ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިންއަށް ސަލާމަތްތެރިކަން ދޭނެކަން ކަށަވަރުކޮށްދީފި ނަމަ ހުޅަނގުގެ ގައުމުތަކުން އުފައްދައިފައިވާ އަސްކަރީ ޖަމިއްޔާ ނޭޓޯގައި ޔޫކްރެއިން ބައިވެރިނުކުރައްވާނެ ކަމަށް ރައީސް ވޮލޮޑޮމިއަ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ނޭޓޯގައި ޔޫކްރެއިނުން ބައިވެރިވުމަކީ ރަޝިޔާ އެންމެ ޖެހިލުންވާ އެއް ކަމެވެ. ސަބަބަކީ ރަޝިޔާގެ ސަލާމަތަށް ހުޅަނގުގެ ގައުމުތަކުން ނުރައްކާކޮށްފާނެތީއެވެ. ރަޝިޔާއިން ޔޫކްރެއިން އެއްކޮށް ހިފަން ކުރަމުންދާ ހަނގުރާމަ ހުއްޓައިލެވޭނީ ވެސް ރަޝިޔާއާ ސުލްހަވެގެންކަމަށާއި މިހެންވެ ޔޫކްރެއިން ނޭޓޯގައި ބައިވެރިވުމަކީ އެމެރިކާއިން ދެކޮޅުހަދާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ވިދާޅުވެފައެވެ.
ޖަރުމަނީގެ ވެރިރަށް ބާލިންގައި ސުލްހައިގެ ވާހަކަތައް ހުއްޓުމަކަށް އައިސްފައިވާއިރު ޒެލެންސްކީ (ފޮޓޯ) ވިދާޅުވީ ނޭޓޯއާ ގުޅެން ޔޫކްރެއިނުން ދެކެމުން އައި ޒަމާންވީ ހުވަފެން ދޫކޮށްލައްވާނީ ޔޫކްރެއިނަށް "ގާނޫނީ ގޮތުން ހުޅަނގުގެ ގައުމުތަކުން ހިމާޔަތް ދިނީމާ"ކަމަށެވެ.
"މިއީ ރަޝިޔާއިން އަނެއްކާވެސް ހަމަލާ ނުދޭނެ ގޮތް ހެދުމަށް އަހަރެމެން ބޭނުންވާ ޔަގީންކަން. އެމެރިކާ، ޔޫރަޕް، ކެނެޑާ އަދި ޖަޕާން ފަދަ ގައުމުތަކުން ވެސް ޔޫކްރެއިނަށް ސަލާމަތްތެރިކަން ކަށަވަރުކޮށްދޭން އަހަރެމެން ބޭނުން،" ޒެލެންސްކީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނޭޓޯގައި ބައިވެރިނުވާން ނިންމާ ނަމަ އެ ކަން ވާނީ ޔޫކްރެއިނުން ދޭ ދޫދިނުމެއްކަމަށެވެ.
ޒެލެންސްކީ މިހެން ވިދާޅުވި ނަމަވެސް ޔޫކްރެއިންގެ އާއްމު ރައްޔިތުންނަށް މި ނިންމެވުމުން ތަސައްލީއެއް ނުލިބޭކަމަށް ރިޕޯޓްތައް ބުނެއެވެ. ސަބަބަކީ މާޒީގައި ބޭއްވި ޑިޕްލޮމެޓިކް ވާހަކަތައް ވެސް ދާއިމީ ސުލްހައެއް ނުލިބި ނިމިފައިވާތީއެވެ.
ބާލިންގެ ސުލްހައިގެ ވާހަކަތައް ކުރިއަށްގެންދިއުމަށްޓަކައި ހުޅަނގުގެ ގައުމުތަކުގެ ހަރުދަނާ ހުށަހެޅުންތަކަކަށް ޔޫކްރެއިން އަދިވެސް ދަނީ އިންތިޒާރުކުރަމުންނެވެ.



advertisment