބަދަލުގައި އަސްކަރީ ވެރިކަން ދެމެހެއްޓުމަށް ރައްޔިތުންނާއި ދުނިޔޭގެ ލޮލުގައި އަޅުވާ އަނދުނެއް ކަމަށެވެ. އިންތިހާބު ކައިރިވަމުން ދާއިރު އިދިކޮޅު ގިނަ ސިޔާސީ ޕާޓީތައް ވަނީ މަނާކޮށްފައި ނުވަތަ އެ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް