Support Us

ދަތިކުރުމުގެ ފިޔަވަޅުތަކާހުރެ އީރާންގައި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

ހުޅަނގުން އެދޭ ގޮތަށް ނިއުކްލިއަ ޕްރޮގްރާމް ހިންގާ މަރުކަޒުތައް ޗެކުކުރަން ދެކޮޅުހެދުމުން އެޅި އިގުތިސާދީ ދަތިކުރުމާހުރެ އީރާންގައި ޕެޓްރޯލްގެ އަގު ބޮޑުކޮށްފިއެވެ.

މިއީ 2019 އަށް ފަހު އީރާނުން ފެޓްރޯލްގެ އަގު ބޮޑުކުރި ފުރަތަމަ ފަހަރެވެ. އެ ފަހަރު ޕެޓްރޯލްގެ އަގު ބޮޑުކުރުމުން ކުރި މުޒާހަަރާތަކުގައި އެތައް ސަތޭކަ ބަޔަކުވަނީ މަރުވެފައެވެ. އެއީ 1979 ގައި ގެނައި އިންގިލާބުގެ މުޒާހަރާތަކަށްފަހު އީރާންގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ފަހަރެވެ. އީރާން ރައްޔިތުންނަށް ލިބޭ އުޖޫރަ ކުޑަވުމާއި ތަކެތީ އަގު ބޮޑުވުމުން މީހުން އަބަދުވެސް ސަރުކާރަށް ބަރޯސާވަނީ ޕެޓްރޯލްގެ އަގު ބޮޑުނުކުރުމަށެވެ.

އޮފިޝަލުން ބުނީ މިއީ ބައިނަލްއަގުވާމީ މުޖުތަމައުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާހުރެ އީރާންގެ އިގުތިސާދަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ އެޅި ފިޔަވަޅެއް ކަމަށެވެ. އެ ގޮތުން ތެލަށް ދޭ ސަބްސިޑީ ވެސް ވަނީ ދަށްކޮށްލައިފައެވެ.

"ޕެޓްރޯލްގެ އަގު ބޮޑުކުރަން ޖެހުނީ ބޭކާރު ގޮތުގައި އެ ބޭނުންކުރުމުން މީހުން ދުރުކުރަން. އަދި ޕެޓްރޯލް ސްމަގްލް ކުރުން ފުޅާވެފައިވާތީ އެ ކަމަށް ވެސް ހުއްޓުމެއް ގެންނަން،" އޮފިޝަލަކު ބުންޏެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނީ ޕެޓްރޯލްގެ އަގު ބޮޑު ކުރުމުން މިހާރު ވެސް ނިކަމެތި ހާލުގައި އުޅޭ އާއިލާތަކަށް އިތުރު ބުރަކަން އުފުލަން ޖެހޭނެކަމަށެވެ.

އަލަށް ހަމަޖެއްސި ގަވައިދުގެ ދަށުން އެންމެ ކުޑަކޮށް މިހާރު ވެސް ފޯރުކޮށްދޭ ސަބްސިޑީގެ ރޭޓުން މަހަކު 60 ލީޓަރު ދުއްވާ އުޅަނދު ފަހަރަށް ވިއްކައެވެ. އެއީ ލީޓަރެއް 15،000 ރިޔާލް ނުވަތަ 5.5ރ. އަށެވެ.

ނަމަވެސް އެ ކޯޓާ ފަހަނަޅާ ގޮތަށް ޕެޓްރޯލް އިތުރަށް ބޭނުންކުރާ ފަރާތްތަކަށް ދައްކަން ޖެހޭ އަގު ފާހަގަކުރެވޭ މިންވަރަކަށް ބޮޑެވެ. އެއީ މަހަކު 100 ލީޓަރު، ލީޓަރެއް 30،000 ރިޔާލް ނުވަތަ 10.97ރ. އަށެވެ.

އެންމެ ގިނައިން ޕެޓްރޯލް ބޭނުންކުރާ މީހުންނަށް މަހަކު 160 އަށްވުރެ ގިނަ ލީޓަރު މިހާރު ވިއްކަނީ ލީޓަރެއް 50،000 ރިޔާލް ނުވަތަ 18.3ރ. އަށެވެ.

ޕެޓްރޯލްގެ އަގު ބޮޑުކުރި ނަމަވެސް އެހެން ގައުމުތަކާ އަޅާބަލާއިރު އީރާނަކީ ޕެޓްރޯލް އެންމެ އަގު ހެޔޮކޮށް އަދިވެސް ވިއްކާ އެއް ގައުމެވެ.

އިގުތިސާދު ދިރާސާކުރާ ފަރާތްތަކުން ބުނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާންގައި ތެޔޮ ސާފުކުރުމަށް ހުރަސްތަކެއް އެޅިފައިވާކަމަށެވެ. މިހެންވެ އަގުބޮޑުކޮށް ތެޔޮ އެތެރެކުރަން ޖެހުމުން އެ ކަމަށް އެތައް ބިލިއަން ޑޮލަރެއް ހަރަދުކުރަން ޖެހޭ ކަމަށެވެ. އަދި މި ކަމުން އީރާންގެ މާލީ ހާލަތަށް މިހާރު މައްސަލަތައް ކުރިމަތިވެފައިވާކަން ހާމަވާކަމަށެވެ.

އީރާންގައި ތަކެތީ އަގު ނުވަތަ އިންފްލޭޝަން މިހާރު ހުރީ ގާތްގަނޑަކަށް 40 ޕަސެންޓްގައެވެ. އަދި ފައިސާގެ އަގު ވެސް ދަނީ ހިފެހެއްޓުމެއް ނެތި ވެއްޓެމުންނެވެ.

"މި ފަހަރު ޕެޓްރޯލްގެ އަގު ބޮޑުކުރުމުން އިހްސާސްކުރެވެނީ ނުސީދާ ޓެކުހެއް ގޮތަށް. މި ފައިސާ ދެއްކުން ނޫން ގޮތެއް އަހަރެމެންނަކަށް ނެތް،" ވެރިރަށް ތެހްރާންގައި ޓެކްސީ ދުއްވާ މީހަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް