މުޅިންހެން ސުންނީ މުސްލިމުންގެ އާބާދީއެއް އޮންނަ، ނަމަވެސް ދީނީ ހަމަނުޖެހުމެއްކަމަށްނުވާ ސޫދާންގެ ދާރުފޫރު މައްސަލަތަކުގައި ހާލުގައިޖެހިފައިވާ މީހުންނަށް އިންސާނީ އެހީގެ އަށް ފްލައިޓް ކުއްލި ގޮތަކަށް ޔޫރަޕް އިއްތިހާދުން ފޮނުވައިފިއެވެ.
ދާރުފޫރަކީ ދީނީ ހަމަނުޖެހުން ބޮޑު ތަނެއް ގޮތަށް ދުނިޔޭގެ ބައެއް މީޑިއާއިން ސިފަކޮށްދިނަސް ހަގީގަތުގައި ދާރުފޫރުގައި ޖެހިގެން އުޅެނީ ނަސްލީ ތަފާތުކުރުމާއި ސިޔާސީ ހަމަނުޖެހުމާއި އަދި ބިން ހޯދުމުގައި އުފެދިފައިވާ ހިލާފުތަކާ ގުޅޭ މައްސަލަތަކެވެ.
ދާރުފޫރަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާގައި ތާށިވެފައިވާ މީހުންނަށް އެހީވުމަށް ޔޫރަޕް އިއްތިހާދު ނުވަތަ ޔޫރަޕިއަން ޔުނިއަން (އީ.ޔޫ)އިން އިއްޔެ ފޮނުވީ 4.1 މިލިއަން ޑޮލަރު (63.1 މިލިއަން ރުފިޔާ)ގެ އެހީއެވެ.
ފްލައިޓްތަކުގައި ދާރުފޫރަށް ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި ފުރާނަ ސަލާމަތްކުރަން ބޭނުންވާ ސާމާނު ހިމެނެއެވެ. އޭގެ ތެރޭގައި ފެނާއި ހިޔާވަހި ހަދާނެ އާލާތްތަކާއި ސިއްހީ ސާފުތާހިރުކަން ދަމަހައްޓާނެ ތަކެތި ހިމެނެއެވެ.
ދާރުފޫރަކީ އެހީ ދޭ ޖަމާއަތްތަކަށް ވަންނަން ދުނިޔޭގައި އެންމެ އުނދަގޫ އެއް ތަނެވެ.
"މި ފްލައިޓްތަކުގައި ފޮނުވީ ބަނޑުހައިހޫނުކަމާއި ގެދޮރު ދޫކޮށް ދާން ޖެހުމާއި ބަލިޖެހުމުން ދުރުކޮށްދޭން އީ.ޔޫއިން ދިން އެހީ،" އީ.ޔޫގެ އޮފިޝަލަކު ބުންޏެވެ.



advertisment