އާ އަހަރުން ފެށިގެން ފަލަސްތީން އަދި ސޫރިޔާ ރައްޔިތުން އެމެރިކާއަށް ވަނުން ރައީސް ޑޮނަލްޑް ޓްރަމްޕް މަނާ ކުރައްވައިފިއެވެ.
އެމެރިކާއަށް ވަނުން އެއްކޮށް މަނާ ކުރާ އަދި ކޮންމެވެސް ދޫދިނުމަކާއެކު ވަދެވޭ ގޮތަށް ތައްޔާރުކުރައްވައިފައިވާ ލިސްޓަށް މި ފަހަރު މަދުވެގެން 20 ގައުމު ވަނީ އިތުރުކުރައްވައިފައެވެ. މިހެންވެ، މިއީ އެ ލިސްޓުގެ އަދަދު ދެގުނައަށް އިތުރުކުރެއްވުމެކެވެ.
ފަލަސްތީން އޮތޯރިޓީ (ޕީ.އޭ)އިން ދޭ ދަތުރުކުރުމާ ބެހޭ ލިޔެކިޔުމާއި ސޫރިޔާ ރައްޔިތުން އެމެރިކާއަށް ވަނުން ޓްރަމްޕް (ފޮޓޯ) މަނާކުރެއްވީ ގައުމީ ސަލާމަތްތެރިކަން ކަށަވަރު ކުރެއްވުމަށް ކަމަށް ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުންޏެވެ.
”މި ގައުމުތަކުން އެމެރިކާއަށް ވަންނަ މީހުންނާ ބެހޭ ރަނގަޅު މައުލޫމާތު ހޯދޭނެ ގޮތެއް މި ވަގުތު ނެތުމާއި ޓެރަރިޒަމްގެ ނުރައްކާ އޮތުމުން ރައީސް ޓްރަމްޕަށް މި ފިޔަވަޅު އަޅުއްވަން މަޖުބޫރުވެވަޑައިގަތީ،" ވައިޓް ހައުސްގެ އޮފިޝަލަކު ބުންޏެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނީ މިއީ ތައައްސުބުން ފުރިފައިވާ ސިޔާސަތެއް ކަމަށާއި މި ފިޔަވަޅުތައް ނުހައްގުން އަމާޒުވަނީ ޓެރަރިޒަމްގެ ބަދަލުގައި ލިސްޓްގައި ޓްރަމްޕް ހިމެނުއްވި ގައުމުތަކުގެ އައިޑެންޓިޓީއާ ކަމަށެވެ.



advertisment